ރިޕޯޓް "ފަތުވާ ބަހާ ޕާޓީ އަނެއްކާވެސް ފާޅުވެއްޖެ"

"ފަތުވާ ބަހާ ޕާޓީ އަނެއްކާވެސް ފާޅުވެއްޖެ"

"ފަތުވާ ބަހާ ޕާޓީ އަނެއްކާވެސް ފާޅުވެއްޖެ"

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

SS maldives

 

އިސްލާމްދީނުގެ ކަންތައްތަކާއި ބެހޭގޮތުން ފަތުވާދިނުމަކީ ހުރިހައި ޒަމާނެއްގައިވެސް އެކަމާއިގުޅޭ ޢިލްމުވެރިން ކޮށް އުޅުނު ކަމެކެވެ. ނަމަވެސް މިޒަމާނުގައި އެކަމަކީ ތަނެއް ދޮނެއް ނުދަން ޖާހިލު މީހާވެސް ފެންތައްޓެއް ބޯލާހާ ފަސޭހައިން ކުރަމުންދާ ކަމެކެވެ. ތިމާގެ އަމިއްލަ ނަން ޢަރަބިން އަޅާލަން ނޭނގޭ ޖާހިލު މީހާވެސް ބޮލުގައި ތާކިހަލެއް އަޅައި، ހުދު ޖުއްބާއެއް ނުވަތަ ހުދު ކުރުތާއެއް ލައިގެން ފަތުވާ ބަހަމުން ދުވާ ޒަމާނެއް މި ނޫނީ އައިސްފައެއް ނުވެއެވެ. މިއީ ޖާހިލުކަން ނޫން ދެން ކޮންކަމެއް ހެއްޔެވެ؟

ރާއްޖޭގައިވެސް މިފަދަ ޕާޓީއެއް މިހާރުވަނީ އުފެދިފައެވެ. އެސްއެސް ޕާޓީ ގެ ނަމުން ނަން ދެވިފައިވާ މި ޕާޓީގައި އެކި ދުވަސްވަރު ބޮޑަކަށް ހުންނަނީ އެކި މީހުންނެވެ. މި ފިކުރު ރާއްޖެ ގެނައި މީހުން މިހާރުވަނީ މި ޕާޓީއިން ފެޔަށް ޖައްސާ ބާކީ ކޮށްލާފައެވެ. ހުރިހާވެސް މައްސަލައަކީ މަންހަޖުން ކެޓުމެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އޮންނަ ޕާޓީއެކެވެ. އަބަދުވެސް އެބައިމީހުންގެ ޢިލްމުވެރިންނާއި ޢިލްމުވެރިން ޖެހި އެކަކު އަނެކަކަށް ހެއްދެވި ނުހެއްދެވިއަށް ގޮވުމަކީ މި ފިކުރު މީހުންގެ ވަރަށްބޮޑު ސުންނަތެކެވެ. ރާއްޖޭގައިވެސް މިހާރު ވެގެން އުޅެނީ ހަމަ މިހެންނެވެ. މި ފިކުރުގެ ޢިލްމުވެރިންކަމަށް ބުނާ ބޮޑެތި މީހުން އެކަކު އަނެކަކަށް ހެއްދެވި ނުހެއްދެވިއަށް ގޮވަން ފަށައިފިއެވެ. ލަދުން ބޯހަލާކެވެ. ބަދުނާމުވަނީ އިސްލާމް ދީނެވެ. އަދި އިންޝާﷲ އެބައިމީހުން އެބުނާ ޢިލްމުވެރިން އެކަކު އަނެކަކަށް ގޮވާފައިހުރި ލިޔުންތަކާއި އޯޑިއޯތައް ޕަބްލިޝް ކުރާ ހުއްޓެވެ. ވަގުތު ޖެހުމުންނެވެ.

