ރާއްޖޭގެ ޚަބަރު

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތައް އާންމުކޮށްފި

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތައް އާންމު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސް -ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގް

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތައް އާންމުކޮށްފިޢެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޙައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން 8 ކުންފުންޏަކަށް ހުއްދަދީފައިވާ ކަމަށާއި އެކުންފުނި ތަކަކީ މިނާ ޙައްޖު ޢުމްރާ (109 ކޯޓާ)، ޔޫއެސް އިންވެސްޓްމެންޓް (110 ކޯޓާ)، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ (109 ކޯޓާ)، ޙަމަލަތުލް އިޚްލާސުލް ލިލް ޙައްޖު ވަލް ޢުމްރާ ގްރޫޕް (109 ކޯޓާ)، އެކްރޯ (110 ކޯޓާ)، އަލްބަޓްރޯސް އިންޓަނޭޝަނަލް (109 ކޯޓާ)، އަތަމާ ޙައްޖު ގްރޫޕް (109 ކޯޓާ) އަދި ޒަޢީ ގްރޫޕް (109 ކޯޓާ) ކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމަށް 8 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަދިން އިރު، އެކަމަށް ސައުގުވެރިވެ 17 ކުންފުންޏަކުން ކުރިމަތިލާފައި ވެއެވެ.

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެކުލަވައިލާފައިވާ އުސޫލު ތައް ވަނީ ފެބްރުއަރީ 24 ގައި ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށާފައެވެ. މި އުސޫލުގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދައަށް އެދެން ޖެހެއެވެ. ހުއްދައަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުނިތަކެއްކަމާއި އެކުންފުނިތަކުގެ މަޤުޞަދުތަކުގެ ތެރޭގައި ޙައްޖަށް މީހުން ގެންދިއުމުގެ ޚިދުމަތްދިނުން ހިމެނިފައި ކަމަށް ބުނެފައި ވެއެވެ. އަދި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދުމަށް އެދި އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާނީ އެއަހަރަކަށް ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން އެމިނިސްޓްރީ އިން އިޢުލާން ކުރުމުން ކަމަށާއި އެ އިޢުލާނާ ގުޅިގެން ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދެންވާނީ އެކަމަށް ކަނޑައެޅިފައިވާ މަޢުލޫމާތު ހިމެނޭ ޕްރޮޕޯސަލް ފުރިހަމަކޮށް ހުށަހަޅައިގެންކަމަށް ވެސް މި އުސޫލުގައި ބުނެފައި ވެއެވެ.

ޙައްޖަށް ގެންދިއުމަށް ހުއްދަ ދިން ފަރާތްތައް އިއުލާންކޮށްފައިވާއިރު ކުރީގެ ބައެއް މަޝްހޫރު ޖަމާއަތްތަކަށް ހުއްދަ ނުލިބޭކަން ފާހަގަ ކުރެވެއެވެ. އެގޮތުން މަނާސިކް، ސޮފާ، އެސްބީޓީ، އަސްކޮއި އަދި ކްލެސިކްސް ހިމެނެއެވެ.

ފޮޓޯ: ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތައް އާންމުކުރުން

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *