އެއީ ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ދުވަހަކީ ދެހާސްބާރަވަނަ އަހަރުގެ މެއި މަހުގެ އޮނަތިރީސްވަނަ ދުވަހެވެ. އެއީ އެފްރިކާގެ ޤައުމެއްކަމަށްވާ ކެންޏާއެވެ. ކެންޏާގެ އިރުއުތުރު ޕޮރޮވިންސެއްކަމަށްވާ އިޖްރާ ގެ "ހާރާ"އޭ ކިޔުނު ރަށުން ނުކުމެގެން އުމުރުން 80ގެ އަހަރުތައް ގުނަމުންދާ މުސްކުޅިއަކާއި މެދުމަދަރުސީ ތަޢުލީމު ގެ މަރުހަލާ ކިޔަވާ ޢުމުރުގެ ފިރިހެން ކުއްޖަކު ފައި މަގުގައި އެދާތަން ތިޔަބޭފުޅުންނަށް އެގިވަޑައިގަނޭތޯއެވެ؟ އެ ދެމީހުން އެދަނީ ފައިމަގުގައި ހިނގާ ކަސްރަތުކުރާކަށްނޫނެވެ. އެކަމަކު އެމީހުން އެދަނީ އެ ޕޮރޮވިންސްގެ ވެރިޔަކާއި ބައްދަލުކުރަން "މަސަލަންނި" ކިޔާ ރަށަކަށެވެ. މިފަދަ ދަތުރުފަތުރު ކުރުމުގެ ވަޞީލަތްތައް ފަހި ޒަމާނެއްގައި އެގޮތަށް ފައިމަގުގައި ހިގާފައި އެމުސްކިޅިއާއި އޭނާގެ ދަރިފުޅު އެދަނީ އެއްގޮތަކަށްވެސް އާދަކާދައާއި ޘަޤާފަތް ދިރުވާކަށްނޫނެވެ. އެމީހުންނަށް އެނޫންގޮތެއްނެތިގެންނެވެ. ކޮންމެއަކަސް ދިގުދަތުރަކަށް ފަހު އެމީހުންނަށް "މަސަލަންނީ"އަށް އާދެވިއްޖެއެވެ. އަދި އެމީހުން ބައްދަލުކުރައްބޭނުންވި އެ ޕޮރޮވިންސުގެ އިސްވެރިއަކާއި ބައްދަލުކޮށް އެމީހުންގެ ބޭނުން ހުށައަޅައިފިއެވެ. އިސާހިތަކު އެދެމީހުން އެހެން އޮފީހަކަށް ފޮނުވައިފިއެވެ. ނަމަވެސް އެ އޮފީހުން ނުކުމެގެން އައި އިރު އެ މުސްކުޅިޔާގެ މޫނުމަތިން ފެންނަނީ އެ އޮފީހަށް ވަންއިރު ފެނުނުކަހަލަ މަންޒަރުތަކެއްނޫނެވެ. ޕޮރޮވިންސުގެ އިސްވެރިޔާ ފޮނުވި އޮފީހުން ނުކުއް އިރު މުޅިމޫނުމަތިން ފެންނަނީ ހާސްކަމެވެ. ކަންދިމާކުރިގޮތުން އެވަގުތު އެތަނުގައި ހުރި ކެންނާގެ ނޫސްވެރިއެއްކަމަށްވާ މުހައްމަދު ބިޝާރުގެ ލޮލުގައި މި ދެބަފައިން އަޅައިގަތެވެ. ނޫސްވެރިޔާ އެ މުސްކުޅިއާއި ސުވަލުކޮށްލިއެވެ. އެވަގުތު އެ ބޭބެ އޭނާގެ ހާލު ކިޔައިދިނެވެ. ފަތިހު ފައިމަގުގައި އެތަށް މޭލެއް ކަނޑަތުކޮށްފައި އައިބެނުންބުންޏެވެ. އެބޭބެ ކިޔައިދިނެވެ. "އަހަރެން މި އައީ އަހަރެންގެ މި ދަރިފުޅުގެ ސުކޫލު ފި ދައްކާނެ ގޮތެއް ނެތިގެން އެހީއެއް ހޯދާށެވެ. ޕޮރޮވިންސުގެ އިސްވެރިޔާ އަށް އަހުރެންގެ ބޭނުން ބުނެދިނީމާ ފޮނުވީ މިތަނަށްށެވެ. އެކަމަކު މި އޮފީހުން ބުނީ އެމީހުންގެ އެކައުންޓުގައި އެންމެ ލާރިފޮށްޖެއްވެސް ނެތްކަމަށެވެ. އަހަރެން ދެން މިދަރިފުޅަށް އެހީވާނެ ގޮތެއް ނެތެވެ. އަހަރެންގެ މުޅި މިލްކިއްޔާތުގައި އޮތީ އެންމެ ފަސްބަކައްޓެވެ. އެ ތަކެތި ވިއްކާލައިގެން ފުރަތަމަ ޓާމްގެ ފީ ދެއްކިއެވެ. އެކަމަކު މިއަދު އެއްވެސް އިތުރުގޮތެއްނެތެވެ. އަހަރެމެން ދެބަފައިން މިތިބީ ހުސް ގޮހަރާއެވެ." މުސްކުޅިއާގެ ވާހަކަތައް އަޑުއަހާފައި ނޫސްވެރިޔާ ހަމްދަރުދީވިއެވެ. އަދި އޭނާ އެ ކުއްޖާގެ އަތުގައި އޮތް ކަރުދާސްތައްކަށް ނަޒަރު ހިންގާލިއެވެ. އެއީ އެކުއްޖާގެ ރިޕޯޓްފޯރމެވެ. ފޯރމުގައިވަނީ ހުސް އޭ ގުރޭޑެވެ. އެކަމަކު އެ ކުއްޖާގެ ތަޢުލީމީ ހަޔާތް މިއަދު އެވަނީ ބަނަވެފައެވެ.