މި އެސްއެސް ޕާޓީ ފާޅުވަނީ އަބަދުވެސް އިސްލާމް ދީނާއިގުޅޭ ބަޔަކު ކަމެއް ކުރަންޏާއެވެ. ކުރުގޮތަކަށް ބުނަންޏާ އިސްލާމް ދީނަށް ނަޞްރު ލިބޭހެން ހީވަންޏާ މި އެސްއެސް ޕާޓީ ފާޅުވެ އެކިއެކި ފަތުވާތައް މިސްކިތްތަކުގައި ބަހައެވެ. އެގޮތުން މިބައިމީހުންގެ ފުރަތަމަ ފަތުވާ ބަހާފައިވަނީ 23 ޑިސެމްބަރު އިއްތިހާދުން ބޭއްވި އެއްވުމާއި ދެކޮޅަށެވެ. ހައިރާންވާން ޖެހޭ އެންމެ ބޮޑު ކަމަކީ މިބައިމީހުން ތާޢީދު ކުރާ ރައީސް ނަޝީދު އާއި އެމްޑީޕީ އިން ކޮންމެދުވަހަކު ކުރަމުންދާ އަނިޔާވެރި ލާދީނީ އަދި ގޮތްކުޑަ މުޒާހަރާތަކެއް މި އެސްއެސް ޕާޓީއަށް ނުފެންނަ ކަމެވެ. ނަމަވެސް 23 ޑިސެމްބަރުގައި ދީނީ މީހުން ޙަރަކާތްތެރިވާތަން ބަލަން މި އެސްއެސް ޕާޓީއަކަށް ކެތެއް ނުވިއެވެ. މުސްލިމުންނަށް ނަޞްރު ލިބޭތަން ދުށުމަށް މި އެސްއެސް ޕާޓީއަކަށް ކެތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ހިތްތައްވަނީ ނިފާޤުކަމުން ފުރިފައެވެ. 23 ޑިސެމްބަރުގެ އެއްވުމާއި ދެކޮޅަށް ބެހި ފަތުވާތައް ތަރުޖަމާކުރީ ކާކު ކަމެއްވެސް ނޭނގޭ އެއްޗެހިތަކެއް މި ޕާޓީ އިން ބެހިއެވެ. އިސްލާމީ ޢިލްމުވެރިންގެ އަގު ހުރި މަސައްކަތްތައް މިބައިމީހުންގެ ފިކުރަށް ބަދަލުކޮށް ޢިލްމީ އަމާނާތެއް ނެތް ގޮތަށް އެތައް މިސްކިތްތަކެއްގައި އެ އެއްޗެތި ބަހާފައިވަނީ ﷲ އަށް އެއްވެސް ބިރެއް ނެތިއެވެ.

ކޮންމެއަކަސް 23 ޑިސެމްބަރު ގޮއްސިއެވެ. އޭގެފަހުންވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާތައް އޮވެއެވެ. މުޒާހަރާގެ ނަމުގައި މުޅި ރާއްޖޭގައި ހުޅުޖަހައި ސަރުކާރުގެ ބޮޑެތި މުއައްސަސާތައް ތަޅާ ސުންނާފަތި ކޮށްލި އިރުގައި ބަލަ އެއްކަލަ އެސްއެސް ޕާޓީ ވަނީ ޣައިބުވެފައެވެ. އެ އަނިޔާވެރިކަން މިބައިމީހުންނަށް ފެނުނުކަމަކަށް ނުވިއެވެ. މިހާހިސާބުން މި ވާހަކަ ކުރުކޮށްލީމެވެ.
ޔަހޫދީން މި ރާއްޖޭގައި އަތްގަދަ ކުރުމުގެ ސިއްރު ނުބައި އެޖެންޑާގެ ދަށުން ރާއްޖޭގައި 10 ހާސް މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ބިލެއް ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރުމުން ރާއްޖޭގައި ހެދިފައިވާ ޕާޓީތަކުގެ ތެރެއިން ހަމައެކަނި ދީނީ ޕާޓީކަމަށްވާ (5000 މެމްބަރުން ތިބޭ) އަދާލަތު ޕާޓީއިން މިހާރުވަނީ އެޕާޓީއަށް މީހުން ވެއްދުމުގެ ކެމްޕޭނެއް ފަށާފައެވެ. މިއީ ކުދި ހުރިހައި ޕާޓީތަކަކުންވެސް މިއަދު ފަށާފައިވާ ކެމްޕޭނެކެވެ. މައްސަލަ ފެށުނީ މިހާހިސާބުންނެވެ. މިކަން އަދާލަތުން ފެށީމައެވެ. ދީނަށް ނަޞްރެއް ލިބިދާނެތީއެވެ. އެއްކަލަ ފަތުވާ ބަހާ ޖާހިލު އެސްއެސް ޕާޓީ އަނެއްކާވެސް ފާޅުވެއްޖެއެވެ. މިބައިމީހުންގެ އުސްތާޒުލް ޖީލު އައްޝައިޚް ނަޞްރުﷲ މުސްޠަފާ މީގެ ދެތިން އަހަރު ކުރިން އެމްޑީޕީއަށް ވަން އިރު ހަމަ އޯކޭއެވެ. އެކަމާއިދެކޮޅަށް އޭރު ވާހަކަ ދެއްކުމުން މި އެސްއެސް ޕާޓީ ބުނެފައިވަނީ އެއީ ޙިކްމަތޯ އެވެ. ހެހެހެ.... މިބައިމީހުންނަކީ ދުނިޔޭގެ ދަހިވެތިކަމަށް އަޅުކަން ކުރާ ބައެކޭ ބައެއް އަޚުން ބުނަނީ އެހެންވެގެންނެވެ. ކޮންމެކަމެއްވެސް މި މީހުން ކުރަންވީމައި އެއީ މަންހަޖެވެ. އެހެން މީހަކު ކޮށްފިއްޔާ މަންހަޖުން ކަޓާނެއެވެ. މިބައިމީހުންގެ އުސްތާޒު ސަލަފުއްޞާލިޙުންގެ ތެރޭގައިވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ޢަޤީދާގެ މައްސަލަ ހުންނަކަމަށް ބުންޏަސް އެބުނާ މަންހަޖަކުން އޭނާއެއް ނުކަޓައެވެ. އެހެން މީހަކަށް ކިތަންމެ ކަވި ކަމެއް ކުރެވުނަސް އެ ކިޔާ މަންހަޖަކުން ކަޓާނެއެވެ.

