ދަރިއަކަށް މަޔަކު ކުރަމުންދިޔަ އިންތިޒާރު ނިމިގެންދިޔައީ މާތްﷲ އޭނާއަށް ލޯބި ލޯބި ދަރިއަކު ދެއްވުމުން ނެވެ. އެކުއްޖާ އާއި އެކު އުފަލުގައި ދުވަސްތައް ގުނަމުންދަނިކޮށް ކުއްލިގޮތަކަށް އެދަރިފުޅު މަންމަޔާއި ޢުމުރަށް ވަކިވެއްޖެއެވެ.
ލިބުނު ފުންހިތާމައިގައި އިސްދަށަށް ޖަހާލައިގެން އިންދާ އޭނަގެ ދަރިފުޅުހާ ލޯބި އެޖިންސުގެ ކުއްޖެއް ގޮވައިގެން މީހާކު އެތަނަށް އައެވެ. އެކުއްޖާ ހަމަފެނުމާއެކު ދެއަތް ދިއްކޮށްލަމުން ހިތާމައިގައި އިން މަންމަ ބުނެލިއެވެ. "ތިކުއްޖާ އުރާލައި ލޯބިން ބީހިލަން ދީފާނަން ހެއްޔެވެ" އެކުއްޖާ އުރާލަން ދިނުމާއެކު އެކުއްޖާ ގޮވައިގެން އެމީހާގެ ގެޔާދިމާލަށް ދުއްވައިގަތެވެ. ތުއްތު ކުއްޖާގެ މަންމަ ފަހަތުން ގޮވަމުން ދުއްވައިގަތެވެ. "އަހަރެންގެ ދަރިފުޅު ގޮވައިގެން ތިދުވަނީ ކޮންތާކަށް ހެއްޔެވެ؟" އެކުއްޖާ ގޮވައިގެން ދުވަމުންދިޔަ މީހާ ބުންޏެވެ. "މީ އަހަރެންގެ ދަރިއެކެވެ."
މިކަމާމެދު ދެމީހުންގެ މެދުގައި މަސްއަލަ ޖެހުމުން އެދެމީހުން އެއިރުގެ ރަސްގެފާނުގެ އަރިހަށް މަސްއަލަ ގެންގޮސް ދެންނެވިއެވެ.
ދޮގުވެރި އަންހެންމީހާ ބުންޏެވެ. "އޭ! މާތްވެގެންވާ ސާހިބާއެވެ. އަހަރެން ދަރިފުޅު ގޮވައިގެން ބޭރުގައި ހުއްޓާ އައިސް ބުނީ މީއޭނަގެ ދަރިއެކެވެ."
ދަރިފުޅުގެ މަންމަ ބުންޏެވެ. "އޭ! މާތްވެގެންވާ ސާހިބާއެވެ. މިހިރަ އަންހެނާ އައިސް ދަރިފުޅު އުރާލަން ދީފާނަންތޯ އެހުމުން އަޅުގަނޑުގެ ދަރިފުޅު އުރާލަން ދިނީމެވެ. ހަމަ ދިނުމާއެކު އެކުއްޖާ ގޮވައިގެ ފިލީއެވެ."
ރަސްގެފާނުގެ ބާންދީންނަށް އެންގިއެވެ. އެކުއްޖާ އެހެރަ ސޯފާ މަތީގައި ބާއްވާށެވެ. އަދި އެދެއަންހެނުންނާ ދިމާލަށް ބަލާލުމަށްފަހު ރަސްގެފާނު ވިދާޅުވިއެވެ. އެކުއްޖާ އެންމެކުރިން ނެގޭމީހަކަށް އެކުއްޖާ ލިބޭނެއެވެ.
ކުއްލިއަކަށް އެކުއްޖާ ޖަހައިގަތް އަންހެންމީހާގޮސް އެކުއްޖާ ނަގަންވެގެން ހިފުނީ އެކުއްޖާގެ ފައިގައެވެ. އަނެއް އަންހެންމީހާޔަށް ހިފުނީ އަތުގައެވެ. ދޮގުވެރި އަންހެނާ އެކުއްޖާ ޙާޞިލްކުރުމަށްޓަކައި ގައިގައި ހުރި ބާރުލާތަން ފެނުނެވެ. ނަމަވެސް އެކުއްޖާއަށް މިކަމުން ލިބިދާނެ އަނިޔާ އަކަށްޓައި އަނެއް އަންހެން މީހާގެ ހިތަށް ކެތްނުކުރެވިގެން އެކުއްޖާގެ ގައިން ދޫކޮށްލީއެވެ.
