ކޮލަމިސްޓް

އުފާވެރި ގެވެހިދިރިއުޅުން- 5 (ފިރިހެނުންނަށް ޚާއްޞަ)

ކުރީބަޔާއި ގުޅޭ:
* އަނބިމީހާ ދެކެ ލޯބިވާކަން ހާމަކޮށްދިނުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމަށް ތިރީގައިވާ ގޮތަށް ކަންތައްކޮށްލެވިދާނެއެވެ.

ފަރިތަކުރުން ނަމްބަރ:6

• ދެމީހުން އެއްތަނެއްގައިތިބެ ވަކިން ދެކަރުދާހެއްގައި ދެމަފިރިންވެސް އެކަކު އަނެކަކުދެގެ ލޯބިވާކަން ހާމަކޮށްދޭނެ ނުވަތަ އެކަން ހާމަކުރާނެގޮތުގެ ފަސް ގޮތެއް ލިޔާށެވެ. އެއަށްފަހު ދެމީހުންގެ އެކަރުދާސް ބަދަލުކޮށްލާށެވެ. ދެން ތިބާގެ ބައިވެރިޔާ ހިތްއެދޭގޮތަށް ދުވާލަކު ތިން ފަހަރު ލޯބިވާކަން ހާމަކުރާށެވެ.

39. ރޭގަނޑު މާދަންވަންދެން އަނބިމީހާ އާއި ވަކިން ބޭރުގައިނޫޅޭށެވެ. ލަސްވެގެން އަނބިމީހާ ނިދުމުގެ ކުރިން ގެއަށް އަންނަންވާނެއެވެ. އާންމުކޮށް ދާތަންތަންފިޔަވައި އެހެންތަނަކަށް ދާނަމަ އަނބިމީހާ ކައިރީ ދާތަނަކާއި ގާތްގަނޑަކަށް އާދެވޭނެގަޑިއެއްވެސް ލަފާކޮށްލާފަބުނެލާށެވެ. މާބޮޑަށްލަސްވާނަމަ އެކަންވެސް އަންގާލަންވާނެއެވެ. މިހުރިހާ ކަމަކީ އަނބިމީހާއަށް ހިތްހަމަޖެހުން ލިބިދޭނޭ ކަންތައްތަކެވެ.

40. ކީރިތި ރަސޫލާގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. ތިބާ އެހެންރަށަކަށް ގޮސްފައި ގެއަށް އައުމުގެ ކުރިން އަނބިމީހާއަށް އަންނަންއުޅޭކަމުގެ ޚަބަރު ދޭށެވެ. ނޫނީ ތިބާ އަންނައިރު އަނބިމީހާ ނިދާފަވެސް އޮވެދާނެެއެވެ. ނޫނީ އެކަމަށް ތައްޔާރުނުވެވެސް ހުރެދާނެއެވެ. ނޫނީ އެއްޗެއް ގަންނަން ބޭރުގައި ނުވަތަ ކޮންމެވެސް ކަމެއްގައި ސާފުތާހިރުކަންކުޑަކޮށް ހުއްޓާ ފެނުމުން ތިބާ ހިތްހަމަނުޖެހިދާނެއެވެ. ފިރިމީހާ އައުމުގެ ކުރިން އަނބިމީހާ ފެންވަރާ ސާފުތާހިރުވެ އިންތިޒާރުގައި ހުރުމަށް ރަސޫލާ އަންގަވާފައިވެއެވެ. އެކަމުގެ ސަބަބުން ފިރިމީހާގެ ވަރުބަލިކަންވެސް ފިލައިގެންދާނެއެވެ.

41. ކީރިތި ރަސޫލަގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. " މީސްތަކުންނަށް ޝުކުރުއަދާނުކުރާ މީހާ ހެއްދެވިފަރާތަކަށްވެސް ޝުކުރުއަދާއެއްނުކުރާނެއެވެ."
އެހެންވުމުން ގޭތެރޭގެ ކަންކަމުގައި އަނބިމީހާކުރާ ރަނގަޅުކަންތައްތަކަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާށެވެ. އެކަމުން ތިބާގެ ދަރިންގެ ކިބައިގަވެސް މިރަނގަަޅުއާދަ ހަރުލާނެއެވެ.

