ކީރިތި ޤުރުއާނުގައި މާތްﷲ ވަކިގޮތަކަށް ކަނޑައަޅުއްވާފައި އޮތް ޙުކުމެއް ބަދަލުކުރަން މަސައްކަތް ކުރާ ފަރާތަކީ ﷲގެ ޙުކުމްތައް ފުނޑުފުނޑުކުރަން މަސައްކަތްކުރާ ފަރާތެއް ކަމަށް ޕީޕީއެމްގެ މަޝްހޫރު ލޯޔަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވަހީދު ވިދާޅުވިގޮތުގައި އެޤައުމެއްގެ ހަލާކުވެގެންދިއުމުގެ މަލަމަތި ފެންނަން ފަށާނެ އެއްކަމަކީ ﷲގެ ޙުކުމްފުޅުތައް ބަދަލު ކުރަން މަސައްކަތް ކުރުމެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކަށް ރައްދުދެމުން ވަހީދު ވިދާޅުވީ އެމެރިކާގެ އުސޫލު މިތާގައި ޤާއިމްކުރަން މަސައްކަތްކޮށް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ވިދާޅުވާހެން އަޅުގަނޑުމެން އުޅެންޖެހޭނީ ދޮންމީހުން އުޅޭގޮތަށޭ ބުނުމަކީ ގޯހެއް ކަމަށެވެ. އަދި އަޅުގަނޑުމެން އުޅެން އަންގަވާފައި އޮންނަނީ ދޮންމީހުން އުޅޭހެން އުޅެން ނޫންކަމަށާއި އުޅެން އަންގަވާފައި އޮންނަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅުއްވި ގޮތަށް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އެންމެ ފުންނާބު އުސް ބޮޑެތި ބައެއް ޤާނޫނީ މާހިރުންނަށް އިސްލާމީ ޝަރީޢަތުގައި އޮތީ ކީކޭކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އިސްލާމީ ޝަރީޢަތަކީ ވަރަށް ފުރިހަމަ ޝަރީޢަތެއް އަދި އެޝަރީޢަތައް ގޮންޖަހާލެވޭނެ އަދި ފާޑުކިޔާލެވޭނެ އެއްވެސް އިންސާނަކު ނާންނާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އިންސާނާ ހެއްދެވީ އަދި އިންސާނާއަށް ސިކުނޑިދެއްވީވެސް މާތްﷲ ކަމަށާއި ތިމާ އަމިއްލައަށް ތިމާ މޮޅުވާ މޮޅުވުމަކީ އެއީ ތިމާގެ އަމިއްލަ ނަފްސުގެ ބޮޑާކަމާއި ކިބުރުވެރިކަން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...