އިސްލާމް ދީނަކީ މެދުމިނުގެ ދީނެކޭ ބުނާ ބަހުގެ ފުރިހަމަ މާނައަކީ ކޮބައިކަމާއި މި ދީން މެދުމިނުގެ ދީނަކަށް ވަނީ ކޮން ގޮތަކުން ކަން މީހުންނަށް ސާފުކޮށް ބަޔާންކޮށްދޭންޖެހޭ ކަމަށް އިލްމުވެރިން ވިދާޅުވެއްޖެއެވެ.
ރޭން ފެށިގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ އިލްމުވެރިންގެ މަހާސިންތާގެ މިއަދުގެ މެންދުރުފަހުގެ ދަންފަޅީގައި "އިސްލާމް ދީނަކީ މެދުމިނުގެ ދީނެވެ" މި މައުޟޫއަށް ޝައިޚް ނަޞްރުﷲ ހުށަހެޅުއްވި ކަރުދާހަށް ކުރި ބަހުސްގައި ގިނަ ޢިލްމުވެރިން ވިދާޅުވީ އިސްލާމް ދީނަކީ މެދުމިނުގެ ދީނޭ ބުނި ކަމުގައި ވިޔަސް، ދީން މެދުމިން ވަނީ ކޮން ގޮތަކަށް ކަން ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.
ބައެއް މީހުންނަށް މެދުމިން މާނަކުރެވެނީ ދީނީ އަޅުކަންތައް އެ މީހަކު ހިތަށް އެރި ފަހަރަކު ކޮށްފައި ހިތަސް އެރިފަހަރަކު ނުކޮށް ދޫކޮށްލައިގެން ހުރުން ކަމަށް ވެސް ބައެއް ޢިލްމުވެރިން ފާހަގަކުރެއްވިއެވެ. މި ކަރުދާހަށް ބަހުސްކުރައްވަމުން، ޙަޤީޤަތުގައި ވެސް އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްތޯ އާއި އެ ކަމަށް އޮތް ދަލީލަކީ ކޮބައިތޯ ޝައިޚް މުޙައްމަދު ނަޝީދު އާދަމް ސުވާލުކުރެއްވިއެވެ. އަދި އެއީ ޤުރްއާން ވެސް މާ ގިނައިން ނުކިޔަވައި މެދުމިނަށް ކިޔެވުމާއި ސަޖިދައިގައި ވެސް މާ ގިނައިރު ނުކޮށް މެދުމިންވަރަކަށް އޮތުން ފަދަ ގޮތްތައްތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ.
ޝެއިޚް ނަޝީދު ވިދާޅުވި ގޮތުގައި ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގައި އޮންނަނީ އިސްލާމީ އުންމަތަކީ މެދުމިނުގެ އުންމަތް ކަމަށެވެ. އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް ކަމަށް ނޯންނަ ކަމަށާއި ދީނާއި އުންމަތަކީ ވަރަށް ތަފާތު ދޭއްޗެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ޝައިޚް ނަސްރު ވިދާޅުވީ މެދުމިނަކީ ޤުރްއާނުގެ ސޫރަތުލް ފާތިޙާގައި ބަޔާންވެފައިވާ ޔަހޫދީންނާއި ނަޞާރާއިން ފިޔަވައި މެދުމިނުގެ ދީނެއް ކަމުގައި އިސްލާމް ދީން ކަނޑައަޅުއްވާފައި ވުމެވެ. މެދުމިން މާނަކުރައްވަމުން ބައެއް އިލްމުވެރިން ވިދާޅުވީ މެދުމިނަކީ ޔަހޫދީންގެ ހަރުކަށިކަމާއި ނަސާރާއިންގެ ކަންނެތްކަމާ ދެމެދުގެ މެދުމިން ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިފަދަ ބަހުސްތައް އޮންނަންވާނީ ދީނުގެ އަސްލުތަކުގެ ދިފާއުގައި ކަމަށާއި ދީނަށް އުޅޭ މީހުން ބަދުނާމުކުރާ ގޮތަށް މިފަދަ ބަހުސްތައް ހުރެގެން ނުވާނެ ކަމަށެވެ. އަދި ބަައެއް މީހުން މެދުމިން މާނަކުރާ އިރު، ތުނބުޅި ބެހެއްޓުމަކީ ހައްދުފަހަނައެޅުން ކަމަށްވާ ކަމަށާއި ނަމަވެސް ހައްދުފަހަނައެޅުމަކީ ދީނުގައި އޮތް ގޮތް ނޫން ގޮތްތަކަށް އުޅުން ކަމަށެވެ. އަދި އިސްލާމް ދީނުގައި ލުއިފަސޭހަވެވެނީ ކޮން ކަންތައްތަކެއްތޯ ވެސް ބަލަންޖެހޭ ކަމަށާއި ދީނާ ދުރަށް ދިއުމަކީ ލުއިފަސޭހަކަމެއް ނޫން ކަން ވެސް އަންގައިދޭންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...