ށ.ފޭދޫގައި ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ ގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމާ ގުޅިގެން ހައްދު ޖެހުމަށް ކުރި ހުކުމާ މެދު ހިތާމަކުރައްވާ ކަމަށާއި އަދި އެމައްސަލަ މުރާޖައާކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ވަހީދު ކޮށްފައިވާ ޓްވީޓް ތަފްސީލް ކޮށްދެއްވައިފި އެވެ.
މިއަދު ސިޔާސީ ޕާޓީގެ ބިލާއި، އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު ތަޞްދީޤު ކުރެއްވުމަށްފަހު، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެބޭފުޅާއަކީ ދީނުގެ ހައްދު ތަކަށް އެއްވެސް އިރެއްގައި އިންކާރުކުރާނެ މީހެއް ނޫން ކަމަށާއި އަދި މިހާތަނައްވެސް އިންކާރުކުރި މީހެއްވެސް ނޫން ކަމަށެވެ.
"ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ރައީސް ކަމާ ހަވާލުވިފަހުން، މަސައްކަތް ކޮށްފައިވާނީ ދިވެހިރާއްޖޭގައި، އިސްލާމްދީން ދަމަހައްޓާ، އިސްލާމީ ވަހުދަތު ދަމަހެއްޓޭތޯ. ތިބޭފުޅުން ހަދުމަފުޅު ހުންނާނެ ކީރިތި ރަސޫލާގެ ޝަޙުސިއްޔަުގެ ދިފާޢުގައި، އދ. ގެ ޖެނެރަލް އެސެމްބްލީގައިވެސް އަޅުގަނޑުވާނީ ވާހަކަދައްކާފައި. އަޅުގަނޑު، މިމަޤާމުގައި ހުންނެވި ހިނދަކު، އިސްލާމްދީނަށާއި، ދިވެހިރާއްޖޭގެ ޤާނޫން އަސާސީއަށޤ ހުރުމަތްތެރިކޮށް ހިތާނެކަމުގެ ފުރިހަމަ ޔަގީންކަން ދެން" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ކުރެއްވި ޓްވީޓް ތަފްސީލްކުރައްވަމުން ވިދާޅުވީ އެ ހައްދާބެހޭގޮތުން ހިތާމަކުރާކަމަށާއި، ރައީސްގެ ޓްވީޓުން ދެންނެވުނު އެއްޗެއްގެ މާނަ ކޮންމެވެސް ވަރަކަށް އޮޅިފައިވާކަމަށެވެ. އަދި ވިދާޅުވީ އެޙާލަތަކީ ވަރަށް ޙާއްޞަ ހާލަތެއްކަމަށާއި، 15 އަހަރުގެ އެކުއްޖާއަކީ އޭނާގެ ދޮން ބައްޕަ އަދި ދޮންބައްޕަގެ ރައްޓެހިން، ހަތަރު ފަސް އަހަރު ދުވަސް ވަންދެން، ޖިންސީ ގުޅުން ހިންގާ، އަނިޔާކޮށްފައި ހުރި ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާއަކީ ފަރުވާ ލިބެންޖެހޭ ކުއްޖެއް ކަމަށާއި އެކުއްޖާ އާ ބެހޭގޮތުން، ނަފްސާނީ ވަރަށް ފުރިހަމަ ބަޔާނެއްވެސް ތައްޔާރުކޮށްފައި ވާކަމަށެވެ.
ރައީސް ވިދާޅުވީ އެމައްސަލަ ހިނގާދިޔަގޮތުން ޤަބޫލުކުރެވެނީ، އެމައްސަލަ ރަނގަޅަށް ބަލަންވި ވަރަށް ނުބެލޭކަމަށެވެ. އަދި ޓްވީޓުގައި ދަންނަވާފައި އެއޮތީ މިފަދަ ކުއްޖެއްގެ މައްސަލާގައި، ކޮށްފައިވާ މި ހުކުމަށް ވަރަށް ހިތާމަކޮށްފައިވާކަމަށެވެ.
"އެހެންވީމަ އަޅުގަނޑަށް އެމައްސަލަ ހިނގާދިޔަގޮތުން ޤަބޫލުކުރެވެނީ، އެމައްސަލަ ރަނގަޅަށް ބަލަންވި ވަރަށް ނުބެލޭކަމަށް. އެވާންޖެހެނީ ކޮންމެސް ބައެއްގެ އިހުމާލަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އެޔޮތީ، މިކުއްޖާގެ މައްސަލާގައި، މި ހުކުމަށް ހަމަ އަޅުގަނޑު ވަރަށް ހިތާމަކޮށްފީމޭ. މި ކުއްޖާގެ މައްސަލަ އަޅުގަނޑު އަލުން، ދިރާސާ ކުރަމުން ދާނަމޭ، ކިހިނެއްތޯ މިހާލަތައް މިކަން މިދިޔައީ، އަދި މިކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަމޭ." ނޫސްވެރިންނާ މުޙާތަބު ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ކުއްޖާގެ މައްސަލަ އަލުން ދިރާސާކޮށް މިހާލަތައް މިކަން މިދިޔައީ ކީއްވެތޯ ބަލާނެކަމަށާއި އަދި މިކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އެގޮތުން މިހާރު އެކަމާ ބެހޭގޮތުން ޙާއްޞަ ކޮމެޓީއެއް އުފައްދާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެކޮމެޓީގެ ފަރާތުން ކުޑަކުދިންނަށް ލިބޭ މިބާވަތުގެ ޖިންސީ ގޯނާ ތަކުން، ކުޑަކުދިން ސަލާމަތްކުރުމަށްޓަކައި ކުރެވެން ހުރީ ކޮންކޮން ކަންތައްތަކެއްތޯ އާއި ދަޢުލަތުގެ މުއައްސަސާތަކުން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާނެކަމަށެވެ.
"މިކުއްޖާއަކީ ދައުލަތުގެ ބެލުމުގައި ހުރި ކުއްޖެއް. ދައުލަތުގެ ހިމާޔަތުގައި ހުރިކުއްޖެއް. މިއަދު މިކުއްޖާގެ ޤާނޫނީ ބައްޕައަކީ އަޅުގަނޑު. އެހެންވީމަ މިއަދު އަޅުގަނޑު އެބަޖެހޭ އެހެންކުދިންނަށް މިހެން ވިޔަނުދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ތަކެއް ކުރަން. އެއީ އަޅުގަނޑު ދެންނެވި އެއްޗަކީ" ރައީސް ވަހީދު ވިދާޅުވިއެވެ.
ށ. ފޭދޫގައި ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ އެކުއްޖާގެ ގައިގައި 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ޖުވެނައިލް ކޯޓުއިން ހާމަކުރިގޮތުގައި އެކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވީ އުމުރުން 15 އަހަރުގައި އަމިއްލަ ރުހުމުގައި ޒިނޭކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާ އިއުތިރާފުވުމުން ކަމަށެވެ.
15 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް އަމިއްލަ އިއުތިރާފުން ޒިނޭގެ ކުށް ސާބިތުވެ، ހައްދު ޖެހުމަށް ހުކުމް ކުރުމުން ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވުމަކީ އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަދެއްކުން ކަމަށާއި އެ ގޮތަށް އެ ވާހަކަ ދައްކަވާފައިވާ ނަމަ އެމަނިކުފާނު ތައުބާ ވެވަޑައިގަތުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވަނީ މީގެ ކުރިން ގޮވާލާފައެވެ. އަދި ރައީސް ވަހީދުގެ ޓްވީޓާ ދެކޮޅަށް ޢަދާލަތު ޕާރޓީއިން ވެސް ވަނީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ޙުކުމް ތަކާއިމެދު ފާޑުކިއުމުގެ ޙައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ބުނެ ނޫސް ބަޔާނެއް ނެރެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...