ޢާންމު އާބާދީއާ ތަންކޮޅެއްދުރުގައިހުރި ބޮޑުގަހަކަށް އަވަށުގެ ގިނަބަޔަކު އަޅުކަންކުރާތަން އެއަވަށުގެ މުސްލިމަކަށް ފެނުނެވެ. މިމަންޒަރުހަމަފެނުމާއެކު މީސްތަކުން ﷲ އަށް ކުފުރުވެ، އަޅުކަންކުރަމުންދާ ގަސްކަނޑާލުމަށް އެމީހާޢަޒުމް ކަނޑައެޅިއެވެ. އެހެނީ އެ އަވަށުގެ މީސްތަކުން ﷲ އަށް އަޅުކަންކުރުމާއި ދުރުކުރުމުގެ ވަޞީލަތަކަށްވެފައިވަނީ އެގަހެވެ.
ބަލަންނުހުރެ ގަސްކަނޑަންބޭނުންވާ ސާމާނުހިފައިގެންއައި އެގަސްކަނޑަށްފެށިއެވެ. އެމީހާއައިސް ހަމަގަސްކަނޑަންފެށުމާއެކު ޝައިޠާނާ އެތަނަށްއައިސް ވަރަށް ނުތަނަވަސްވެފައިހުރެ އެމީހާއާ މުޚާޠަބުކޮށް ސުވާލުކުރިއެވެ. " ކަލޭ ތިކުރަނީ ކޮންކަމެއްހެއްޔެވެ؟" ޖަވާބުގައި އެމީހާ ބުންޏެވެ. " އަހަރެން މިއުޅެނީ މިގަސްކަނޑާލާށެވެ. އެއީ މިގަހުގެ ސަބަބުން އެތައްބަޔަކު އެދަނީ މާތްﷲ އަށް ޝަރީކު ކުރަމުންނެވެ. ޝައިޠާނާ ބުންޏެވެ. " ނޫން ނޫން ... އެއްގޮތަކަށްވެސް ތިހެންނަހަދާށެވެ. މިއަވަށުގެމީހުން ތިގަސް ހައްދަންހާދަ މަސައްކަތެއްކުރިއެވެ. އަދި މިހާރުވެސްއެދަނީ ނުހަނު އޯގާތެރިކަމާއެކު ތިގަސް ބަލަހައްޓަމުންނެވެ. އަދި ތިގަސް ގިނަދުވަހަށް ދެމެހެއްޓުމަށްޓަކި އަހަރެންވެސް މިދަމީ ވަރަށްމަސައްކަތްކުރަމުންނެވެ."
އެމީހާ ޖަވާބުގައި ބުންޏެވެ." ނޫން ނޫން.... އަހަރެން މިކަން މިއައީ މާތްﷲ އަށްޓަކައެވެ. އެކަލާނގެ ދީނަށްޓާކައެވެ. މިކަންކޮށްފަނޫނީ ނުހުއްޓާނަމެވެ." މިފަދައިން އެމީހާގެ ހުރި ވަރުގަދަ ޢަޒުމު އެޝައިޠާނާއަށް ހާމަކުރިއެވެ. އެމީހާގެ ހިތްވަރާއި ވަރުގަދަ ޢަޒުމް ހާމަވުމުން ޝައިޠާނާ އެކަމަށް ކުޑަކޮށް ފަސްޖެހެލިއެވެ. އެހެނީ އިޚްލާޞްތެރިކަމާއެކުކުރާ ކޮންމެކަމެއްގައިވެސް ﷲ ގެ ޙަޟުރަތުން ލިބިގެންވާ ވަރުގަދަ ބާރެއްވެއެވެ. އެމީހާގެ ކުރިމަތީގައި އެވަގުތު ޝައިޠާނާ ބަލިވެއްޖެއެވެ. ނަމަވެސް ދެންވެސް ޝައިޠާނާ ވިސްނީ އެމީހާ ކުރަންއެއުޅޭ ހެޔޮކަންތައްހުއްޓުވޭނޭ ގޮތަކާއިމެދުއެވެ.
ހަމަކުއްލިއަކަށް ޝައިޠާނާގެ ޚިޔާލަށް ކަމެއް އަތުވެއްޖެއެވެ. އެއަށްފަހު ވަރަށް ދެރަވެލާފައި އެމީހާގާތު ބުންޏެވެ." އަހަރެންގެ މިވާހަކަ އަޑުއަހާބަލާށެވެ" ހޫނ.. ތިބުނަންއުޅޭ އެއްޗެއް ބުނެބަލާށެވެ." އެމީހާ ފާޑަކަށް ބުނެލިއެވެ.
ޝައިޠާނާ ބުންޏެވެ. " ކަލޭ ތިކުރާ ކަންތައްތައް ހުއްޓާލާށެވެ. އެއިރުން ކޮންމެދުވަހަކު އަހަރެން ކަލެއަށް 2 ދިރުހަމް ދޭނަމެވެ. އެއިރުން އެއްވެސް މަސައްކަތަކާއިނުލާ ދުވާލަކު ކަލެއަށް 2 ދިރުހަމު ލިބޭނޭ ނޫންހެއްޔެވެ."
މިވާހަކަތައް އަޑުއިވުމާއެކު އެމީހާގެ ހިތަށް ދުނިޔޭގެ އެދުންވެރިކަން ވަދެއްޖެއެވެ. އެހިނދު އެމީހާ ބުންޏެވެ. "އެންމެ ރަނގަޅެވެ. ހަމަކޮންމެދުވަހަކު އަހަންނަށް 2 ދިރުހަމު ލިބޭނެހެއްޔެވެ؟ އެކަމަށް ގެރެންޓީދެނީ ކާކުހެއްޔެވެ؟" ޝައިޠާނާ ބުންޏެވެ." އެކަމުގެ ގެރެންޓީ އަހަރެންދެމެވެ. އަދި ކޮންމެދުވަހަކު ފަތިސްނަމާދުން ފައިބައިގެން ނަމާދުކުރާ މުސައްލަ ހިއްލާލާއިރު އޭގެދަށުން 2 ދިރުހަމު ކަލެއަށް ލިބޭނެއެވެ."
"އެންމެ ރަނގަޅެވެ. ތިކަމެއްވެސް އެނގިދާނެތާއެވެ. އެމީހާބުނެލިއެވެ." މާތްﷲ އަށްޓަކައި އެގަސް ކަނޑާލުމަށް ކަނޑައަޅައިގެން އައިޢަޒުމު ފައިސާގެ ސަބަބުން ނެތިދިޔައީއެވެ. އަދި އެކަންހުއްޓާލާފައި އެމީހާ ދިޔައީ ގެއަށެވެ.
ނިދާތެދުވެގެން ފަތިސްނަމާދުކުރުމަށް ދިޔައިރު އޭނާގެ ވިސްނުމާއި ފިކުރުގައިވަނީ ޝައިޠާނާދޭންބުނި ދެ ދިރުހަމެވެ. ނަމާދު ނިމިގެން މުސައްލަހިއްލާލިއިރު،ޝާއިޠާނާ ބުނިގޮތަށް އެތަނުގައި 2 ދިރުހަމުއޮތެވެ. އެދެދިރުހަމު ނަގައިގެންއޭނާ ދިޔައީ އެހެންނާވެސް ދިރިއުޅުމަށްޓަކައި ކުރާމަސައްކަތްކުރުމަށެވެ. ޖެހިގެންއައި ދުވަހުވެސް ފަތިސްނަމާކޮށްގެން މުސައްލަ ހިއްލާބަލާލިއިރުވެސް ހަމަ 2 ދިރުހަމު އޮތެވެ.
ކޮންމެދުވަހަކުވެސް މިކަންތައްގަނޑު ދިޔައީ ތަކުރާރުވަމުންނެވެ. ކޮންމެދުވަހަކުވެސް ފަތިސްނަމާދުކޮށްލައިގެން އެމީހާ އަވަސްވެގަންނަނީ މުސައްލަދަށުގައި އޮންނަ ދެ ދިރުހަމު ނެގުމަށެވެ. މިކަންމިހެން ދެތިންމަސްވަންދެން މިހެންކުރިޔަށްދިޔައެވެ. އެއަށްފަހު އެފައިސާ ދިނުން ޝައިޠާނާ ހުއްޓާލިއެވެ. މިބުނިފައިސާ ނުލިބެންފެށުމުން އެމީހާ އަނެއްކާވެސް ހުރިހާ ސާމާނެއް ހިފައިގެން އަނެއްކާވެސް ދިޔައީ އެއްކަލަ ގަސްކަނޑާލުމަށެވެ. އެމީހާ އެތަނަށްދިޔައިރު އެއްކަލަ ޝާއިޠާނާ އެތާގައި ހުއްޓެވެ. އެމީހާ ގަސްކަޑާލަން އުޅެންފެށުމުން އަހާލިއެވެ. " ތިއުޅޭނީ ކޮންކަމެއްކުރަންހެއްޔެވެ؟" ކޮންމެ ދުވަހަކު ކަލޭދިނުމަށް ވަޢުދުވި 2 ދިރުހަމު ބުނިގޮތަށް ނުދިނުމުން އަނެއްކާވެސް މިއައީ މިގަސްކަނޑާލައި މުޅިން ނައްތާލާށެވެ." ޖަވާބުގައި ޝާއިޠާނާ ބުންޏޭވެ. "ތިކަންކުރުމަށްޓަކައި ކަލެއަށްކުރެވުނު ކަމެއްކުރާށެވެ. ނަމަވެސް މިހާރަކު ތިކަންކުރުމުގެ ހިއްވަރެއްކަލޭގެގަޔަކު ނުހުންނާނެއެވެ." އެވަގުތު އެމީހާ ބުންޏެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ޝައިޠާނާބުންޏެވެ. އެކަންކުރުމަށް ކުރިން ކަލޭއައީ މާތްﷲއަށް ޓަކައެވެ. އެކަލާނގެ ދީނަށްޓަކައެވެ. ނަމަވެސް މިހާރު ކަލޭތިއައީ ފައިސާއަށްޓަކައެވެ. ކުރިން އެކަންކުރަންއައީ އިޚުލާސްތެރިކަމާއެކުގައެވެ. ނަމަވެސް މިފަހަރަކު އެއިޚުލާޞްތެރިކަމެއްނެތެވެ. އެހެންވުމުން މިފަހަރަކު ތިކަމެއް ކަލެއަކަށްކާމިޔާބެއް ނުކުރެވޭނެއެވެ. ޝައިޠާނާ މިހެންބުނުމުން ގަސްގެނޑުން ހުއްޓާލާފައި އެމީހާ އިސްދަށަށްޖަހާލައިގެން އެތަނުން އެނބުރިދިޔައީއެވެ.
ވިސްނާލަންވީ މުހިންމު ނުކުތާ:
********************
އެންމެހާކިޔުންތެރިންނޭވެ. ވިސްނަވާލައްވާށެވެ. އިންސާނާ މަގުފުރެއްދުމަށްޓަކައި ޝައިޠާނާ ފައިސާގެ އެދުންވެރިކަން ދަށްކަނީ ކިހާމިންވަރަކަށްތޯއެވެ! އިޚްލާޞްތެރިކަމާއެކު މީހާކު ކަމެއްކުރާނަމަ އެކަމެއް ފުނޑު ފުނޑުކޮށްލުމަށް ޝައިޠާނާ އެތަނަކަށް ފާވާނެއެވެ. އަދި އެސޮރުގެ ދަންމަޅީގައި ޖައްސަން ކުރެވެންހުރިހުރިހާ މަސައްކަތެއް ކުރާނެއެވެ. އަދި ގިނަފަހަރު އޮންނަނީ އިންސާނާ މަގުފުރެދި އެދަންމަޅީގައި ޖެހިފައެވެ.
ރައްޔިތުންނަށްޓަކައި،އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރުމަށް ނުކުންނަނީ ކިތައްބޭފުޅުންތޯއެވެ. ނަމަވެސް އެންމެފަހުން ފެންނަނީ ފައިސާގެ ދަހިވެތިކަމުގައިޖެހި އެކޯރުގައި ފަތާތަނެވެ. މިހެންދިމާވަނީ ކުރަންނުކުންނަ ކަންކަމުގައި އިޚުލާޞްތެރިކަމެއްނެތުނީމައެވެ.
- މިކަމާމެދު އެންމެހައިބޭފުޅުން ވިދާޅުވަނީ ކީކޭތޯ...................؟
( ނިމުނީ )















ތިޔައީ ހަމަ ވަރަށް ބޮޑު ތެދެއް. ވަށާގެން ބަލާލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ ތިޔަ މަޅީގައި ބަނދެވި ސަލާމަތްނުވެވޭ ވަރު ވެފައިވާ އިންސާނުން. ހަމަ ގައިމުވެސް އޭގެތެރެއިން އެތައްބަޔަކު ނުކުންނާނީ ކަންތައްތައް ބަދަލުކޮށް އިސްލާހުކުރުމުގެ އެދުމުގައި، ނަމަވެސް ފައިސާގެ އެދުންވެރިކަންމިވަނީ މުޅި މިގައުމު ފަސާދަކޮށް ބޮޑު އަނދަވަޅަކަށް ވައްޓާލާފަ.
އާދޯ ! ތިއީ ވވވ ބޮޑަށް ދިވެހިން ވިސްނާލަން ޖެހޭ ކަމެއް
ތެދެ ދެރޯ؛ ؛ދ
ރަނގަލު ވަހަކަ އެއް ދޯ!
މާތް ﷲ ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުން ޝައިތާނާގެ މަކަރުވެރި ދަންމަޅިތަކުން ސަލާމަތް ކުރައްވާށި! އާމީން!
އާމީން!