ހުޅުމާލޭގައި ޑިއުޓީ ކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފުލުހަށާއި ސައިކަލްގައި ތިބި 2 މީހުންނަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަ ކުރާގޮތުގައި ރޭ 22:00 ކަންހާއިރު ހުޅުމާލޭގެ އެމްޕީއެލް ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ފުލުސް މީހާއާއި ސައިކަލް ދުއްވަން އިން މީހާގެ އިތުރުން ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާވެސް ވަނީ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައެވެ.
މި އެކްސިޑެންޓްގައި ފުލުސް މީހާގެ ވާއަތް ބިންދައިގެންގޮސް ގައިގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފައެވެ. އަދި ސައިކަލް ދުއްވަން އިން މީހާއާއި ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާގެ ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގެ މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުޤީޤު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...