މިފަދަ އެތަށް ކުދިންނެއް މި ދުނިޔޭގައި އުޅެއެވެ. މިފަދަ އެތަށް ބަފައިންނެ މިދުނިޔޭގައި އުޅެއެވެ. ބަނޑުފުރާނެ މުއްތިކުރާނެ ވަރު ނުލިބޭ ކިތަމެ ބަޔަކު މިދުނިޔޭގައި އުޅެއެވެ. މިކަމަށް ވަނީ ޙައްލެއް ބޭނުންވެފައެވެ. ދުނިޔެއިން ފަޤީރުކަށް ނައްތާލާނީ ކިހިނެއްބާވައެބެ؟ ދުނިޔޭގައި އެއްބަޔަކު މުއްސަދިކަމުން އެމީހުންނަށް ލިބިފައިވާ ފައިސާތައް އިސްރާފުކުރާއިރު އަނެއްބަޔަކު ބަނޑަށް މަރުވަނީ ކީއްވެބާވައެވެ؟ މިކަމުގެ ޒިންމާނަގާނީ ކޮންބައެއްހެއްޔެވެ؟ މިކަމަށް އޮތީ ކޮން ޙައްލެއްބާވައެވެ؟
29 އަހަރަށްވުރެ ގިނަދުވަހު އެފްރިކާ ބައްރުގައި އިސްލާމްދީނަށް މީސްތަކުންނަށް ގޮވާލުމުގެ މަތިވެރި މަސައްކަތް އަމިއްލައަށް ކުރައްވާފައިވާ އަދި އެބޭފުޅެއްގެ އަށްމައްޗަށް 11 މިލިޔަން މީހުން އިސްލާމްދީން ޤަބޫލުކޮށްފައިވާ ކުވެއިތުގެ ދާޢީއެއްކަމަށްވާ އައްޝައިޙް ޢަބުދުރަޙްމާން އައްސަމީޠު –ރަޙިމަހުﷲ- އަވަހާރަވުމުގެ ކުރިން ކުވެއިތިގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ފަޤީރުކަށް ނައްތާލާނެ ހައްލެއް ބަޔާންކުރައްވާފައެވެ. އެ ޝައިޚް ވިދާޅުވާ ގޮތުން ސަޢޫދީ އަރަބިއްޔާ އާއި ކުވެއިތާއި ދުބާއީ އާއި އަދި އަބޫ ދާބީގެ ވިޔަފާރި ބާޒާރުތަކުން ދައްކަށްޖެހޭ ފަރުޟް ޒަކާތް ދައްކާ ކަމަށްވާނަމަ މުޅި ދުނިޔެއިން ފަޤީރުކަށް ނައްތާލެވޭނެއެވެ.
އާދޭ! އެއްވެސް ޝައްކެއްނެތެވެ. އިސްލާމްދީންވަނީ އިންސާނިއްޔަތަށް ދިމާވާ ހުރިހާ ކަމަކަށް ހައްލުގެނެސްދީފައެވެ. އިސްލާމީ ތާރީޚުގައި ވަނީ އެމީހުންގެ ވެރިކަށް ކުރި ހިސާބުތަކުން ފަޤީރުކަމާއި އަނިޔާވެރިކަށް އެކީފޮހެލާފައެވެ. ތާރީޚީ ބައެއް އިލްމުވެރިން ބަޔާންކޮށްފައިވާގޮތުން ޢުމަރުބްނު ޢަބުދުލްޢަޒީޒު-ރަޙިމަހުﷲ-ގެ ޚިލާފަތުގައި ތަނަވަސްކަށް ފެތުރި ޒަކާތް ޤަބޫލުކުރާނެ ފަޤީރެއް މިސްކީނެއް ނެތިގެންދިޔައެވެ. މީއީ އަޅުގަނޑުމެންގެ ފަޚްރުވެރި ތާރީޚެވެ. އިއްޔެ މުސްލިމުން ގެ ތެރޭގައި ޒަކާތް ޤަބޫލުކުރާނެ ފަޤީރަކު ނެތީއެވެ. ނަމަވެސް މިއަދު މުސްލިމުންގެ ތެރޭގައި ޒަކާތް ދައްކާނެ މީހަކުނެތީއެވެ.















ޚިޔާލު