ކޮންމެއަކަސް ރޭ ޢިޝާ ނަމާދަށް ފަހު މާލޭގެ ބައެއް މިސްކިތްތަކުގައި އެއްކަލަ ފަތުވާ ބަހާ އެސްއެސް ޕާޓީވަނީ ހަމައެކަނި ދީނީ ޕާޓީއަށް ވަނުމާއި ދެކޮޅަށް ފަތުވާ ބަހާފައެވެ. ކާކު ކަމެއް ނޭނގޭ، ދީނީ ޢިލްމަށް އަމާނާތްތެރިކަމެއް ނުބަހައްޓައި، އަނެއްކާވެސް އެއްކަލަ ގޮތަށް ފަތުވާތަކެއް ބަހައިފިއެވެ. ދީނީ ސިޔާސީ ޕާޓީތަކަށް ނުވަނުމަށް ދަންނަ ބޭކަލުން ދެއްވާފައިވާ ފަތުވާތަކެކޯލައެވެ. ކުއްލިއަކަށް ވުޖޫދަށް ފަތުވާތަކެއް އައީއެވެ. އެއްކަލަ ދީނީ ޕާޓީ އަށް މީހުންތައް ސޮއެ ކުރަމުންދާތީ އެއްކަލަ ނިފާޤުގެ އަހުލުވެރިންނަށް ކެތްނުވީއެވެ. ސިޔާސީ އެހެން ޕާޓީތަކަށް މީހުން ވަންނަންވީއެވެ. އޯކޭއެވެ. އެހެން މީހުން މުޒާހަރާކޮށް ތަންތަނުގައި ހުޅުވެސް ޖަހަންވީއެވެ. އޯކޭއެވެ. ރާއްޖޭގައި ދިވެހި މުސްލިމުންކަމަށް ބުނާ ބައެއް ލީޑަރުން ﷲ ގެ ޙައްދުތަކަށް ފާޅުގައި މަލާމާތް ކުރެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ފާޅުގައި ފުރައްސާރަކުރެއެވެ. މި އެސްއެސް ކަންފަތްތަކަކަށް މި އަޑެއް ނީވެއެވެ. މިބައިމީހުންގެ ލޯތަކަކަށް މިކަމެއް ނުފެނެއެވެ. އަދި މިކަމަކަށް މި އެސްއެސް ޕާޓީގެ އެއްވެސް ފަތުވާއެއްވެސް ނުނިކުމެއެވެ. އެކަމާއި އެމީހުންގެ އެއްވެސް ފަރުވާލެއްވެސް ނުހުރެއެވެ. އެފަދަ ކަންތައްތަކުން އެބައިމީހުންގެ ހިއްސުތަކެއް ނުގުޑައެވެ. އަޅާވެސް ނުލައެވެ. ސުވާލެއް ކޮށްލަން ހެއްޔެވެ؟ މިބައިމީހުންގެ މަސައްކަތްތަކާއި ކާފަރުންނާއި މުނާފިޤުންގެ މަސައްކަތްތަކާއި ހުރި ތަފާތެއް ނުވަތަ ހުރި ފަރަގެއް ތިބޭފުޅުން ނިކަން ވިދާޅުވެ ދެއްވަބަލާށެވެ.

ނިންމާލަމުން ދަންނަވާލަމެވެ. މި އެސްއެސް ޕާޓީގެ އެންމެ ބޮޑު ދުޝްމިނުންނަކީ މުސްލިމުންނެވެ. ކާފަރުންނާއި މުނާފިޤުންދެކެ އަންނަ ރުޅިއަށްވުރެ މުސްލިމުންދެކެ މިބައިމީހުން އަންނަ ރުޅި މާގަދަ އެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. މިބައިމީހުންނަށް ﷲ ތެދު މަގު ދައްކަވާށިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.