ތިލަފުށީ ފަޅުން ބިން ހިއްކުމަށް ހެވީލޯޑް މޯލްޑިވްސްއާ ހަވާލުކުރި މަސައްކަތް ދީފައިވާ މުއްދަތުގެ ތެރޭގައި އެއްކޮށް ނުނިންމުމުގެ ސަބަބުން 650 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ތިލަފުށީ ކޯޕަޜޭޝަން ލިމިޓެޑް (ޓީސީއެލް) އިން ބުނެފިއެވެ.
މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓީސީއެލްގެ ޤާނޫނީ ވަކީލު މަޒުލާން ރަޝީދު މިއަދު ވިދާޅުވީ ތިލަފުށީ ބިންހިއްކުމުގެ މަޝްރޫޢު ހެވީލޯޑާ ހަވާލު ކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށްކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމިނަމަ އެ ބިން ކުއްޔަށް ދީގެން 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި އެކަން ހާސިލް ނުވެފައިވާއިރު، މިހާރު ހިއްކާފައިވާ 32 ހެކްޓަރުގެ ބިމުގެ އަޑިގުޑަނުގެ ސަބަބުން ފަސްގަނޑު ރަނގަޅު ކުރުމަށް އެކަނި ވެސް މިލިއަނެއްހާ ޑޮލަރު ބޭނުންވާނެ ކަމަށް މަޒުލާން ބުންޏެވެ. އެހެން ކަމުން ޖުމުލަ 650 މިލިއަން ރުފިޔާވަރު ނުލިބި ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޒުލާން ވިދާޅުވީ ބިޑު ސެކިއުއިރިޓީގެ ގޮތުގައި ހެވީލޯޑުން ދޭން ނިންމި ތަކެތީގައި ސޮއި ނުކުރުމަށް އެންގި ކަމަށާއި ނަމަވެސް އެއާ ދެކޮޅަށް އޭރުގެ ކުންފުނީގެ ބޯޑުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ހެވީލޯޑާއެކު ހަދާފައިވާ އެ އެގްރިމެންޓަށް "ދެން ހެދެން އޮތީ ތިން ގޮތެއް،" ކަމަށާއި އެއީ އެގްރިމެންޓާއެކު ކުރިއަށް ދިއުން ނުވަތަ އެގްރިމެންޓަށް އިސްލާހުތަކެއް ގެނެސްގެން މަޝްރޫއު ކުރިއަށް ގެންދިއުން ނޫންނަމަ އެގްރިމެންޓް ބާތިލު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލު ކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހެވީލޯޑަށް ނާޖާއިޒް ފައިދާތަކެއް ހޯއްދަވައިދެއްވި ކަމުގެ ތުހުމަތުގައި ޓީސީއެލްގެ ބޯޑުގެ ކުރީގެ ތިން މެންބަރެއްގެ މައްޗަށް ދައުލަތުން ވަނީ ދަޢުވާ ކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...