ރާއްޖޭގެ ޚަބަރު ސިޔާސީން ޖައްސަވާހާ ބެރަކަށް ނަށާނީ މޮޔައިންނެވެ!

ސިޔާސީން ޖައްސަވާހާ ބެރަކަށް ނަށާނީ މޮޔައިންނެވެ!

ސިޔާސީން ޖައްސަވާހާ ބެރަކަށް ނަށާނީ މޮޔައިންނެވެ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: ރިޝްވާން / ފްލިކާރ

ފޮޓޯ: ރިޝްވާން / ފްލިކާރ

އެބަޔަކަށްޓަކައި ތިމާމެންގެ މުޅި ޒިންދަގީ ބަރުބާދުކޮށް، ޤުރުބާން ވާންޖެހޭވަރުގެ ސިޔާސީ ލީޑަރުންނެއް މިރާއްޖެއަކު ނެތެވެ. ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ޙައްޤުގައި، އެމީހުން ގޮވާލާ ކޮންމެ ގޮވާލުމަކަށް އަޅުގަނޑުމެން އިޖާބަ ދޭއިރު، ކަމުގެ ޙައްސާސް ކަމާއި، ކަމުގެ ކުޑަބޮޑު މިނާމެދު ވިސްނާލަންޖެހެއެވެ.

ސިޔާސީ ޕާޓީ އަކުން 2012 މާޗް 19 ވަނަދުވަހު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ވީޓީވީއަށް ގެއްލުންދިނުމުގެ ކުށުގައި 8 މީހެއްގެ މައްޗަށް 7 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. މިއަދު އެމީހުން ދުވަސްތައް ވޭތުކުރަމުން އެތިބަދަނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ. އަނބިދަރީންނާއި، ޢާއިލާ އަދި އެކުވެރި ރަޙުމަތްތެރީންނާ ވަކިންނެވެ. ޢާންމު މުޖުތަމަޢާއި އެކަހެރިކޮށެވެ. މީގެތެރެއިން އެންމެ ހަނގު މީހާގެ އުމުރަކީ އެންމެ ނަވާރަ އަހަރެވެ. މީނާގެ ޙަޔާތާމެދު އަޅުގަނޑުމެން ވިސްނާލަމާތޯއެވެ؟
19 އަހަރުގެ މީހާ 7 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛް ކުރުމަށްފަހު އެތަނުން ނިކުމެގެން އަންނައިރު އޭނާގެ ޢުމުރުން ވާނީ 26 އަހަރެވެ. އޭނާއަކީ މީހަކާ އިނދެގެން އުޅޭމީހެއް ކަމުގައި ވާނަމަ 7 އަހަރު ދުވަހު ފިރިމީހާޔާ ވަކީން އުޅެންޖެހުމުން ކުރިމަތިވެފައިވާނޭ ހިތާމަޔާމެދު ތަސައްވަރު ކޮށްލައްވާށެވެ. ދަރިއެއް ލިބިފައިވާނަމަ އެދަރިފުޅާމެދު ޚިޔާލު ކޮށްލައްވާށެވެ. އެކުއްޖާގެ ޢުމުރަކީ އެއް އަހަރު ކަމުގައި ބެލިކަމުގައި ވިޔަސް ބައްޕަ ޖަލުން ނިކުމެގެން އަންނައިރު ކުއްޖާގެ ޢުމުރުން ވާނީ 8 އަހަރު ފުރިފައެވެ. ބައްޕައެއްގެ ލޮތްބާއި އަޅާލުން، އެހީތެރިކަން އެންމެ ބޭނުން ޖެހުނު ދުވަހު ބައްޕަ ޖަލުގައި ހުންނަން ޖެހުމުން ދަރިފުޅަށް ކުރާނެ އަސަރާއި ލިބޭނެ ނިކަމެތިކަން ޚިޔާލު ކޮށްލައްވާށެވެ. މުސްކުޅިވެފައިވާ މައިންބަފައިންގެ އިޙްސާސްތައް އަޅުގަނޑު ނުދެންނެވިޔަސް ތިޔަބޭފުޅުންނަށް އެނގިލައްވާނެއެވެ.

މިހިސާބުން އަޅުގަނޑުމެން ބަލައިލާން ޖެހެނީ ޚުދު އޭނާގެ ޙާލާމެދުއެވެ. ޢާންމުކޮށް ކަންހިނގާ މަގަށް ވިސްނާއިރު 7 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛް ކުރުމަށްފަހު އެނބުރި ގެޔަށް ދާއިރު އޭނާގެ އަތްނބަކު ހުރުމަކީ ނާދިރު ކަމެކެވެ. ބަފައެއްގެ އަޅާލުން ނުލިބި ބޮޑުވާ ދަރީންގެ ދަރިވަންތަކަމުގެ ލޯބި ލިބުމަކީވެސް އެހާމެ ނާދިރުކަމެކެވެ. ޙުކުމް ތަންފީޛް ކުރެވިފައިވަނީ ޓެރަރިޒަމްގެ ކުށަށް ކަމުގައިވާއިރު މުޖުތަމަޢު ދެކޭ ދެކުން ވާނީ ބަދަލުވެފައެވެ. ވަޒީފާ އާއި ތަޢްލީމުގެ ފަހި ފުރުސަތުތައްވާނީ ހަނިވެފައެވެ. ކުރުގޮތަކަށް ދަންނަވާނަމަ އޭނާގެ މުޅި ޙަޔާތް ވަނީ އަނދިރިކަމެއްގެ ތެރޭގައެވެ. އިޔާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއްވާނީ ކުރިމަތިވެފައެވެ.

މިފަދަ ޙާލަތަކަށް ތިމާމެންގެ މުޅި ޙަޔާތް ހުރަހޮޅި ގަންނައިރު ތިމާމެން އެބަޔަކަށް ތަބާވެގެން ތިބި ސިޔާސީ ލީޑަރުން ތިއްބަވަނީ އުފާ ފާގަތިކަމުގައެވެ. ޢާއިލާ އާއި އެކުވެރި ރަޙުމަތްތެރީންނާއެކު ފިނިކޮޓަރިތަކުން، ރެސްޓޯރެންޓުތަކުން ހިތްހަމަޖެހުން ލިބިގެންނެވެ. މިކަމާމެދު އަޅުގަނޑުމެން ނުވިސްނަނީ ކީއްވެބާވައެވެ؟
ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ނުވަތަ މަޖިލީހުގެ މެމްބަރަކު ބާރަށް ފޮޑިއެއް ޖެހިޔަސް އެވަރެއް ނެތިގެން އަތްޖަހާއިރު އެބޭފުޅުންގެ ޙަސީލަތާމެދު ނުވިސްނަނީ ކީއްވެބާވައެވެ؟ ރައްޔިތުންގެ ޙާޖަތްތައް ފުއްދަން ސަރުކާރުން ބަޖެޓު ހުށައެޅުމުން ދައުލަތުގެ ދަރަނި ބޮޑުކަމަށްބުނެ، ބަޖެޓު ކުޑަކުރާ މަޖިލީހުގެ މެމްބަރުން، ހެނދުނު ހޭލާއިރު ހިތްޕުޅަށް އަރާ ކޮންމެ ޢަދަދެއް ޖައްސަވާފަ މުސާރަޔާ އެލަވަންސް ނަންގަވަނީ ރައްޔިތުންނާމެދު ކުޑަވެސް އަގަލެއް ކުލުނެއް ނެތިއެވެ. ސަރުކާރުގެ މުއައްސަސާތައް ސައްޚަ ނޫންކަމަށް ވިދާޅުވެ ގޮންޖައްސަވާފައި ނިކުންނަ ބޭފުޅުން ތިއްބަވަނީ ދައުލަތުގެ ދިދަޖެހި ކާރުގައި ބޮޑު މުސާރަޔާ އިނާޔަތް ނަންގަވައިގެންނެވެ. ނިކަމެތިވެ، އަނގަޔާ އަތާ ދިމާނުވެގެން އުޅެންޖެހެނީ ހަމަ އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނެވެ.

އެކަމަކުވެސް އެބޭފުޅުންގެ ޙައްޤުގައި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޙަޔާތް ބަރުބާދުކޮށްލަން ވީތޯއެވެ؟ އެބޭފުޅުން ބޯތިރިކުރަން އަންގާއިރަށް ބޯތިރި ކުރަންވީތޯއެވެ؟ އެބޭފުޅުން ޖައްސަވާހާ ބެރަކަށް ނަށަންވީތޯއެވެ؟ އެހެންކަމުގައި ވާނަމަ އަޅުގަނޑުމެންނީ މޮޔައިންނެވެ. އަޅުގަނޑުމެން ބުނާކަހަލައެވެ! "އަހަރެމެން ނުކައި ތިއްބަސް، އަހަރެމެންދެ ދަރީން ނުކިޔަވައި ތިއްބަސް، އެބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާ އުފަލުގައި އުޅެނިކޮށް އަހަރެމެން ހެޕީއެވެ".

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.