ފެމިލީ ކޯޓުން ހިންގާ ކާވެންޏަށް ހޭލުންތެރިކުމުގެ ޕްރޮގްރާމުގައި ތިން ދާއިރާއަކުން މަޢުލޫމާތު ދެއްވާނެ ލެކްޗަރާރއިން ބޭނުންވެގެން އެކޯޓުން އިޢުލާންކޮށްފިއެވެ.
މިމަހުގެ 22 ވަނަ ދުވަހު ފެމިލީ ކޯޓުން ކޮށްފައިވާ އިޢުލާން ގައި ހާމަކޮށްފައިވާގޮތުން އެ ކޯޓުން ހިންގާ "ކާވެންޏަށް ހޭލުންތެރިކުމުގެ ޕްރޮގްރާމުގައި" އިސްލާމް ދީނުގެ ހިދާޔަތުގެ އަލީގައި ޢާއިލާއެއް ބިނާކުރުމާއި، އިޖްތިމާޢީ އަދި ޞިއްޙަތުގެ ދާ ދާއިރާއިން މަޢުލޫމާތު ދެއްވާނެ ލެކްޗަރާރއިން ބޭނުންވާކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން ތަޢުލީމާއި ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތަކާއެކު 2013 މެއި 09 ވަނަ ދުވަހުގެ 14:30ގެ ކުރިން އެ ބޭފުޅަކު ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީ އަކުން އެ ކޯޓަށް ހުށަހެޅުއްވުމަށް އެދޭކަމަށް ވެސް މިއިޢުލާންގައިވެއެވެ.
ަމަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަަކާ ބެހޭގޮތުން އިޢުލާން ގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި، އިސްލާމް ދީނުގެ ހިދާޔަތުގެ އަލީގައި ޢާއިލާއެއް ބިނާކުރުމުގެ ދާއިރާއިން އިސްލާމްދީނުގައި ދެމަފިރިންނަށް ދެވިފައިވާ މަޤާމާއި އެމީހުންގެ ދައުރު ހާމަކޮށްދީ ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ޢާއިލީ ދިރިއުޅުން ބިނާކުރާނެގޮތް އަދި އިޖްތިމާޢީ ބައިގެ ދާއިރާއިން އަލަތު ކާވެންޏެއްކުރަން ބޭނުންވާނެ އިޖުތިމާޢީ ކަންތައްތަކާއި، އިޖުތިމާޢީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް އަދި ޞިއްޙީބައިގެ ދާއިރާއިން ޞިއްޙީގޮތުން ދެމަފިރިންނަށް އެނގެންޖެހޭ ކަންކަމާއި ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް ހިމެނެއެވެ.
މަޢުލޫމާތު ދެއްވާ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައި ވާންޖެހޭނެ ކަމަށް ޝަރުޠު ކޮށްފައިވާ މި މަޤާމަށް އުޖޫރައެއްގެ ގޮތުގައި، މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާގެ ރޭޓުން ފައިސާ ލިބިވަޑައި ގަންނަވާނެ ކަމަށް ފެމިލީ ކޯޓުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...