ކުޑައިރުކޮޅަކު ބަލަހައްޓަވައިގެން އިންނެވުމަށްފަހު ރަސްގެފާނު ވިދާޅުވިއެވެ. "އެކުއްޖާގެ އަސްލު މަންމަޔަކީ އެކުއްޖާ ޙާޞިލް ކުރުމަށްޓަކައި ދެމުމުގެ ބަދަލުގައި އަނިޔާއެއް ވެދާނެ ކަމަށްޓަކައި ދޫކޮށްލި މީހާއެވެ. އެހެނީ އެއަންހެންމީހާ އެކުއްޖާދެކެ ލޯބިވެއެވެ. އަނެއް މީހާ މަސައްކަތް ކުރީ ކުއްޖާ ހާޞިލްކުރުމަށެވެ. ކުއްޖާގެ މައްޗަށް ރަޙުމެއްވެސް ނެތެވެ. އެއީ ވަގެކެވެ." އެއަށްފަހު އެކުއްޖާގެ އަސްލު މަންމައަށް އެކުއްޖާ ޙަވާލު ކުރީއެވެ. އަދި އަނެއް އަންހެން މީހާއަށް އެކުރި ކުށަށް އަދަބުދިނުމަށް ރަސްގެފާނު އަމުރު ނެރުއްވިއެވެ.
އެއީ އަސްލު މައިންގެ އުޞޫލެވެ. ކުޑަނަމަވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިދާނެތީ އަބަދުދާނީ ވިސްނާ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހިތާމަޔަކީ ބައެއް ޙާޤީޤީ މައިންވެސް އިންތިހާއަށް ދަރިންނަށް އަނިޔާ ކުރާކުރާކެމެވެ. ޙަޤީޤީ ޙާދިސާއެއް ކިޔުއްވާލައްވާށެވެ.
އަހުމަދުގެ ބައްޕަ ހުރީ ގެއެއްގެ ފާރުމަތީގައި ޑިޝްއެންޓަނާއެއް ސެޓްކުރާށެވެ. ރޮވެފައި ހުރެ އޭނާގެ އެންމެ ދޮށީ ދަރި ގޮވާލިއެވެ. "ބައްޕާ ވަރަށް އަވަހަށް އާދެބަލާށެވެ. ކުއްޖާގެ ބައްޕަ ވަރަށް ހައިރާންވެ ހުރެ ބަލައިލިއެވެ. އިރުއޮއްސެމުން އައި ވަގުތު ކަމަށް ވުމުން މާސާފުކޮށް ދަރިފުޅުގެ މޫނު ފެނޭގޮތެއްނުވިއެވެ. ރޮވެފައި ހުރިކަން އެނގުނީ އެކުއްޖާގެ ތުރު ތުރު އަޅަމުންދިޔަ އަޑުގެ ސަބަބުންނެވެ. ކުއްލިއަކަށް އެކުއްޖާގެ ބައްޕަ ޢާރިފު ފާރުމަތިން ފުންމާލައިގެން ކުއްޖާގެ ގާތަށް އަތުވެއްޖެއެވެ. ހަމަ ކައިރިއަށް އައުމާއެކު ގައިގަ އޮޅުލައިގެންފައި ރޮމުން ބުންޏެވެ. "ބައްޕާ ހިނގާބަލަ ގެއަށްދާން މިއުޅެނީ ގެއަށް ވަންނަން ނުކެރިގެންނެވެ."
އަދިވެސް ވެގެން އުޅޭގޮތެއް މުޅިން ޢާރިފަކަށް ނޭނގެއެވެ. ގެއާދިމާލަށް ދަމުންގޮސް އެންމެ ކައިރިން ހުރި މަގުމަތީ ބައްތިޔާ އަރާހަމަވެފައި އަޙުމަދު ،ބައްޕަޔާދިމާލަށް ވަރަށް އަސަރާއެކު ބަލައިލިއެވެ. ސަހަރޯއެވެ. ކަމަކު ދާކަށްނެތެވެ. އަޙުމަދުގެ ވާތު ކޯތާފަތްމަތިން ތިންދިމާލަކުން ކަފައިގެންގޮސް ލޭއޮހޮރެމުންދިޔައެވެ. ޢާރިފު ލައިގެން ހުރި ޓީޝާޓަށް ބަލައިލިއިރު މުޅި ޓީޝާޓުގައި ވެސް ހުރީ ހުސްލެއެވެ.
