ރާއްޖޭގެ ޚަބަރު ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (3)

ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (3)

ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (3)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

history-maldives

ޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވުމަށްފަހު ފެންމަތިވަމުންދިޔަ މައްސަލަތައް

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވައިލެއްވުމަށްފަހު ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ޤާނޫނުތައް، ރައްޔިތުންގެ މަޖިލީހުން ހަދަމުން ދިޔައީ ވަކި މިވެނި ގޮތެއް އޮވެގެނެއް ނޫނެވެ. އަދި ޤާނޫނު ތަކަކަށް ޢަމަލުކުރާން ފަށައިގަތުމުގައި ރައްޔިތުންނަށް ދަތިވަމުންދިޔަ މިންވަރެއް، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އިހުސާސެއް ނުކުރެވުނެވެ. ޤާނޫނު ހެދުމުގައި ރައްޔިތުންގެ ޙައްޤުތަކަށްވުރެ ބޮޑަށް އެބޭފުޅުންނަށް އިސްކަންދެވުނީ އަމިއްލަ އެދުންތަކުގެ މައްޗަށެވެ. 1351 ވަނަ އަހަރުގެ ރަމްޟާންމަހު 10 ން ޖުމާދުލްޢޫލާމަހުގެ 19 ވަނަ ދުވަހާއި ހަމަޔަށް އެކުރު މުއްދަތުގެ ތެރޭގައި ޤާނޫނޫ ހަދާ މަޖިލީހުގެ 40 ޤާނޫނު ފާސްކުރެއްވިއެވެ.

އެއީ އެއް މަސް ދުވަހުގެ ތެރޭގައި ދުވަހަކުވެސް އެއްވެސް ޤާނޫނު ހަދާ މަޖިލީހަކުން ފާސްކުރެއްވި މިންވަރެއް ނޫނެވެ. މިގޮތުން ފާސްވި ބައެއް ޤާނޫނު ތަކަކީ  އެކި ދާއިރާތަކުން ވަރަށް ފުންކޮށް އަސަރުނުކޮށް ނުހުންނާނެ ޤާނޫނޫ ތަކެކެވެ. އޭގކުރާނެ އަސަރުތައް ލިބޭނެ ދަތިތައްވެސް އެހާމެ ގިނައެވެ. އެގޮތުން ލަކުޑީގެ ޤާނޫނާއި،  ބިދޭސީ ވިޔަފާރިވެރިންގެ ޤާނޫނެވެ. ލަކުޑީގެ ޤާނޫނަށް ނަޒަރު ހިންގާލާއިރު ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ލިބެމުންއައި، ލަކުޑި ކުއްލިއަކަށް ވިއްކަވަން ފެއްޓެވުމުން ރައްޔިތުންނަށް އެކަމުގެ ސަބަބުން ފޯރާންފެށި އުނދަގުލާއި ދަތިތަކަކީ އެކަމުގެ ސަބަބުން ނުބައި ނަތީޖާތަކެއް، ނިކުމެ ނުދާނެ ކަންތައްތަކެއް ކަން ކަށަވަރެވެ. އެހެނީ ޠަބީއީ ގޮތުން ބެލިކަމުގައިވިއަސް، އަގަކާއި ނުލައި ހިލޭ ލިބެމުން ދިޔައެއްޗެއް ކުއްލިއަކަށް އަގު ނަގަން ފަށައިގަތުމުން އެކަމުގެ ސަބުން ރައްޔިތުންނަށް ދަތިކަމާއި އުނދަގޫތައް ކުރިމަތިނުވެ ނުދާނެއެވެ.

ބިދޭސީ ވިޔަފާރިވެރިންނާއި ބެހޭ ޤާނޫނުގެ މައްޗަށް އަލި އަޅުވާލާއިރު، ބިދޭސީ ވިޔަފާރިވެރިންގެ އަތުން ޖުރިމާނާއެއްގެ ގޮތުގައި ނަގަންފެށި ބޮޑު މިންވަރުގެ އަގަކީ، އެމީހުންގެ ސަބަބުން ދިވެހިންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެގެންދިޔަ ކަމެކެވެ. އެގޮތުން ކާބޯތަކެތި ނުގަނެވޭފަދަ ހާސް ކަމެއް ދިވެހިންނަށް ކުރިމަތިވިއެވެ.