42. މާތްﷲ އަހަރެމެންނަށް ވާހަކަދެއްކުމަށް ދުލަކާއި، އަޑުއެހުމަށް ދެ ކަންފަތްދެއްވިއެވެ. އެހެންކަމުން ވާހަކަދެއްކުން މަދުކޮށް އަޑުއެހުންގިނަކުރާށެވެ. އަނބިމީހާގެ ވާހަކަތައް ސަމާލުކަންދީގެން އަޑުއަހާށެވެ. އަނބިމީހާ ވާހަކަދައްކާވަގުތު މިސާލަކަށް ނޫސްކިއުމަށް ނުވަތަ ޓީވީ ބެލުމަށް ސަމާލުކަންނުދޭށެވެ. އަދި އެހެން މަސައްކަތެއްގައިވެސް ނުހުންނާށެވެ. އެވަގުތު ސަމާލުކަން ހަމައެކަނިދޭންވާނީ އަނބިމީހާގެ ވާހަކަތަކަށެވެ. އޭނަގެ ވާހަކަތައް އަޑުއެހުމުން އެކަނބުލޭގެ ވަރަށް އުފާވާނެއެވެ.

43. ގެއިންނިކުންނަމުން އަނބިމީހާ ކައިރިއަށްގޮސް ސަލާމްކޮށްލާށެވެ. އަދިހަމަ ގެއަށްއާދެވުމުން އެންމެފުރަތަމަވެސް އަނބިމީހާއާ ބައްދަލުކުރާށެވެ. ބައްދަލުކޮށް ސަލާމްކުރުމަށްފަހު ފުރުޞަތު އޮތްނަމަ ލޯބިން ބައްދާލާހަދާށެވެ. މިކަމުގެ ސަބަބުން ލޯބިއިތުރުވެ ދެމީހުންގެގުޅުމުގައި އުފާވެރިކަން އިތުރުވެގެންދާނެއެވެ.

44. ދިމާވާކަންކަމުގައި އަނބިމީހާޔާ ދިމާލަށް ބާރަށް ހަޅޭލަވައި ނުގަންނާށެވެ. އެކަމަކީ ދެމީހުންގެ ގުޅުމަށް ޒަހަރުލުންފަދަކަމެކެވެ. ޚާއްޞަކޮށް އެހެންމީހުންގެ ކުރިމަތީގައި އެއްގޮތަކަށްވެސް ހަޅޭލަވައި ހަދައިގެންނުވާނެއެވެ. އޭގެ ބަދަލުގައި މަޑުމައިތިކަމާއެކު ވާހަކަދައްކާށެވެ. ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވެއެވެ. "މަޑުމައިތިރިކަމާއެކު ވާހަކަދައްކާމީހުން ޤިޔާމަތްދުވަހުންވާހުށީ ތިމަންކަލޭގެފާނާއި ވަރަށްއަރިހުގައެވެ."
ބާރަށް ވާހަކަދައްކަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެންމެ ރަނގަޅުގޮތަކީ ދެމީހުން އެހެންމީހުންނާ އެކަހެރިވެ އެވާހައެއްދެއްކުމެވެ.

45. ކަމަކަށް ވަޢުދެއްވެއްޖެނަމަ އެކަމެއް ފުއްދަންވާނެއެވެ. އެއީ ކިތަންމެ ކުޑަކަމެއްނަމަވެސް ވީއެންމެއަވަހަކަށް ފުއްދައިދޭށެވެ. މިކަމުންވެސް ދެމީހުންގެ ގުޅުން ބަދެހިވާނެއެވެ.

