ދަރުސް ޚަބަރު އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް އާޓިފިޝަލް ބީޗުގައި ހަރަކާތެއް ބާއްވަނީ

އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް އާޓިފިޝަލް ބީޗުގައި ހަރަކާތެއް ބާއްވަނީ

އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް އާޓިފިޝަލް ބީޗުގައި ހަރަކާތެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި "ތަވްޙީދު" ދަރުސްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި "ތަވްޙީދު" ދަރުސްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާދަމާ އާޓިފިޝަލް ބީޗުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ޕާޓީގެ ތަރުޖަމާނު އަދި އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ "އަދާލަތު މެމްބަޝިޕް ކޭމްޕް"ގެ ނަމުގައި މެމްބަރުން އިތުރުކުރުމަށް އާޓިފިޝަލް ބީޗުގައި މާދަމާ ހަވީރު ފަށައިގެން ކުރިއަށްގެންދާ ހަރަކާތް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ މެމްބަރުން އިތުރުކުރުމަށް އެ ޕާޓީގެ ޓީމެއް މިހާރު ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޕާޓީގެ ބައެއް އިސް ބޭފުޅުން މިހާރު އއ. އަތޮޅުގައި ހަރަކާތްތެރިވާއިރު އެ ޓީމުން ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ޒިޔާރަތްކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއަކީ އިސްލާމް ދީނާއި ޤައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ޕާޓީއެއް ކަމަށާއި އެހެންވެ އެ ޕާޓީ ނުއުވި ދެމިއޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަމަށް ދިވެހި ރައްޔިތުން މަސައްކަތް ކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން ސިޔާސީ އިސް ބޭފުޅުންތަކެއް ޕާޓީ އަށް ހޯދާކަށް. މިހާރު މަސައްކަތް މި ކުރަނީ ޕާޓީގެ ފުރާނަ ސަލާމަތްކުރުމަށް. އެކަމަކު އަޅުގަނޑު ދިވެހި ރައްޔިތުން ގާތު މި އެދެނީ މި ޕާޓީ އުވި ނުދިޔުމަށް ޕާޓީއާ ގުޅިވަޑައިގަންނަވާށޭ،" ޝަހީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ބުނީ ޕާޓީގެ މަސައްކަތްތަކަށް ހުރަސްއަޅައި، މީހުން އެ ޕާޓީ އަށް ވަނަނުދިނުމަށް ބަޔަކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މަޖިލިސް ތެރެއިން ވެސް އެކަމަށް ބައެއް މީހުން މަސައްކަތްކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ. އެކަމަކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕާޓީ އަށް 10،000 މެމްބަރުން ހޯދުމަށް ހަމައެކަނި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމުގައި އަދާލަތު ޕާޓީން ބުންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.