ރާއްޖޭގެ ޚަބަރު

ފަސްލައްކަ ރުފިޔާގެ އަގުހުރި ގުރުއާން މުބާރާތެއް ޓީވީއެމުން ފަށަނީ

"ރާއްޖޭގެ އެންމެ އަލިގަދަ ތަރި" ހޮވުމަށް ޓީވީއެމުން ފަށަން އުޅޭ ޝޯގެ ޓްރެއިލާއިން ނަގާފައިވާ ސްކްރީންޝޮޓެއް

އެންމެ ރީތިކޮށް ގުރުއާން ކިޔަވާ މީހަކު ހޮވުމަށް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މި ނަމުގައި ރަމަޟާން މަހަށް ހާއްސަކޮށްގެން 500،000 ރުފިޔާގެ އަގުހުރި ޕްރޮގްރާމެއް ގެނެސްދިނުމަށް ޓީވީއެމުން ނިންމައިފި އެވެ.

"ރާއްޖޭގެ އެންމެ އަލިގަދަ ތަރި" ހޮވާ ޕްރޮގްރާމްގެ ޕްރޮޑިއުސަރ މުޖުތަބާ ރަޝީދު (އެމްއޭ.ކަރީމް) އާހަވާލާދީ ސަން އޮންލައިންއިން ހާމަކޮށްފައިވަނީ މި ޕްރޮގްރާމްއަކީ، ދިވެހިންގެ މެދުގައި ގުރުއާނަށް އޮތް ލޯބި އިތުރުކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަލަށް ފަށާ މިޕްރޮގްރާމް އެއް ކަމަށެވެ. އަދި މަގުބޫލްކަން އޮންނަ މިންވަރެއްގެ މައްޗަށް ބަލާފައި މި ޕްރޮގްރާމް ކޮންމެ އަހަރަކު ވެސް ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޕްރޮޑިއުސަރ މުޖުތަބާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ގުރުއާންގެ އިލްމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ތިން ބޭފުޅުން ކަމަށެވެ.

"ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި" ގެ ގޮތުގައި ހޮވޭ ފަރާތަކަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން އެންމެ އަލިގަަދަ ތަރީގެ ލަގަބް ދިނުމުގެ ގޮތުން ހާއްސަ އެވޯޑެއް ދިނުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

18 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ޓީވީއެމުން އަންނަ ރަމަޟާން މަހުގެ ބޭއްވުމަށް ހަމަޖައްސާފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ނިޔަލަށް ވަނީ ހުޅުވާޅައިފައެވެ. އަދި ޕްރޮގްރާމްގެ އޮޑިޝަން މިމަހުގެ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮޑިއުސަރ ވިދާޅުވި އެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ ޓީވީއެމް އިން ގަބޫލް ކުރާ ގޮތުގައި ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް ވާނީ އެންމެ ރީއްޗަށް ގުރުއާން ކިޔަވާ މީހެއް ކަމަށެވެ. އަދި ގުރުއާން ކިޔުމުގެ އިތުރުން ގުރުއާންގެ ކިޔެވުމުގައި އެމީހަކަށް ލިބިފައިވާ ގުރުއާނުގެ އިލްމުގެ ހުނަރުތަކާއި އެމީހެއްގެ ޕްރޮފައިލް ދައްކަައިދެވޭ ފަދަ ގޮތަކަށް މި ޕްރޮގްރާމް ކުުރިއަށްދާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ރަމަޟާން މަހު ޓީވީ ޝޯއެއްގެ ގޮތުގައި ގެނެސްދޭ މި ޕްރޮގްރާމްްގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ 12 ބައިވެރިންނެވެ. އަދި ނުވަ ޕްރޮގްރާމެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ޝޯގައި ކޮންމެ ރެއަކު ވެސް ދެ މީހުން ނުވަތަ އެކަކު ކަޓަމުން ގޮސް ފައިނަލްގައި ވާދަކުރާނީ ދެ ބައިވެރިންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ އީޓީ ޖެހުމަށްފަހު ނަމާއި އުމަރާއި އައިކާޑު ނަމްބަރު ޖެހުމަށް ފަހު 300 މި ނަމްބަރަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *