ކީރިތި ޤުރުއާނުގެ ޢިލްމާއި އިސްލާމީ އަޚުލާޤު ކިޔަވައިދޭ އިންޓަނޭޝަނަލް ޕްރީ ސްކޫލެއް މާލޭގައި ހުޅުވަން ނިންމައިފި އެވެ.
ކުރީގެ "އެވްރީވަންސް ލާނިން ސެންޓަރު" ހިންގި އިމާރާތް، މއ. ރަތްމުތްގޭގައި "އެކްސެލް އިންޓަނޭޝަނަލް ސްކޫލް" ގެ ނަމުގައި ހިންގާ މި ސްކޫލުގެ ކަރިކިއުލަމްގައި ޤުރުއާނާއި އިސްލާމީ އަޚުލާޤު ހިމެނެއެވެ. މި ސްކޫލްގައި އެހެން ސްކޫލުތަކެކޭވެސް އެއްގޮތަށް މި މަހުގެ 14 ގައި ކިޔަވައިދޭން ފަށާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ސްކޫލު ހިންގެވުމާ ހަވާލުވެ ހުންނެވި މަރިޔަމް ހަބްލާ ވިދާޅުވީ މިއީ އެމެރިކާގެ އިންޓަނޭޝަނަލް ޕްރީ ސްކޫލު ކަރިކިއުލަމް (އައިޕީސީ)އާ ގުޅިގެން ހިންގާ ސްކޫލެއް ކަމުގައި ވީނަމަވެސް ގުރުއާނާއި އިސްލާމީ އަހުލާގު ކިޔަވައިދިނުމަށް މި ސްކޫލުގައި އިސްކަން ދޭނެ ކަމަށެވެ. ގުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ ބަޔާއި އިސްލާމީ އުސޫލުތަކަށް އަމަލުކުރާނެ ގޮތާއި ދިވެހި ބަހާއި އަރަބި ބަސް ވެސް ކިޔަވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ސްކީމްގައި ކިޔަވައިދެވޭނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އެޕްރޫވް ކުރަށްވާ ތަކެތި ކަމަށާއި މި ބައިތައް ކިޔަވާ ދެއްވާނީވެސް އެ މަރުކަޒުން ތަމްރީނު ލިބިފައިވާ ޓީޗަރުން ކަމަށް ހަބްލާ މަޢުލޫމާތު ދެއްވިއެވެ. އަދި ސްކޫލު ނިންމާއިރު ކުދިންނަށް ގުރުއާން ބަލައިގެން ކިޔަން ދަސްވެ، ދެތިން ފޮތް ހިތުދަސްކޮށްދޭނެ ކަމަށާއި އަދި ޤުރުއާނުގެ އިތުރުން ކުދިންގެ އުމުރާ ގުޅޭ ގޮތުން ދުޢާތައް ވެސް މި ސްކޫލުން ދަސްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ސްކޫލަށް ވަނުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ އިރު ބޭބީ ނާސަރީ އާއި ނާސަރީ ކުދިންގެ ފީ އަކީ މަހަކު 60 ޑޮލަރު ނުވަތަ 925 ރުފިޔާ އެވެ. އަދި އެލްކޭޖީ ދަރިވަރުންނަށް މަހަކު 70 ޑޮލަރު ނުވަތަ 1079 ރުފިޔާ ދައްކަންޖެހޭ އިރު ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން 462 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ޤުރުއާނާއި އިސްލާމީ އަޚުލާޤުގެ އިތުރުން ޓެކްނޮލޮޖީ އާއި ލައިފް ސައިންސް އާއި ފިޒިކަލް ސައިންސާއި ކްރިއޭޓިވް އާޓްސް އަދި ސޯޝަލް ސްކިލްސް އާއި އިކޮނޮމިކް ސްކިލްސް ވެސް މި ސްކޫލުގައި ކިޔަވައިދޭނެ ކަމަށް ހަބްލާ ވިދާޅުވިއެވެ. އަދި މި ބައިތަކުގެ ކަރިއުލަމް ތައްޔާރުކޮށްފައިވަނީ އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަސިޓީގެ ރިސާޗްކުރާ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...