އެއާޕޯޓެއް ނެތް ކޮންމެ އަތޮޅެއްގައި، ޖުމްހޫރީ ޕާޓީ ގެ ވެރިކަމެއްގައި ގިނަވެގެން ދެ އަހަރު ތެރޭގައި އެއާޕޯޓެއް ހަދާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވާ އެ ޕާޓީގެ ޖަލްސާގައި ގާސިމް ވިދާޅުވީ ޖޭޕީގެ ރިޔާސީ މެނިފެސްޓޯގައި، ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ޤާއިމްކުރުމުގެ ވާހަކަ ހިމަނަންޖެހޭނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ފުދޭވަރެއްގެ "ހެލްތީ ކޮމްޕެޓިޝަނެއް" އޮންނަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން ހިދުމަތްތަކުގެ އަގު ތިރިވާނެ ކަމަށެވެ. އަދި ގާސިމްގެ ވާހަކައިގައި ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާނެ ކަމަށް މިހާތަނަށް އިޢުލާން ކުރައްވާފައިވާ ފަރާތްތަކަށް ވެސް ބަހުގެ ހަމަލަތަކެއް ދެއްވާފައެވެ. އެއިން އެއްވެސް ބޭފުޅެއްގެ ނަން ވިދާޅު ނުވެ ގާސިމް ވިދާޅުވީ އޭނާއާ "އަރާ ހަމަކުރެވޭނެ" އެކަކުވެސް ނެތްކަން ޔަގީން ކަމަށެވެ. އަދި "ފުދިފައި ހުރި" ބޭފުޅެއްގެ ގޮތުގައި މިއަދު މަސައްކަތް ކުރައްވަނީ އެ ޔަގީންކަމާއެކު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަން ކުރުމަށް "އަޑު އަރުވަމުންދާ" ބޭފުޅުންގެ ތެރޭގައި އޭނާއާ ޗެލެންޖް ކުރެވޭނެ ފަރަތެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އެއްޗެއްގައި ދުވަހަކު ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"ކަމެއް ކުރަން ދަންނަ، ކަމެއް ކުރަން އިނގޭ، ކަމެއް ކޮށްފައި ހުރި މީހެއް ނޫންތޯ ބޭނުންވަނީ؟ ހަށަނަރަބަޅަ ހުސްވަންދެން ނުވަތަ އޭބީސީޑީގެ ހުރިހާ އަކުރުތަކަކުން ވިލާ ކިޔައި ގޮސް ހުސްވަންޏާ އޭގެ މާނަ އަކީ އަޅުގަނޑަށް ކަމެއް ކުރަން އެނގެއޭ. ކަމެއް ކުރެވިއްޖެއޭ. ވެރިކަމުގައި ހުރެގެން ކަމެއް ކުރަން ދިމާވީމާ ކަމެއް ކުރެވުނީމާ އެއީކީ ކަމެއް ކުރެވުނީކީ ނޫން. އެކަން ކުރުމަށްޓަކައި އާދޭސްކޮށް ގޮސް ސަލާން ޖަހައިގެންނޭ ކޮންމެ މީހަކު ވެރިކަމަށް އައިސް ތިބީ،" ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ރައްޔިތުންނަށް "މި ފަހަރު ފުނިފުންޏަށް ލާރި އަންނާނެ" ކަމަށާއި އެއީ "ވެނުމަސް ވެނަށް ކާންދިނުން" ކަމަށެވެ. އަދި އެ ފައިސާގައި ނުހިފުމަށް އޭނާ ތަކުރާރުކޮށް އިލްތިމާސް ކުރެއްވި އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...