ވާހަކަ

ބޮލަށްއުނދަގޫކުރި ހާ

މިވާހަކަ އަކީ އަވަށްޓެރިއެއްގެ ގޭގައި ގެންގުޅު ހާލެއް މާގިނައިން ގޮވާތީ ޖަރުމަނުގެ ފިލޯސަފަރަކަށް އެކަމުން އުނދަގޫވެ ކަންކުރިގޮތާމެދު ލިޔެފައިވާ ޙަޤީޤީ ވާހަކައެކެވެ.

ފިލޯސަފަރު ކޮންމެ ދުވަހެއްގެ މަސައްކަތުގައި ހާސްކަމާއި ފުރިހަމަ ސަމާލުކަމާއެކު މަސައްކަތް ކޮށްކޮށް ހުއްޓާ މި ހާ ބާރަށް ގޮވައި ހަޅޭލަވާން ފެށުމުން ފިލޯސަފަރުގެ ވިސްނުން މުޅިން އެހެން ދިމާލަކަށްގޮސް ކުރަމުންދާ ދިރާސާތަކަށް ހުރަސްތަކެއް އެޅެއެވެ.

އެއްދުވަހަކު ހާލުގެ އުނދަގޫ މާބޮޑު ވެގެން ގޭގައި ގެންގުޅޭ މީހާއަށް ގޮވާލާފައި ބުންޏެވެ. "މިފައިސާ ކޮޅު ހިފައިގެން ގޮސް އެހަޅޭލަވާ ހާ ގަނެގެން އައިސް ކަތިލާ މީރު ރިހަގަނޑެއް ހަދާލާށެވެ." މިހެން ހަދަން ބުނީ އެހާލުގެ މަސްކޮޅު ހަމައެކަނި މީރުކޮށް ކާލުމަކަށެއް ނޫނެވެ. އެސޮރުގެ އުނދަގުލުން މުޅިން ސަލާމަތް ވާން ވެގެންނެވެ.

މީރުކޮށް އެދުވަހުގެ ކެއުން ތައްޔާރު ކޮށްލުމަށްފަހު މެންދުރުގެ ކެވުމަށް ރަޙުމަތްތެރިއަކަށް ދަޢުވަތު ދީފިއެވެ. ރަޙުމަތްތެރިޔާ އައުމުން އަވަށްޓެރިޔާ ގޭގައި އިން ހާ ގޮވާ ވަރުން އުޅެންވެސް އުނދަގޫވާ ވާހަކަ ފިލޯސަފަރު ބުންޏެވެ. އެ އުނދަގުލުން ސަލާމްވުމަށްޓަކައި އެ ހާ ގަނެ ކަތިލުމަށްފަހު މެންދުރުގެ ކެވުން ތައްޔާރު ކުރި ވާހަކަވެސް ބުންޏެވެ. ހޭދަވި ކުޑަ ވަގުތުކޮޅުވެސް ހޭދަވެގެން ދިޔައީ ވަރަށް އަރާމުކޮށް ކަމަށާއި ދުވަހުގެ ހެނދުނުން ފެށިގެން ކުރަމުންދިޔަ ދިރާސާތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށް ބުންޏެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހު ނުނެރެވޭހައި ރަނގަޅު ނަތީޖާތަކެއް ދިރާސާތަކުން ހަމައެކަނި އެދުވަހުގެ ހެނދުނު ފިލޯސަފަރަށް ނެރެވުނެވެ.

ފިލޯސަފަރު ރަހުމާތްތެރިޔާ ކައިރީ ވާހަކަދައްކަން އިންދާ ކާއެއްޗިހިހިފައިގެން ނޯކަރު އެތަނަށް އައިސް ފިލޯސަފަރަށް ދެންނެވިއެވެ. "ވަރަށް ބޮޑަށް މާފަށްއެދެމެވެ. އެހާ ގަތުމަށް މިއަދު ހެނދުނުގޮސް އަވަށްޓެރިޔާ ކައިރީ އާދެސް ކުރުމުންވެސް އެހާ ވިއްކާކަށް އެއްބަހެއް ނުވިއެވެ. އެހެންވެގެން ބާޒާރަށް ގޮސް ކުކުޅެއް ގަނެލައިގެން އައިސް މިކައްކާލީއެވެ."

ވަރަށް ހައިރާންކަމާއެކު ނޯކަރުގެ ވާހަކަތައް އަޑުއަހަން އިނދެފައި ފިލޯސަފަރު ވިސްނާލުމުން އެނގުނީ އެހާ ހަމަ އެހެނެކޭވެސް އެއްފަދައިން ހަމަ ގޮވާ ހަޅޭލަވަމުން ދާކަމެވެ.

