"ސަފުތައް ދިމާވާގޮތަށް" އިސްލާމީ މަރުކަޒުގެ ކާޕެޓް ބަދަލު ކުރަން ބަޔަކާ ހަވާލުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ އާއި ހަވާލާދީ ދުވަހު ނޫސް 'ސަން'ގައި މިއަދު ޝާއިއުކޮށްފައިވާ ޚަބަރު ބުނާ ގޮތުގައި "އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ މާލަމުގެ ކާޕެޓް ބަދަލުކުރުމަށް 1.2 މިލިއަން ރުފިޔާއަށް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ"ކަމަށެވެ. 'ސަން'އަށް ދީފައިވާ އިންޓިވިއުގައި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ ވިދާޅުވެފައިވަނީ "8 ވަރަކަށް އަހަރު ފަހުން އިސްލާމިކް މަރުކަޒުގެ ކާޕެޓްތައް ބަދަލުކުރުމަށް ސުޕެކްޓުރާ ކޮންސެޕްޓް ޕުރައިވެޓް ލިމިޓެޑް ކިޔާ މިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ" ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ކާޕެޓް ބަދަލު ކުރަން ހަވާލު ކުރި ކުންފުންޏާއި ހަވާލާދީ 'ސަން' ގައިވަނީި ކާޕެޓް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެންމެ ބޮޑު އިސް ކަމެއްދޭނީ ކާޕެޓް ބަދަލުކުރާއިރު ސަފްތައް ދިމާވާގޮތަށް ކާޕެޓްތައް އެޅުމަށް ކަމަށެވެ. އަދި ކުރިން އިސްލާމިކް މަރުކަޒުގައި އަޅާފައިހުރި ކާޕެޓްތަކުގެ ބަދަލުގައި އެއަށްވުރެ މާކޮލެޓީ ކާޕެޓްތަކެއް އަޅާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފެށޭ ވަރުވާނެ ކަމަށް ކާޕެޓް ބަދަލު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސުޕެކްޓުރާ ކޮންސެޕްޓްގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު އަޝްފާގް ވިދާޅުވެފައިވެއެވެ.
ކާޕެޓް ބަދަލު ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއިން ހަވާލުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...