މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް އަވަހާރަކޮށްލިކަމުގެ ދައުވާލިބޭ ހ. ލޮބީ ހުސައިން ހުމާމް އަހުމަދަށް ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދީފިއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމްގެ މައްޗަށް ދައުލަތުން ކުރަނީ "ގަސްދުގައި މީހަކު މަރާލުމުގެ" ކުށުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ހުމާމް ވަނީ އެ ދައުވާއަށް އިންކާރުކޮށް ދިފާއީ ވަކީލަކު އައްޔަންކުރުމުގެ ފުރުޞަތަށް އެދިފައެވެ.
ދައުލަތުގެ އެހީގައި ވަކީލުން ހަމަޖައްސައިދިނުމުގެ ކަންތައް ކުރިއަށް ގެންދަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. މީގެ ކުރިން އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ އަޑުއެހުމެއް ބާއްވަން އުޅުނު ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ހުމާމަށް ދައުލަތުން ހަމަޖައްސައިދޭ ވަކީލުގެ ކަންތައް ހަމަނުޖެހިގެންނެވެ.
އަފްރާޝީމްގެ މަރުގެ ތުހުމަތުގައި ބަންދުކުރި މީހުންގެ ތެރެއިން ބަންދުގައި ހުންނަތާ އެންމެ ގިނަދުވަސް ވީ މީހަކީ ހުމާމް އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...