ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ހިތަދޫގައި ތިބި ގައިދީންނަށް ދީނީ ނަސޭހަތް ދީފި

hithadhoo_police_maldives

ހިތަދޫ ފޮލިސް ސްޓޭޝަންގައި އެކި އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނަށް ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެއް ގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ދީނީ ތަގުރީރުކޮށް ދެއްވާފައި ވަނީ ނޫރުލް އިސްލާމްގެ ރައީސް އައްޝެއިހް މުޙައްމަދު އަނީލް އެވެ. އައްޑޫ ޕޮލިސް ކަސްޓޯޑިއަލް ނުވަތަ ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން ގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 39 ޤައިދީންނާއި، ކަސްޓޯޑިއަލް ގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ބައިވެރިވެފައިވެ އެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުން އަނބުރާ މުޖުތަމަޢަށް ނުކުންނަ އިރު އެ މީހުންގެ އަޤީދާ އިތުރަށް ވަރުގަދަކޮށް އިސްލާމް ދީނުގެ ނޫރު ހިތްތަކުގައި އަށަގެންނެވުމުގެ މަޤުސަދުގައި ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ޝެއިހް އަނިލް ދެއްކި ވާހަކަފުޅުގައި އަޤީދާ ވަރުގަދަކުރުމަށާއި، ކުށަށް އަރައި ގަނެވޭ މީހުން ތައުބާ ވުމަށް ގޮވާލައިފައިވެ އެވެ. އަދި ޒުވާން ދައުރުގައި ބޭކާރު ގޮތުގައި އުމުރު ހޭދަ ނުކުރުމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން ތައުބާ ވުމަށް ގޮވާލައްވައިފައިވެ އެވެ.

"އިއްޔެ (އަންގާރަ ދުވަހުގެ) ހަވީރު، މޯލްޑިވްސް ޕޮލިސް ސާރވިސްގެ، ހިތަދޫ ފޮލިސް ސްޓޭޝަންގައި އެކި އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބޭފުޅުންނަށް ބޭއްވި ދަރުސް އަކީ ވަރަށް ކާމިޔާބު ދަރުސް އެއް. އަލްހަމްދު ލިﷲ. އެތަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބޭފުޅުންނަށް ދަރުސް އަޑު އެހުމަށް ސަމާލު ކަމާއި އެކީ ތިބި. ވަރަށް ބޮޑަށް ހެޔޮބަހެއް އިވުމަށް އެބޭފުޅުން އިންތިޒާރު ކުރައްވަވާ ކަން އިހުސާސް ކުރެވުން. ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮވިސްނުން ދެއްވާށި. އާމީން" މިދިޔަ އަންގާރަ ދުވަހު ކުރިޔަށް ދިޔަ ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްއާ ބެހޭގޮތުން އައްޝެއިހް މުޙައްމަދު އަނީލް ގެ ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *