ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއަން ހައިކޮމިޝަނަށް ވެންނެވުމާ ގުޅިގެން ޢަދާލަތު ޕާޓީން ނޫސްބަޔާނެއް ނެރެފިއެވެ.
ޢަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައި ވާގޮތުގައި ރައީސް ނަޝީދު ގެންދަވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި، ޑިމޮކްރެޓިކް އުޞޫލުތަކާއި އަދި އިންސާނީ ޙައްޤުތަކާ ޚިލާފަށް ހިންގަވާފައިވާ ޖަރީމާތަކާ ގުޅިގެން ހިންގޭ ޝަރީޢަތަށް ފިއްލެވުމަށްޓަކައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ނިވާފަތްގަނޑަކަށް ބޭނުންކުރަންވަމުނެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނަޝީދު ގެންދަވަނީ ޝަރުޢީ ނިޒާމަށް ފުރައްސާރަކޮށް، އަމްނު ބަލަހައްޓާ މުއައްސަސާތަކަށް ބަދުބަސްބުނެ، ނުކިޔަމަންތެރިކަން ދައްކައި، ރާއްޖޭގެ އަމަންއަމާންކަމާއި މަސްލަޙަތު ނަގާލަމުން" ޢަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އިންޑިއާ ހައިކޮމިޝަނަކީ އެމް.ޑީ.ޕީގެ ޖަގަހައަކަށް ހަދައިގެން ރައީސް ނަޝީދު އެތާނގައި ހުންނަވައިގެން އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކޮށް، މާލޭގެ މަގުތައް ނާމާންކޮށް، މާރާމާރީ ހިންގުމަށް ހިތްވަރުދީ، ދައުލަތާއި ފަރުދުންގެ މުދަލަށް ގެއްލުންދިނުމަށް ގޮވާލަމުންދިޔުމަކީ ދިވެހިރައްޔިތުން ޒަމާނުއްސުރެ އިންޑިއާއަށް ކުރަމުން އަންނަ އިޙްތިރާމާއި ޤަދަރު ކުޑަވެގެންދާނޭ ކަމެއް ކަމަށާއި އިންޑިއާއި ދިވެހިރާއްޖޭގެ، ހީނަރުވަމުންދާ ގުޅުން ރަގަޅުކުރެވޭފަދަ ޕްރޮފެޝަނަލް އަދި އިންސާފަށް ލޯބިކުރާ ސަފީރަކު ޢައްޔަން ކުރުމަކީ މިވަޤުތު މުހިންމު ކަމެއްކަމުގައި ޢަދާލަތު ޕާޓީއިން ދެކޭ ކަމަށްވެސް އެ ނޫސް ބަޔާނުގައި ހާމަ ކުރެއެވެ. އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އިންޑިއާ އާއި ދިވެހި ގައުމުގެ ބަދަހި ގުޅުމަށް ބުރޫއެރުމަކީ ޢަދާލަތު ޕާޓީން އެދޭ ގޮތެއްނޫން ކަމަށްވެސް އެ ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...