ރާއްޖޭގެ ޚަބަރު ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (2)

ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (2)

ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (2)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

history-maldives

ޤާނޫނު އަސާސީއެއް އެކަށައެޅުއްވުމުގެ މަސައްކަތް

ރާއްޖޭގައި ޤާނޫނު އަސާސީއެއްގެ މަތީން ވެރިކަން ހިންގެވުމުގެ މުހިއްމުކަން ރާއްޖޭގެ ތަޚުތުގައި އޭރު ހުންނެވި ރަދުން މުޙައްމަދު ޝަމުސުއްދީންއަށް ފެނިވަޑައިގަތުމުން، ރާއްޖޭގެ ޤާނޫނު އަސާސީއެއް އެކުލަވައިލެއްވުމަށްޓަކައި  މަސައްކަތްޕުޅު ފެއްޓެވިއެވެ. އެގޮތުން ރާއްޖޭގައި ޤާނޫނޫ އަސާސީއެއް އެކަށައެޅުއްވުމަށްޓަކައި ނަމޫނާ ޤާނޫނު އަސާސީއެއްގެ އެހީތެރި ކަމަށް އޮތީ ބޭނުން ވެފައެވެ. އެހެންކަމުން ސިލޯނުގައި ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ ސަފީރެއްގެ މަޤާމުގައި ހުންނެވި އައްނަބީލް ޢަބުދުލް ޙަމީދުދީދީ މިކަމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައި ވެއެވެ. ޢަބުދުލް ޙަމީދުދީދީ ސިލޯނުގައި ހުންނަވައިގެން ޤާނޫނު އަސާސީއެއް އެކުލަވައި ލެއްވުމަށްޓަކައި ބޭނުން ހިފިދާނެ ޤާނޫނުތަކެއް ފޮނުއްވެވިއެވެ. މިއީ ސިލޯނުގައި ޢަމަލުކުރަމުންދާ ބައެއް ޤާނޫނުތަކުގެ ކޮޕީ ތަކެކެވެ. އަދި ސިލޯނުގައި ހުންނަވާ އިނގިރޭސި ސަރުކާރުގެ އެކްޓިން ގަވަރުނާގެ ޤާއިމް މަޤާމުގައި ހުންނެވި ސާރ ބާނާޑް ހެންރީ ބާޑިލޯން ޤާނޫނު އަސާސީއެއް އެކަށައެޅުއްވުމަށް ފަންނީ އެހީވެވަޑައިގެންނެވުމަށް 5 މާރޗް 1931މ (15 ޝައްވާލް 1349ޙ) ގައި އެޗް.އެމް.އެސް އެންޓި ޕުރައިސަސް ކިޔާ މަނަވަރެއްގައި މާލެ ވަޑައިގަތެވެ. އޭނާއާއި އެކު ސިލޯނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމުގައި ހުންނެވި އައްނަބީލް ޢަބުދުލް ޙަމީދުދީދީވެސް މާލެ ވަޑައިގެންނެވިއެވެ.

ސާރ ބާނާޑް ހެންރީ ބާޑިލޯން މާލޭގައި ހޭދަކުރެއްވެވި ކުރު މުއްދަތުގެ ތެރޭގައި ރަސްމީގޮތުން ޚިޔާލު ހޯއްދެވުމަށްޓަކައި ވަކިވަކި ބައެއް މީހުންނާ ބައްދަލު ކުރައްވާފައިވެއެވެ. އަދި މިހޯއްދެވި ޚިޔާލު ފުޅުތަކުގެ މައްޗަށް ބިނާކޮށް، އޭނާގެ ލަފާފުޅު ރަދުންނަށް ފޮނުއްވެވި ފަތް ކޮޅުތަކެއްގެ ސިފައިގައި ދިވެހި ދައުލަތައް ފޮނުއްވެވިއެވެ.

ބޯޑިލޯން މާލެއިން ފުރާވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ލިޔެ އެކަށައެޅުއްވުމަށް އަލްސުލްޠާން މުޙައްމަދު ޝަމުސުއްދީން، 14 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަވައި މިމަސައްކަތް އެކޮމިޓީއާއި ހަވާލުކުރެއްވިއެވެ. އެއީ 29 ޝައްވާލު 1349ވީ ބުރާސްފަތި ދުވަހުއެވެ. އެންމެ ފުރަތަމަ މިކޮމިޓީގައި ތިއްބެވީ 12 ބޭފުޅުންނެވެ. ނަމަވެސް ފަހުން އިތުރު ދެ މެމްބަރުން ކޮމިޓީގައި ހިމެނުއްވިއެވެ. ޤާނޫނު އަސާސީ އެކަށައެޅުމުގެ ޢަމަލީ މަސައްކަތް މިކޮމިޓީގެ ފަރާތުން ފައްޓާވައިފައިވަނީ 2 ޛުލްޤަޢިދާ 1349 ވީ އާދިއްތަ ދުވަހު ހެދުނު 7:00 ގައެވެ. 92 މާއްދާގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ މަސައްކަތް  ނިންމާލެވިފައިވަނީ 13 މުޙައްރަމް 1351ޙ ގައެވެ. މިޤާނޫނު އަސާސީ ފޮތެއްގެ ސިފައިގައި ޗާޕްކޮށްފައި އޮތްއިރު، މިފޮތުގައި އެކުލެވިގެންވަނީ 36 ޞަފުޙާއެވެ. ކޮންމެ އަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވައިލެއްވުމުގެ މަސައްކަތް ނިމުނީއެވެ.  މިޤާނޫނު އަސާސީ ވެގެންދިޔައީ ދެކުނު އޭޝިއާގެ ޤައުމެއްގައި އެކުލަވައިލެވުނު ފުރަތަމަ ޤާނޫނޫ އަސާސީއަށެވެ. ބައެއް ޤައުމުތަކުގައި ޢަމަލުކުރަމުން ދިޔަ ޤަވާޢިދުތަކެއް ހުއްޓެވެ. ނުވަތަ ވަކި ކަމަކަށް ހެދިފައި ހުރި ޤާނޫނުތައް ހުއްޓެވެ. ނަމަވެސް ވަކި ޤާނޫނު އަސާސީއެއް އެކުލަވައިލެވިފައެއް ނެތެވެ. އެހެންކަމުން 1932 ވަނަ އަހަރު ދެން އޮތީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާންކުރެއްވުމެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވުން

މީލާދީން 22 ޑިސެމްބަރު 1932 ގައި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރުމުގެ ދަރުބާރު ބޭއްވުނެވެ. ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ދަރުބާރުގެއެއްގައެވެ. އެދަރުބާރުގައި ރަދުންގެ ފަރާތުން އިއްވަވަންޖެހޭ ބަޔާން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުންދީން އިއްވެވިއެވެ. އެއަށްފަހު ރައްޔިތުންގެ ފަރާތުން އިއްވަވަންޖެހޭ ބަޔާން އަލްއުސްތާޛު އަޙްމަދު ކާމިލްދީދީ އިއްވެވިއެވެ. ރައްޔިތުންގެ ޖަވާބު ނިންމާލައްވާފައި ވަނީ ޤާނޫނު އަސާސީ ހިންގެވުމުގެ ފުރިހަމަ އެއްބާރުލުން ވަރަށް މަތިވެރި ދަރަޖަޔަކަށް ދައުލަތައް ލިބިވަޑައިގަންނަވާނެކަން ޔަޤީންކޮށް އަރުވަމުންނެވެ.  ކޮންމެއަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރުމުގެ ދަރުބާރު ބާއްވައި ޤާނޫނު އަސާސީ ތަޞްދީޤު ކުރައްވައިފިއެވެ.  ދެން ކުރިމަތި ލައްވަން ޖެހިވަޑައިގަތީ ގޮންޖެހުންތައް ގިނަ ދުވަސްވަރެކެވެ. ދައުލަތް ހިންގެވުމަށް ވެރިވި ތަޖުރިބާ މަދު ވެރިންތަކެކެވެ. އާ ޤަވާޢިދުތަކުގެ ތެރެއަށް އެބޭފުޅުންނަށް ވަދެވިފައި ނެތުމެވެ. އެހެންކަމުން ސަރުކާރު ހިންގެވުންވީ ބޮޑު އޮޅުން ބޮޅުން ގަނޑަކަށެވެ. ...     ނުނިމޭ

ކުރީގެ ބައިތަށް

ދިވެހިރާއްޖެ ދެކުނު އޭޝިއާގެ އެންމެ ދޮށީ ޑިމޮކުރަސީ (1)

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.