ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ދައްކާވާހަކަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ނުހިމެނޭނެކަމަށް ޔޫރަޕިއަން ކޯޓް އޮން ހިއުމަން ރައިޓްސް (އީސީއެޗްއާރު) އިން ކަނޑައަޅައިފިއެވެ.
އީސީއެޗްއާރުގެ ހަތް ފަނޑިޔާރުން އެކުލެވޭ ބެންޗުން މިގޮތަށް ނިންމާ ޙުކުމްކޮށްފައިވަނީ އޮސްޓްރިއާގެ ރައްޔިތަކު އެކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މިއަދު ކުރަމުންނެވެ.
އޮސްޓްރިއާގެ ރައްޔިތެއް ކަމުގައިވާ މިސް އެސް 2008 އަދި 2009 ވަނައަހަރު ފާރ ރައިޓް ފްރީޑަމް ޕާޓީއަށް އިސްލާމްދީނާއި ބެހޭގޮތުން ބޭއްވި ސެމިނަރ އެއްގައި ރަސޫލާ، އައިޝަތުގެފާނާއި ކައިވެނި ބައްލަވައިގަތް ގަތުމާއި ގުޅުވާ ދެއްކި ވާހަކަތަކަކީ އެކަލޭގެފާނަށް ފުރައްސާރުކުރުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ކަމުގައި ކަނޑައަޅައި ވިއެނާ ރީޖަނަލް ކްރިމިނަލް ކޯޓުންވަނީ 480 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.
އެނާގެ މައްޗަށްކުރި ހުކުމް ވިއެނާގެ އިސްތިއުނާފް ކޯޓުން 2011 ވަނަ އަހަރު ދަމަހައްޓާފައިވާއިރު، ހުކުމް ރިވިއުކޮށްދިނުމަށް ސްޕްރިމް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް 2013 ވަނަ އަހަރުގެ ޑިސެމްބަރމަހުވަނީ ކަނޑައަޅާފައެވެ.
އެސްގެ ފަރާތުން އީސީއެޗްއާރުއަށް މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ ޔޫރަފިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސްގެ 10 ވަނަ މާއްދާއިން އޭނާއަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ލިބިދިނުމަށް އޮސްޓްރިއާގެ ކޯޓުތަކުން ނުކުޅެދިފައިވާ ކަމަށެވެ.
މިމައްސަލައިގައި ޙުކުމް ކުރަމުން އީސީއެޗްއާރުން އިއްވި ޙުކުމުގައި ބުނެފައިވަނީ މުހައްމަދުގެފަނާށް ނިސްބަތްކޮށް އެސްދެއްކި ވާހަކަތަކަކީ އެކަލޭގެފާނަށް ފުރައްސާރަ ރައްދުވާ ވާހަކަތަކެއް ކަމަށާއި މިފަދަ ކަންކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުން ގެއްލޭފަދަ ކަންކަން ހިނގުމަށް މެދުވެރިވާނެ ކަމަށްވެސް އެކޯޓުގެ ޙުކުމްގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...