މިމާވަހަކައިގެ މައްޗަށް ވާހަކަދައްކަވަމުން ޝައިޚް ޠަންޠާވީ ވިދާޅުވިއެވެ. "މިފިލޯސަފަރުގެ މިހާދިސާގެ މައްޗަށް ވިސްނުމުން އަޅުގަނޑަށް އެނުގުއެއްޗަކީ މިފިލޯސަފަރު އެހާލުގެ ހާޅޭކުގެ ސަބަބުން ވަރަށް އުނދަގޫވެފައި ހުރިކަމެވެ. އެއީ އެސޮރު ހަޅޭލަވާވަރުންނެވެ. އަދި ހަމަ ކުއްލިއަކަށް އެފިލޯސަފަރު ވަރަށް އުފާވެސް ވެއްޖެއެވެ. ނަމަވެސް އެހާ ހަމަ ދިރިހުއްޓެވެ. އަދި ކުރީގެ ހާލަތަކަށް ހަމަބަދަލެއްވެސް ނާދެއެވެ. ޙަޤީގަތުގައި ބަދަލު އަންނަނީ އިންސާނާ ޤަބޫލު ކުރާގޮތެއްގެ މަތިންނެވެ. މި ފިލޯސަފަރަށް އެކަމަށް އުނދަގޫވީ އެކަމާމެދު ވިސްނާ ޤަބޫލު ކުރާ ގޮތުންނެވެ. އެއްފަހަރު ހުރީ އެ ހާލުގެ ސަބަބުން އުނދަގޫވެފައެވެ. އަދި ހަމަ ވިސްނާގޮތް ބަދަލުވުމުން ހުރީ އަނެއްފަހު ހިތްހަމަޖެހިފައެވެ. މިއުފާވެރިކަން އަހަރެމެންގެ އަތުގައި ވާހިނދު މިއުފާވެރިކަން ހޯދުމަށް އެހެން މީހުން ކައިރީން ސަލާން ޖަހަންވީ ކީއްކުރަން ހެއްޔެވެ؟ އުފާވެރިކަން އަހަރެމެންނާއި މިހާ ކައިރީގައި ވާހިނދު މިއުފާވެރިކަން އަހަރެމެންނާއި ދުރުކޮށްލަންވީ ކީއްވެގެން ހެއްޔެވެ؟"

އަހަރެމެން އެ ހާ ކަތިލަން ބޭނުންވީ ހަމައެކަނި ސަބަބަކީ އެހާލުގެ ހަޅޭކުން މިންޖުވުމަށެވެ. އެ ހާ ކަތިލުމުން އޭގެ ބަދަލުގައި އެތަނަށް ސަތޭކަ ހާ އަތުވެއްޖެނަމަ ދެން އަހަރެމެން ހަދާނީ ކިހިނެއް ހެއްޔެވެ. އެހެނީ މިދުނީޔޭގަ މިވަނީ އެފަދަ އެންމެ ހާލެއްނޫނެވެ. އެފަދަ ހާލުން މިދިނުޔެ މިވަނީ މުޅީން ފުރިފައެވެ. އެފަދަ ކުކުޅާއި ހާލުގެ ހަޅޭކުގެ އަޑުތައް އަހަރެމެންގެ ސިކުނޑިން މުޅި ނެރެ ބޭރުކޮށްލަމާ ހިނގާށެވެ. ދުނިޔޭގައިވާ ހުރިހާ ހާލެއް މިދުނިޔެއިން އަހަރެމެން ނައްތާލާނީ ކިހިނަކުން ހެއްޔެވެ؟ ހުރިހާ ހާލެއްގެ އަނގަ ބަންދުކުރުމުގެ ކުޅަދާނަކަން އަހަރެމެންނަށް ލިބިގެންނުވާހިނދު އަހަރެމެންގެ ކަންފަތްތައް އެފަދަ އަޑުތައް އެހުމުން ދުރުނުކަނީ ކީއްވެބާއެވެ؟ އަހަރެމެންގެ އިޙުސާސްތަކަށް ގޯސްއަސަރުކުރުވާ ކަންކަމުން ނަފުސު ދުރު ނުކުރަނީ ކީއްވެބާއެވެ؟ ވިޔާނުދާ ވާހަކަތަކާއި ކަންކަމުން ސަލާމަތްވުމަށް އެކަންތައްތަކާއި ދެމެދު ވަރުދަގަ ފާރެއް ހުރަސް ނުކުރަނީ ކީއްވެބާއެވެ؟ މިއީހައްތަހާވެސް ޖަވާބު ނުލިބިހުރި ސުވާލުތަކެވެ.

ވިސްނަންވީ މުހިންމު ނުކުޠާ:
*****************
މިހާރަކަށް އައިސް މުޖުތަމަޢު ތަކުން އިވެމުންދާ ނޭދެވޭ ވާހަކަ ތަކާއި ކަންކަން ހުއްޓުވުމުގެ ބާރު ޚުދު އަޅުގަނޑުމެންނަށް ލިބިގެން ނުވާހިނދު ފަރުދީ ގޮތުން ނަފުސާއި އަނބި ދަރިން އެކަން ކަމުން ސަލާމްކުރުމަށްޓަކައި އެކަންކަމާއި ދުރަށްދެވޭތޯ ބަލާށެވެ.

ފެންނަ ބައެއް މަންޒަރުތަކަށް ލޯމަރާލައި އިވޭ ބައެއް ވާހަކަ ތަކަށް ބީރުކަންފަތެއް ނުދޭ ހުރިހާ ކަމަކަށް ބެހެންވެއްޖެ ނަމަ މީހާ ހަލާކުވުން ނޫންކަމެއް ނުވާނެއެވެ.

ފިލޯސަފަރު ގޮތަށް އެހާލުގެ ފުށުން ސަލާމަތްވުމަށް ހާ ކަތިލާން އުޅުނުހެން އަހަރެމެން އުޅެފިނަމަ މުޅިޢުމުރުގައި ވެސް އުޅެން ޖެހޭނީ އެހާލުގައެވެ.
( ނިމުނީ )

ގުޅުންހުރި

1 ޚިޔާލު

  1. ވ.ރީތި

Your email address will not be published. Required fields are marked *

More in ވާހަކަ