ކިހިނެއް ވެގެން އުޅޭ ކަމެއްކަން ސުވާލު ނުކުރިޔަސް އަޙުމަދުގެ ބައްޕަޔަށް ޙަޤީޤަތް އޮޅިފައެއް ނެތެވެ. ބައްޕައަށް، ދަރިންނަށްޓަކައި ހޯދެފައި ހުރީ އިންސާނެއްގެ ސޫރައިގައި ހުރި ސިންގާއެކެވެ. އަޙުމަދު ގެއަށްވަނުން ލަސްވުމުން އިލޮށިފަތިން އެވަނީ އަޙުމަދުގެ މޫނުމަތީ ގައި ފިރުމާލާފައެވެ. ބައްޕަ ހޯދުމަށް އަޙުމަދު އެއައީ ގެއަށްވަނުމަށް އައްޑަނަ އަކަށްހެދުމަށެވެ. ޢާރިފުގެ ހިތާހިތާ ދުޢާކޮށްލިއެވެ. މާތް ރަސްކަލާންގެ އަހަރެންގެ ދަރިންނަށް މިނޫން ދުވަހެއް ދައްކަވާންދޭވެ.
މިހާރުވެސް އަޙުމަދު އެދުވަސްމަތިން ހަނދާންކޮށް ބައްޕަޔާ އެވާހަކަ ދައްކާހަދައެވެ. މީ 11 އަހަރުގެ ކުއްޖަކަށް އޭނާގެ އުފަން މަންމަ މީގެ ހަތް އަހަރު ކުރިން ކޮށްލި އަނިޔައެއްގެ ކުރު ޚުލާޞާ ވާހަކަ ކޮޅެކެވެ. ތަފްޞީލަށް ގޮސްފިނަމަ ތިޔަބޭފުޅުން ފޫހިވާނެކަން ކަށަވަރެވެ. އެއީ ވާހަކައިގެ ދިގުކަމުންނެވެ.
މަތީގައި ބަޔާންކުރި ވާހަކާގައި އުޅޭ ކުއްޖާ ޖަހައިގަތް އަންހެން މީހާއަށްވުރެވެސް އަޙުމަދުގެ މަންމަ މާއަނިޔާވެރި އެވެ. ދަރިންނަށް ލިބޭ އަނިޔާތައް ބަލަން ނުވަތަ އެފަދަ އަނިޔާއެއް ކުރާކަށް ޙަޤީޤީ މައެއްގެ ހިތަކަށް ނުކުޅެދޭނެއެވެ. އެފަދަ އަނިޔާ ދަރިންނަށް އެކުރަނީ މައިވަންތަ ހިތް ނެތުމުންނެވެ.
އަޅުގަނޑުގެ މިލިޔުމުގެ މަޤުޞަދަކީ އެއްގޮތަކަށްވެސް ހުރިހާ މައިންނަށް އިނގިލި ދިއްކުރުމެއްނޫނެވެ. ދަރިނަށް އޯގާތެރި މައިންނަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އެކަނބަލުން ކުރަށްވަމުން އެގެންދަވަނީ ދުނިޔެ ހުސްކޮށް ޝުކުރު އަދާ ކުރިޔަށް ފުރިހަމަ ޝުކުރެއް އަދާނުކުރެވޭނެ ވަރުގެ ބޮޑުޙައްޤެކެވެ.
ހުރިހާ ކުޑަކުދިން އަނިޔާއިން ސަލާމަތް ކުރަމާތޯއެވެ.
( ނިމުނީ )
ނޯޓް: މިވާހަކާގައި ބޭނުންކޮށްފައިއެވަނީ ޙާޤީޤީ ޙާދިޘާ ދިމާވި މީހުންގެ އަސްލުނަންނޫން އެހެންނަމެކެވެ.















ޚިޔާލު