46. ގޭގައި އުޅޭވަގުތުތަކުގައި ދެމަފިރިންވެސް ވީވަރަކުން ތިބެންވާނީ އަބަދުވެސް ސާފުތާހިރުކޮށެވެ. ދެމަފިރިންވެސް ހެދުންއަޅަންވާނީ އަނެކަކަށް ކަމުދާ ރީތި ސްޓައިލަކަށެވެ. އެއިރުން ދެމީހުންގެ ހިތުގައިވެސް ލޯބީގެ ޖަޒުބާތުތައް އުފެދޭނެއެވެ.

47. ތަފާތުހޯދުންތަކުން އެނގުނުގޮތުގައި އުފާވެރިދިރިއުޅުމެއް ލިބިފައިވާ ދެމަފިރިންނަކީ މަދުވެގެންދުވާލަކު އެއް ފަހަރުނަމަވެސް އެކީގައިކައިހަދާ ދެމަފިރިންނެވެ. ތިބާވެސް އެއުފާވެރިކަން ހޯދުމަށް މަދުވެގެން ދުވާލަކުއެއްފަހަރު އަނބިމީހާޔާ ދަރިންނާއެކު އެއްސުފުރާމަތިން އިންސާފުކޮށްލައްވާށެވެ.

48. ކީރިތި ރަސޫލާގެ ބަސްފުޅެއްގައި ވެއެވެ. "ތިބާޔަށް އަންހެނަކުފެނި ހިތުގެ ޖަޒުބާތުތައް ހޭލައިފިނަމަ ވަގުތުންގެއަށްގޮސް އަނބިމީހާއެކު އެއްދާންކުރާށެވެ." ހަމަޔަޤީނުންވެސް މިކަމުން ހަމަޖެހުން ލިބޭނެއެވެ.

49. އަބަދުވެސް ހިނިތުން މޫނަކައިގެން އަނބިމީހާއާއި ބައްދަލުކުރުމަށް މަސައްކަތްކުރާށެވެ. ހިނިތުންވުމަކީ ޞަދަޤާތެއްކަމުގައި އިތުރު ޞާހިބާ ވަނީ ހާދީޘް ކުރައްވާފައެވެ. އެމީހެއްގެ މޫނުގައި ހިނުތުންވާނަމަ އެހެންމީހަކުފެނުމުން ހަމަޖެހުން ލިބޭނެއެވެ. ތިބާ ހިނިތުންވެފައިހުރުމުން ތިބާގެ ހާސްކަންފިލައިގޮސް މުޅި ނަފުސަށް ހަމަޖެހުން ލިބޭނެއެވެ.

50. އަނބިމީހާ ހިތްހަމަނުޖެހޭ ފަދަ ކަންތައްތައް ނުކުރާށެވެ. މިސާލަކަށް އޮފީހުންއައިސް އިސްޓާކީނު އެތަންމިތަނަށް އެއްލާލާފައި ބޭއްވުމާއި ހެދުންބޭލުމަށްފަހު ތަރުތީބެއްނެތި ބޭއްވުމާއި ތެއްތުވާލި ފާޚާނައިގައި ބޭއްވުންފަދަކަންކަން ނުކުރާށެވެ. އެފަދައިން ޢަމަލުކުރުމުން އަނބިމީހާ ހިތްހަމައެއްނުޖެހޭނެއެވެ. މިފަދަ ކުދި ކުދި ކަންތައްތަކުގެ ސަބަބުން ދެމީހުންގެ ގުޅުން ނުސާފުވަމުންދާނެއެވެ.

ނޯޓް: މިލިޔުމުގައި އެވާ ފަރިތަކުރުންތަކަކީ ދިރިއުޅުމުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމަށް ނަފުސާނީގޮތުން އެހީތެރިވެދޭ ކަންތައްތަކެކެވެ. އެކަންތައްތައް ފުރިހަމަކޮށްލުމުން އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން މިމުޅި އާޓިކަލް ބިނާވެފައި މިވަނީ ނަފުސާނީގޮތުން ދެމަފިރިންނަށް ކުރާނޭ ރަނގަޅު އަސަރުތަކެއްގެ މައްޗަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *