ދީނަކީ މީހުން ބައިބައި ކުރާ އެއްޗެއް ނޫން ކަމަށާއި އަދި އެއީ މީހުން ގާތްކުރާ، އެކުވެރިކުރާ އަދި ލޯބި ޖައްސާ އެއްޗެއް ކަމަށް ޢައްޝައިޚް ޢަލީ ޒާހިރު ބިން ސައީދް ޤާސިމް ވިދާޅުވެއްޖެއެވެ.
“ދީނަށް އުޅުމަށް ހުރި ގޮންޖެހުންތައް” މި ނަމުގައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ ދީނަށް އުޅެން މަސައްކަތް ކުރާ ކުދިން ބައެއްފަހަރު ބައިބައި ވެގެން ދަނީ އެއީ ދީނުގައި ހުރި އުނިކަމެއްގެ ސަބަބުން ވާކަމެއް ނޫންކަމަށާއި އެއީ އަޅުގަނޑުމެން އިޚްލާސްތެރި ނުވުމުގެ ސަބަބުން ނުވަތަ ތެދުވެރި ނުވުމުގެ ސަބަބުން ނުވަތަ އަޅުގަނޑުމެންގެ ކިބައިގައި ހުންނަ ޒާތީ ބައެއް ކަންކަމާހެދި ވާކަންކަން ކަމަށް ޝެއިޚް ވިދާޅުވިއެވެ.
ޞަހާބީ ބޭކަލުންގެ ވާހަކަ ނަންގަންނަވަމުން ޝެއިޚް ވިދާޅުވީ އެ ބޭކަލުންނަކީ ޚިޔާލް ތަފާތުވުން ތަކެއް ހުރިކަމުގައި ވީނަމަވެސް އެއްބޭފުޅަކު އަނެއްބޭފުޅަކަށް ފަޚުރުވެރިވާ އަދި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ލޯބިވާ ބޭކަލުންތަކެއް ކަމަށެވެ. އަދި ދީނަށް އުޅޭ މީހުންނަކީ އެއްބައެއް އަދި އެއްޖަމާޢަތެއް ކަމަށާއި މިއަދު ދުނިޔޭގައި ތިބި ޝައިތާނުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ހެޔޮކޮށް އުޅޭމީހުން ބައިބައިވެގެން ދާތަން ފެނުން ކަމަށް ޝެއިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.
އެކުވެރިކަމަކީ ވަކިކަހަލަ ދުނިޔަވީ މަންފާއަކަށް ވާކަމެއް ނޫންކަމަށާއި އެއީ ﷲ އަށްޓަކައި ވާއެއްޗެއް ކަމަށްވެސް ޝެއީޚް ވިދާޅުވިއެވެ.
ރޭގެ ފޯރަމްގައި މަދީނާ ޔުނިވަރސިޓީގައި މިހާރު ކިޔަވަމުންދާ ބޭފުޅުން ބައިވެރިވުމުގެ އިތުރުން ބައިވެރިވި އާންމުންގެ ބައެއް ފަރާތްތަކުންވެސް ޚިޔާލާއި ޝޫއޫރު ފާޅުކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...