އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވާ “އިސްލާމިކް ފެއާރ” މާދަމާ ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހާމަކުރާ ގޮތުގައި އެމިނިސްޓްރީ އިންތިޒާމްކޮށްގެން އެކިފަރާތްތަކުގެ އެހީތެރިކަމާއެކު ބާއްވާ އިސްލާމިކް ފެއާރ އޮންނާނީ މާދަމާއިން ފެށިގެން މިމަހު 05 އަށެވެ. އެކި ބުކްޝޮޕްތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ މި ފެއާރ ގައި ކުޑަ ކުދިންގެ ސްޓޯލަކާއި، އެހެނިހެން ޙަރަކާތްތައް ކުރިއަށް ދާނެކަމަށް މައުލޫމާތު ލިބެއެވެ.
މިފެއަރގެ މަޤުޞަދުގެ ތެރޭގައި އިސްލާމްދީނުގެ މަޢުލޫމާތު ޢާއްމުންނަށް ފަސޭހަކަމާއެކު ލިބުމާއި، އަދި އެއްތަނަކުން ދީނީ ގިނަ ފޮތްތަކެއް ލިބޭނެ ފުރުޞަތެއް ޤާއިމްކުރުމާއި، ދީނީ މަޢުލޫމާތު ހޯދަންބޭނުންވާ މީހުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ އިތުރަށް އިސްލާމިކް މިނިސްޓްރީގެ ޙަރަކާތްތައް ޢާއްމުންނަށް ހާމަކޮށްދިނުންވެސް ހިމެނެއެވެ.
ކުޑަކުދިންނާ ގުޅުންހުރި ދީނީ ޙަރަކާތްތަކުގެ ތެރޭގައި ނަމާދުކުރުމާއި، މަދަޙަކިޔުމުގެ އިތުރަށް، ޕަޒަލް ހެނދުމާއި ސުވާލާއި ޖަވާބު ދިނުން ފަދަ ކަންކަންވެސް ބޭއްވޭ މި ޙަރަކާތްތަކަށް ވަނީ އިނާމް ދިނުމަށްވެސް ހަމަޖެހިފައެވެ.
އަދި ކައުންސިލިންގ ޕްރޮގްރާމްތެރޭގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތަކާއި، ޢާއިލީ މައްސަލަތަކާއި، އެހެނިހެން މައްސަލަތަކަށް ޖަވާބު ދެއްވުމަށް ދީނީ ޢިލްމް ހާސިލް ކުރައްވައިގެން ތިއްބެވި އަންހެން އުސްތާޒާއިން ވެސް ތިއްބަވާނެ ކަމަށް އެ މިނިސްޓްރީ އިން ހާމަކުރައްވައެވެ.
ޚާއްޞަކޮށް އިސްލާމިކް ފައިނޭންސާއި ބެހޭ މަޢުލޫމާތުވެސް ދިނުމަށް ހަމަޖެހިފައިވާ މި ފެއާރ ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައަވެ.
އިސްލާމިކް ފެއަރ ހުޅުވޭނީ މާދަމާ ރޭ 8:30 ގައެވެ. އަދި މެއި 4 އަދި 5 މިދެދުވަހު ފެއަރ ހުޅުވިފައި ހުންނާނީ ހެނދުނު 10:00-12:00 އަދި ހަވީރު 4:00-6:00 އަދި ރޭގަޑު 8:30-11:30 އަށް ކަމަށް ވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ހާމަކުރައްވައެވެ.
މިފެއަރއަށް ވީހާވެސް ގިނަބަޔަކު ވަޑައިގެން ދެއްވުމަކީ އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...