ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްއަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމް ދީނަށާއި، ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންވެސް ކުށްވެރިކޮށްފި އެވެ.
މާތްވެގެންވާ އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުމަށްޓަކައި މުޙަންމަދު ނަޝީދު ދައްކާފައިވާ އެންމެހާ ޣައިރު އިސްލާމީ ވާހަކަތައް ޑީއާރުޕީގެ ދީނީ ގޮފީގެ ފަރާތުން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ “ކުރީގެ ރައީސް މުޙަންމަދު ނަޝީދު ދާދިފަހުން ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި މާތްވެގެންވާ އިސްލާމްދީނާ ކީރިތި ރަސޫލާ صلىاللهعليهوسلمގެ ޝަޚްޞިއްޔަތުގެ ކަރާމާތަށް ހުތުރުވާ ގޮތަށް ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އިސްލާމްދީނަށް ނިސްބަތްވާ ދިވެހި ދަރިޔަކު ދައްކަން އެކަށީގެންވާ ވާހަކަތަކެއް ނޫންކަމަށެވެ.
މާތްވެގެންވާ އިސްލާމްދީނަކީ ހުރިހާ ޒަމާނަކާއި، ތަނަކަށް، ފުރިހަމައަށް ފެތޭގޮތަށް އައިސްފައިވާ އެންމެފަހުގެ ދީން ކަމަށާއި އެދީނުގައި އިންސާނީ ޙަޔާތް ބާއްޖަވެރިކުރުމަށް ބޭނުންވާ އެންމެހައި އުޞޫލުތަކާއި، އަސާސްތައް ހިމެނިފައިވާ ކަމަށެވެ. އަދި އިރާދިމާއަށް ފުޅިބައްތި ދިއްކުރީމައި އިރުގެ އަލިކަމަށް ފަނޑުކަމެއް ނާންނާނޭ ފަދައިން ބަޔަކު ދައްކާ މިބާވަތުގެ ވާހަކަތަކަކުން އިސްލާމްދީނުގެ މަތިވެރިކަމަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ވެސް ޑީއާރުޕީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ކުރީގެ ރައިސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޕާލަމެންޓްގައި ދެއްކެވި ވާހަކައިގައި، ކީރިތި ރަސޫލާއަށާއި، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކަވާފައިވާތީ އަދާލަތު ޕާރޓީއިން އާއި ޕީޕީއެމް، ޖުމްހޫރީ ޕާޓީ އިން އަދި ސަރުކާރުގެ އިތުރުން ދީނީ އިލްމުވެރިންވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި މިވާހަކަތައް ކުއްވެރިކޮއް ނަޝީދާއި ދެކޮޅަށް މާލެގައި ސިލްސިލާ މުޒާހަރާތަކެއްވެސްވަނީ ފަށާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...