އުމުރުން 15 އަހަރުގައި ޒިނޭކުރި ކަމުގެ ކުއް ސާބިތުވެގެން ހައްދުޖަހަން ހުކުމް ކުރި ށ. ފޭދޫ އަންހެން ކުއްޖާގެ މައްސަލަ ކޯޓަށް ހުށަހެޅިގެން ނުވާނެ ކަމަށް ޤަބޫލު ކުރައްވާކަމަށާއި، މުސްތަގުބަލުގައި އެފަދަ މައްސަލައެއް ކޯޓަށް ދިޔަނުދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ހައިސިއްޔަތުންނާއި ބައްޕައެއްގެ ހައިސިއްޔަތުންވެސް އެފަދަ ހުރިހާ ކުދިންނާއި އަންހެނުންނާއި އަދި އަންހެން ކުދިންގެ ހައްޤުތައް ހިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވަމުން ރައީސް ވަހީދުވަނީ މިފަދަ ހާލަތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް ފަތުރުވެރިކަން ހަލާކުކުރުމަށް ކުރާ ކެމްޕޭނެއްގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު ހީނަރުވެ ހަލާކުވުން ނޫން އެހެންކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލް އަޤްވާމީ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ނުކުރުމަށްވެސް މިބަޔާނުގައި ޑރ ވަހީދު ވަނީ ގޮވާލައްވާފައެވެ.
ރައީސްއޮފީހުގެ ރަސްމީ ވެބްސައިޓްގައި އިނގިރޭސިބަހުން ލިޔުއްވައިފައިވާ މި ބަޔާނުގައި 15 އަހަރުގެ އެ އަންހެންކުއްޖާގެ މިހާރުގެ ހާލަތައި ގުޅޭގޮތުން ވަނީ، އެޓާނީ ޖެނެރަލް އައިޝިއަތު އާޒިމާ ޝަކޫރު އެ ކުއްޖާއާ ބައްދަލުކުރައްވާފައިވާ ކަމަށާއި، އަދި އެ ކުއްޖާ ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެކުއްޖާގެ މައްސަލަ ކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އުމުރުން 15 އަހަރުގައި ވިހެއުމަށްފަހު އަމިއްލަ ދަރިފުޅު ވަޅުލި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދަނިކޮށް އެކުއްޖާއަށް ޒިނޭގެ ކުށް ސާބިތުވެ 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ޖުވެނައިލް ކޯޓުން ހުކުމްކުރީ މިއަހަރުގެ ފެބްރުއަރީ 26 ގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...