އއ. އުކުޅަހު ސްކޫލުގެ ގްރޭޑް 8ގައި ކިޔަވަމުން ގެންދާ އަންހެން ދަރިވަރުންތަކެއް ޖިންނި ބައްޔާ ގުޅިގެން ހޭނެތިގެން ވެއްޓުމާ ގުޅޭ މައްސަލަ ބަލަމުން ދާކަމަށް ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ރާއްޖެއިން ސިހުރުވެރިކަން ނައްތާލަން މަސައްކަތް ކުރާ ޖަމިއްޔާ، ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް ގެ ރައީސް އައްރާޤީ އަޖްނާދު ޢަލީ ދިއިސްލާމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އުކުޅަހު ސުކޫލްގައި މިއަދު ހިނގާ ދިޔަ ހާދިސާއާ ގުޅިގެން ސުކޫލަށް ގުޅާފައިވާ ކަމަށާއި ޖިންނިގެ ކަންތައްތަކާބެހޭ ގޮތުން މަޢުލޫމާތު ދީފައިވާކަމަށެވެ. އަދި ޤުރުއާނާއި ސުންނަތާ އެއްގޮތައް ފަރުވާކުރާނެގޮތް އޮޅުންފިލުވައި ދީފައިވާނެ ކަމަށްވެސް އަޖްނާދު ވިދާޅުވިއެވެ.
އަޖުނާދު ވިދާޅުވީ މިމައްސަލައާ ގުޅިގެން ބައެއް މީހުން މިއީ މާސް ހިސްޓީރިއާގެ ކަމެކޭ ކިޔާ ކަންވެފައިވާގޮތް އޮޅުވާލަމުން ދާކަމަށެވެ. އެހެންނަމަވެސް ޤުރުޢާން އާއި ސުންނަތުން، ޖިންނި މޮޔަވާނެ ކަމާއި ސިހުރު ޖެހޭނެ ކަން ސާބިތުވާކަމަށެވެ. އަދި މިފަދަ ކަންތައްތައް ޢާއްމުކޮށް ދިމާވަނީ ދީނާއި މެދު ފަރުވާ ކުޑަކޮށް ހަރާން ކަންތައްތަކަށް އަރައިގަތުން ގިނަވެފައިވާތީކަމަށެއެވެ. އަދި މިކަންކަމުގެ ޙަޤީގަތާއި މިކަންތަކަށް ރައްކާތެރިވާނެގޮތާއި އަދި މިކަންތައްތައް ޖެހުނީމަ ސަލާމަތްވާނެ ގޮތްތައް ތަޢުލީމީ ދާއިރާގެ ތެރެއިން ޚާއްސަ ސަމާލު ކަމެއް ދީގެން މިހާރު އުނގަންނައިދެން ޖެހޭކަމަށް ވެސް އަޖުނާދު ވިދާޅުވިއެވެ.
"ހޭނެތުނު ހުރިހާ ކުދިންނަކީ ޖިންނި މޮޔަވެފައިވާ ކުދިންނަށް ނުވެދާނެ. އެހެންނަމަވެސް މާސް ހިސްޓީރިޔާ އެކުދިންނަށް އެ ދިމާވީ ޖިންނި މޮޔަވި ކުދިންނަށް ދިމާވި މަންޒަރު ފެނުމުން ކަމަށް ވެދާނެ. ހަޤީގަތަކީ ޖިންނި ބައްޔަތް ފަރުވާ ދެމުންދާ ކުދިންނަށް ދިމާވި ކަންތައް ފެނުމުގެ ސަބަބުން ބިރުން މާސް ހިސްޓީރިޔާ އަކަށް ދިޔައީ" އަޖްނާދު ވިދާޅުވިއެވެ.
އަޖްނާދު އިތުރަށް ވިދާޅުވީ، ސައިންސަށް ޖިންނީގެ ހަޤީޤަތް ހޯދެވިފައިވާ ނުވާކަމީ، ސައިންސްއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އަދި ޤުރުއާނާ ސުންނަތުގައި މިކަންކަމުގެ ހަޤީޤަތާއި އެ ފަދަ ކަމެއް ދިމާވުމުން ހައްލުކުރާނެ ގޮތް އެނގެން އޮތުމަކީ ދީނުގެ ފުރިހަމަކަން ކަމަށެވެ. "މުސްލިމުންނަށް ވާޖިބުވަނީ މިކަންކަން ޤަބޫލުކުރުން. އަދި އެނގިހުރެ އިންކާރުކޮށްފިނަމަ ދީނުން ބޭރުވާނެ" ކަމަށެވެ.
އއ. އުކުޅަހު ސްކޫލްގެ އަންހެން ކުދިންތަކެއް ހޭނެތޭ މައްސަލަ ދިމާވާން ފެށުމާ ގުޅިގެން ފަންޑިތަ ހަދާ މީހަކު މީގެ ދެ ދުވަސް ކުރިން އެ ރަށަށް ގެނެސްގެން އުޅޭ ކަމަށާއި ފަންޑިތަ ހަދާ މީހާ އެ ކުދިންނަށް ކިޔެވެލި ކިޔެވީމާ އެ ކުދިން މެދުވެރިކޮށް ޖިންނި ވާހަކަ ދައްކާ ކަމަށް އުކުޅަހު ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ ފިރާގު އާ ހަވާލާދީ ބައެއް ނޫސްތަކުންވަނީ ބުނެފައެވެ.
16 ޖަނަވަރީ 2013 ގައި ރަޖިސްޓްރީ ކުރެވިފައިވާ ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް އިން ވަނީ އެ ޖަމިއްޔާ ރަޖިސްޓްރީ ވުމުގެ ކުރިންވެސް ބައެއް ޚާއްސަ ހަރަކާތް ތަކެއް ހިންގާފައެވެ. އޭގެތެރޭގައި ރުޤްޔާ ޝަރުއިއްޔާގެ އެކި ކޯސްތައް ހިންގުމާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ތަކުގެ އެހީގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ރުޤްޔާ ކުރާނެ ގޮތް މީހުންނަށް ދަސްކޮށްދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...