މަދީނާ އިސްލާމިކް ޔުނިވަރސިޓީ ގައި ތަޢުލީމް ހާސިލް ކުރަމުންދާ ދިވެހި ބޭފުޅުންކޮޅަކާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޒުވާނުންނަށް އިސްކަން ދީގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ފޯރަމްގައި އުޚުތުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
“ދީނަށް އުޅުމަށް ހުރި ގޮންޖެހުންތައް” މި ނަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން މިރޭ ބޭއްވުމަށް ހަމެޖެހިފައިވާ މި ފޯރަމްގައި ދިވެހި ރާއްޖޭގެ ދީނީ ހޭލުންތެރިކަމާ ބެހޭ އެކި މަޢުޟޫތަކަށް ވާހަކަ ދެކެވޭނެއެވެ. އެގޮތުން ދީނަށް ލޯބިކުރާ ޒުވާނުންތައް އުފެދިގެން އައި ގޮތާއި ދިވެހިން ދީނަށް އުޅުމަށް ހިތްޖެހި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ލޯބި ޖެހިގެން ދިޔަގޮތާއި މިފަދަ ކަންތައްތަކަށް އަލިއަޅުވާލެވޭނެއެވެ.
މި ފޯރަމްގެ މަޤްޞަދަކީ ދީނަށް ލޯބިކުރާ ދިވެހިން އަދި ޚާއްސަ ގޮތެއްގައި ޒުވާނުންގެ މެދުގައި އެކުވެރި އަޚުވަންތަކަން ބަދަހިކޮށް އެންމެން އެކަތި ގަނޑަކަށް ހެދުމެވެ.
ފޯރަމް އޮންނާނީ މިރޭ (22 ޖެނުއަރީ 2012 ވާ އަންގާރަ ދުވަހުގެ ރޭ) 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...