ވާހަކަ

ތިބާގެ އަގުވެސް ހަމައެހާބޮޑެވެ.

ޖަލްސާގައި މީހުންނާ މުޚާޠަބްކޮށް ވާހަކަ ދައްކަން ހުރި މީހާގެ ޖީބުން 100 ޑޮލަރުގެ އައުނޫޓެއް ނަގައި ދައްކާލުމަށްފަހު މިނޫޓު ބޭނުމީ ކާކުތޯ ސުވާލުކުރިއެވެ.

ހާޟިރުވެ ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އެންމެންވެސް އަތްމައްޗަށްނަގާ ބޭނުންކަމަށް ޖަވާބު ދިނެވެ.

ވާހަކަ ދައްކަން ހުރި މީހާ ބުނީ މިއީ އެންމެ ނޫޓެކެވެ. ދެވޭނީ ވެސް އެކަކަށެވެ. ނަމަވެސް މިކަން ކޮށްލުމަށްފަހުގައޭ ބުނަމުން އަތުތެރެއަށް އެނޫޓުލާ ބޮނޑިކޮށްލުމަށްފަހު ބިޑިއެއް އަނބުރާހެން އަނބުރާލާފައި ސުވާލުކުރިއެވެ. މިހެންއޮއްވާ ދެން މިނޫޓު ބޭނުމީ ކާކުހެއްޔެވެ؟ ކުރިން ބޭނުން ކަމަށް ބުނި މީހުންގެ ޢަދަދަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެހާލުގައި އެނޫޓު އޮތަސް އެންމެންވެސް ބުނީ ބޭނުންކަމަށެވެ. މިފަހަރު އެމީހާ އެނޫޓު ބިންމައްޗަށް ވައްޓާލުމަށްފަހު ފައިވާނުންއަރާ، ކާއްތާލާ، ވެއްޔާ ތަތްތަޅުވާލިއެވެ. އެއަށްފަހު ނޫޓުނަގާ އެންމެންނާ މުޚާޠަބުކޮށް އެހިއެވެ. މިހާލުގައި މުނޫޓު އޮއްވާ ދެން ގެންދަން ބޭނުމީ ކާކުހެއްޔެވެ؟ މިފަހަރުވެސް އެނޫޓުބޭނުންވެގެން އަތްމައްޗަށްނެގި މީހުންގެ އަދަދު މަދެއްނޫނެވެ. ކުރިއެކޭ އެއްފަދައިން ހުރިހާ މީހުންވެސް ތިބީ އަތްމައްޗަށް ނަގައިގެންނެވެ.

އެމީހާ އެނޫޓު ނެގުމަށްފަހު ޖީބަށްލަމުން ބުންޏެވެ. މި ނޫޓު ކަލޭމެންނަކަށް އަހަރެން ނުދޭނަމެނެވެ. ނަމަވެސް މިއަދު އަހަންނަށް މިމަޖިލީހުން އެނގުނު އެއްޗެއް ބުނެދޭނަމެވެ. އެއީ ފައިސާއަށް ކޮންމެ ގޮތެއް ހެދިކަމުގައިވިޔަސް އެޔަށް މީހުން ކުރާ ގަދަރާއި، ބޭނުންވާ މިންވަރަކަށް އެއްވެސް ބަދަލެއްނާދެއެވެ. އެހެނީ އެނޫޓު ރީތިކޮށް އޮއްވާ ބޮނޑިކޮށްލުމުންވެސް އެބޭނުންވިއެވެ. އަދި ފައިދަށަށްލާ ކާއްތާ، ވެއްޔާ ތަތްތެޅުވީމަވެސް އޭގެ އަގަކަށް އެއްވެސް ބަދަލެއްނައެވެ.

ދަންނާށެވެ! އިންސާނުންނާ ކުރިމަތިވާ ކަންކަމުގެ ސަބަބުން ހަމަ މިފަދައިން އެތައްފަހަރަކު މީހާގެ ޤަދަރު ގެއްލި ނިކަމެތިވާތަން އާދެއެވެ.

ތަނަވަސް ކަމުން ފަޤީރުކަމަށް، އުފާވެރިޙާޔާ ތަކުން ހިތާމަވެރި ހަޔާތަކަށް ބަދަލުވާތަންވެސް އާދެއެވެ. މިހެން ދިމާވުމުން ތިމާގެ އެއްވެސް ޤަދަރެއްނެތްކަމާއި، އެއްވެސް އަގެއް ނެތްކަމަށް ވިސްނެއެވެ. އެއްގޮތަކަށްވެސް އެހެނެއް ނުވާނެއެވެ. ހާލަތު ކޮންމެ ގޮތަކަށް ބަދަލުވީކަމުގައި ވީނަމަވެސް ތިބާގެ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެކަން ހަނދާން ކުރަން ވާނެއެވެ. ތިބާޔަށް ޝައިޠާނާގެ ފުށުން ތިބާޔަށްއަންނަ ގޯސް ޚީޔާލުތައް ބުއްދީގެ މައްޗަށް ވެރިވިޔަނުދޭށެވެ. ދެކެންބޭނުންވާ ހުވަފެންތަށް އަވާމެންދުރަކަށް ބަދަލުވިޔަނުދޭށެވެ. ޙާޞިލް ނުވި ކަންކަންމަތި ހަނދާން ނައްތާލާށެވެ. ތިބާގެ އަސްލު އަގު ކަނޑައަޅާނީ ޚުދުތިބާއެވެ. ހަނދާންކުރާށެވެ. ތިބާގެ އަގު ވައްޓާނުލާށެވެ. އަދި ތިބާގެ ހައިސިއްޔަތު އަމިއްލެއަށް ދަށްވެސްނުކުރާށެވެ.

ނޯޓް: މި ވާހަކައަކީ ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަލީމު އޭނާގެ ބްލޮގުގައި ލިޔެފައިވާ ލިޔުމެއްގެ އަސްލު ނުގެއްލޭ ގޮތަށް ލިޔެފައިވާ ވާހަކައެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ވ.ރީތި

Your email address will not be published. Required fields are marked *

More in ވާހަކަ