އަދި މީގެ އިތުރުން ޞިއްޙަތާއިމެދު ފާސްވި ޤާނޫނަކީވެސް، އެބިލުގައި އެދެވޭ މާއްދާތަކެއް ހުރިކަމުގައިވިއަސް، ޖުމުލަކޮށް އެބިލަކީ ރައްޔިތުންނަށް ހިންދުރުވައިލަން ފަސޭހަ ޤާނޫނެއް ނޫނެވެ.

މިޤާނޫނު އަސާސީގެ ދަށުން އެކުލަވައިލެވުނު ޤާނޫނެއް ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލައި ކެކި އުތުރި އަރައިގެންދިޔަ ޤާނޫނަކީ އަތިރިއަށް އެކަހެރިފަރާތަށް ދިއުން މާނާ ކުރުމުގެ ޤާނޫނެވެ. ހާޖަތައް ދެވޭނެ އެހެންގޮތެއް ރައްޔިތުންނަށް ހަމަޖައްސައި ނުދެއްވައި އަތިރިއަށް ބޮޑު ކަމުން ދިއުން މަނާ ކުރުމާއި ގުޅިގެން، ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ކުރިމަތިވާނެ ދުއްތުރާތަކާއި ދަތިތަކަކީ ކިހާބޮޑުވާނެ ކަންތައްތަކެއް ހެއްޔެވެ.

މީގެއިތުރުންވެސް މިޤާނޫނު އަސާސީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާނެ އެތައް ޤާނޫނަކާއި އެތައް ޤަވާޢިދެއް އެކުލެވިފައިވެއެވެ. ޙަޤީޤަތަކީ މިޤާނޫނު އަސާސީ ފާސްކުރެވުމުން ރައްޔިތުންނަށް ލިބޭނެ މިނިވަންކަމާއި އުފާފަގަތިކަމަށް ރައްޔިތުން ތިބީ އެދި އެދިއެވެ. ނަމަވެސް ކަންވީގޮތަކީ ރައްޔިތުންގެ ފުރާނަޔަށް ދަތިވެ ކައިބޮއެ އުޅުމަށާއި ޢާއްމު ދިރިއުޅުމަށްވެސް ދަތިވެ އޮޑިދޯނި ފަހަރު ބަނުމަށްވެސް ދަތިވެ އޮޑި ދޯނިފަހަރު އުވުމަށް ތައްޔާރުވެ، ރައްޔިތުން ހިނާ ޠާހިރު ވާނޭ ވަޅުނެތި، ވެޔޮތައް ހަލާކުވެ ނިމިގޮސް، އަތިރިއަށް ހާޖަތައް ދިއުން މަނާވެ، ހާޖަތައް ދާނެ ވަކިތަނެއް ނާންގައި، ޖޫރިމަނާވުން ގިނަވެ، މަގުމަގުގައި ހިނގުމަށް ބީރަށްޓެހިންނަށް ދަތިވެ، މާލެއައިސް މާލެއިން ފުރައިގެން ދިއުމަށް ދަތިކަން ލިބިދާފަދަ  ގޮތްތައް މެދުވެރިވުމެވެ. މިކަމުގެ ސަބަބުން ރައްޔިތުން ހޫނުވެ ރުޅިވެރިކަމުގެ ޝުޢޫރުތައް ކެކި އުތުރި އަރައިގެން ދިއުމެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީވީ ރައްޔިތުންނަށް ހިތި ތަޖުރިބާ ތަކަކަށެވެ.

ފުރަތަމަ ޤާނޫނު އަސާސީ ވީދާލުން

ނުނިމޭ

ކުރީގެ ބައިތަށް

 

ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (1)

ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (2)

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.