މުހީތު މަރާލުމުގެ ކުށް ދެ ކުއްޖެއްގެ މައްޗަށް ސާބިތުވުމުން އެ ދެ ކުދިން މެރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ވަޅިން ހަމަލާދީ ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ދެ ކުއްޖެއްގެ މައްޗަށް އުފުލުމަށްފަހު ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ "ހެކީންގެ ހެކިބަހުންނާއި ޝަރީއަތަށް ހުށަހެޅުނު އެހެނިހެން ހެކިތަކުންނާއި ގަރީނާތަކުން އެދެ ކުދިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ" ކަމަށެވެ. އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރި ތިން ވަނަ ކުށްޖާގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އަބްދުލް މުހީތުގެ ވާރިސުންގެ ގޮތުގައި ހިމެނޭ 26 ވާރިސުން ވެސް ބޭނުން ވަނީ އަބްދުލް މުހީތު މަރާލި ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށް އެމީހުން ޝަރީއަތުގައި ބުނެފައިވެއެވެ.
ކޯޓުގެ ހުކުމްގައި ވަނީ "އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބުކަމަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާން ވެގެން ވާތީ އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މަރާލި މީހެއްގެ އަދަބަކީ މަރުވި މީހާގެ ވާރިސުންގެ ތެރެއިން އެކަކު ވެސް އެކަމަށް އިއުތިރާޒު ނުކުރާނަމަ ގާތިލްގެ ކިބައިން ގިސޯސް ހިފުން އެބަހީ މަރަށް މަރު ހިފުން ކަމާއި ގ. ވޭރު މާލެ އަބްދުލް މުހީތުގެ ވާރިސުންގެ ގޮތުގައި ހިމެނޭ 26 ވާރިސުން ވެސް ބޭނުން ވަނީ އަބްދުލް މުހީތު މަރާލި ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށް އެމީހުން ޝަރީއަތުގައި ބުނެފައި ވުމާ އެކު އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މި ދެ ކުދިންނަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ވުމުން މި ދެ ކުދިން މެރުމަށް ހުކުމްކޮށް މި މައްސަލަ ނިންމީމެވެ،" މިފަދައިންނެވެ.
މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...