ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) އެއްބަސްވުމުގައި އިސްލާމްދީނާއި ދިވެހިގައުމަށް ގެއްލުންހުރި ކަންތައްތަކެއް އެބަހުރި ކަމަށާއި އެ އެއްބަސްވުމާއި ދެކޮޅަށް ތެދުވާނަން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސޯފާ އެއްބަސްވުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޢަބްދުﷲ މުޙައްމަދުގެ އަމިއްލަފުޅު ފޭސްބުކް ސްޓޭޓަސްގައި ލިޔެފައިވާގޮތުގައި، ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމެއް ކަމަށާއި އަދި ސޯފާ އެއްބަސްވުމުގައި އިސްލާމްދީނާއި ދިވެހިގައުމަށް ގެއްލުންހުރި ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ އެއްބަސްވުމާއި ދެކޮޅަށް ތެދުވާނަން ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
ޢަބްދުﷲ މުޙައްމަދު އިތުރަށް ލިޔުއްވާފައިވާގޮތުގައި، "ގައުމައިގެން ކުރިއަށް" ދާންޖެހޭނީ ރައްޔިތުންނަށް ފައިދާވާގޮތަށްކަމަށާއި، "ގައުމައިގެން ކުރިއަށް" ކަމަށް ވިދާޅުވެ "އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ" ގަންނަވާ އުސޫލުން ކަންކަން ކުރައްވާގެން ނުވާނެކަމަށެވެ.
"ސޯފާ އެއްބަސްވުމުގައި ހުރި ކަންބޮޑުވާ ބައެއް ކަންތައްތައް. މިކަމާއިދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކުރާނަން. ނަމަވެސް މީ އަދި ޑޮރާފްޓެއް" ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.
ޢަބްދުﷲ މުޙައްމަދު ފާހަގަ ކުރައްވާފައިވާގޮތުގައި، ސޯފާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދެއް ބޭރުބަޔަކަށް ރައްޔިތުންނަށް ފައިދާނުވާގޮތަށް ދިނުމާއި ދިވެހި ޖުމްހޫރިއްޔާގެ އެއްވެސް ގާނޫނެއް އެމީހުންގެ މައްޗަށް ހިންގޭނެ އެއްވެސް ޖާގައެއްނެތުން އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އަދި މިއެއްބަސް ވުމުގެ ސަބަބުން، ދިވެހި ދައުލަތުގެ މައްޗަށް އެބައިމީހުންގެ ނުފޫޒު ފޯރުވަން މަގުފަހިވެގެން ދާނެކަމަށާއި އެބައިމީހުންނާއިމެދު ނުރުހުންވެފައިވާ ދުނިޔޭގެ ލޯތައް މިގައުމަށް އަމާޒުވެ މިގައުމަށް ނުރައްކާތައް އަމާޒުވެދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިބައިމީހުން މިގައުމުގައި ކޮންމެފަދަ ޖަރީމާއެއް ހިންގިޔަސް ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތް. (ޖަޕާނަށް ބައްލަވާ! މިކަން ކަށަވަރުވާނެ). މިބައިމީހުން މިތާ ދެމިތިބޭއިރު މިތަނުގައި ލާދީނިއްޔަތު ފަތުރާނެ. މިހާރުވެސް މިގައުމުގައި ދީނީމިނިވަންކަން ނެތޭބުނެ ފިއްތަމުންގެންދަނީ. އަދިވެސް މިނޫން އެތައްކަމެއް އެބަހުރި. މިއަދު އިސްލާމީ ގައުމުތަކާއިމެދު އެމެރިކާއިން ޢަމަލުކުރާގޮތްތައް މިކަމުގެ ހެތްކަކަށްފުދޭ" ޢަބްދުﷲ މުޙައްމަދު ލިޔުއްވާފައިވެއެވެ.
ސޯފާ އެއްބަސްވުމާ ބެހޭގޮތުން، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑރ ޝަހީމް ވިދާޅުވީ، ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބޭ ގޮތަށް އެ އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށާއި އިސްލާމީ ގައުމަކަށް ހަމަލަދޭއިރު އެ މީހުންގެ [އެމެރިކާގެ] މަރުކަޒަކަށް ރާއްޖެ ބޭނުންކޮށްފާނެ ކަމަށާއި މިކަމާ އެއްވެސް ދުލެއް ނުދެވޭނެ ކަމަށެވެ.
އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި އައިޝަތު އާޒިމާ ޝަކޫރު ހުންނެވި އިރު ސޯފާ އެގްރިމަންޓާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) އަކީ އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެކެވެ.

















ޚިޔާލު