ރާއްޖޭގެ ޚަބަރު ”ދެބަސްވުމާއި ދެކޮޅުވެރިކަން“ މިމުޖުތަމަޢުއަށް ދިމާވެފައިވާ މުސީބާތެއްނޫންބާ؟

”ދެބަސްވުމާއި ދެކޮޅުވެރިކަން“ މިމުޖުތަމަޢުއަށް ދިމާވެފައިވާ މުސީބާތެއްނޫންބާ؟

”ދެބަސްވުމާއި ދެކޮޅުވެރިކަން“ މިމުޖުތަމަޢުއަށް ދިމާވެފައިވާ މުސީބާތެއްނޫންބާ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

jealousy-580x333

أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ ﴿سورةالنساء:٥٤﴾ ނުވަތަ، اللَّه ގެ

فضل ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: يهودى ން) މީސްތަކުންނަށް حسد ވެރި ވަނީހެއްޔެވެ؟ މިފަދައިން ޤުރުޢާނުގައި ބަސްވަހީކުރެއްވި ކުޅަދުންވަންތަ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި "އަލިފާން ދަރުކާލާ ބީދާއިން، ހަސަދާގެ ސަބަބުން ހެޔޮޢަމަލުތައް ނެތިގެންދާނެކަމަށް" ޙަދީޘް ކުރެއްވި މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދުން ޞަލައްﷲ ޢަލައިހި ވަސަލަމައަށް ޞަލަވާތާސަލާމްލެއްވުންއެދި ދުޢާކުރަމެވެ.

ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންނަ އިވެނީ ޤަޥުމުގެ އިޖްތިމާޢީ ފޭރާން ވީދި ހަލާކުވަމުންދާ ވާހަކައެވެ. ވައްކަމާއި، ފޭރުމާއި، ޓެކުމާއި، ރޭޕް ކުރުމާއި، މާރާމާރީ ހިންގުންފަދަ ބޮޑެތި ޖަރީމާތަށް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މީގެ އިތުރުން މިކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައި އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް ދެކޮޅުވެރިވެގެން އުޅުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ސިޔާސީ ކަންކަމާއި، ވިޔަފާރިއާއި، ޢާއިލީ ދެކޮޅުވެރިވެރިކަމެވެ.

އަޅުގަނޑު މިލިއުމުގައި އަލިއަޅުވާލަން ބޭނުންވަނީ ޢާއިލީ ޢާއިލީ ދެކޮޅުވެރިކަމާ މެދުއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މިއީ މި ތަހުޒީބު މުޖުތަމަޢުގައި އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އުޅެންޖެހޭ މާޙައުލުގެ ދަތިކަމުން އެތައް ޢާއިލާއެއް އެއްގެއެއްގެ ތެރޭގައި ވަޒަންވެރިވެ އުޅެންޖެހުމުން ދިމާވާ ކުދިކުދި މައްސަލަތަކުގެ ސަބަބުން އުފެދޭ ދެބަސްވުމާއި، ފިކުރީގޮތުން ދިމާވާ މައްސަލަތަކުގެ ސަބަބުން އުފެދޭ ދެބަސްވުންވެސް ފާހަގަ ކޮށްލަންޖެހެއެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނިޡާމް ބައްޓަންވެފައިވާ ގޮތުން އާބާދީގެ ބޮޑުބައި ކައިވެނީގެ ޙަޔާތް ފެށުމަށްފަހު ވަކި ދިރިއުޅުމެއް އުޅެވޭނެ މާޙައުލެއް ގިނަފަހަރަށް އޮންނަނީ ނުލިބިފައެވެ. ފައިސާގެ ނުތަނަވަސްކަމާއި ބިމުގެ ނުތަނަވަސް ކަމުގެ ސަބަބުންނެވެ. ނަތީޖާއަކަށްވަނީ އެތައް ޢާއިލާއެއް، އެއްގެއެއްގެ ތެރޭގައި ދިރިއުޅުން ފަށައިގަންނަން ޖެހުމެވެ. މިކަމުގެ ނަތީޖާއަކަށް ގިނަފަހަރަށް ވެފައިވާނީ އެއްބަޔަކުކުރާވަރަށް އަނެއްބަޔަކަށް ޚަރަދު ނުކުރެވުމާއި، އެއްބަޔަކަށްވުރެ ގިނައިން އަނެއްބަޔަކަށް ވަޞީލަތްތަކުގެ ބޭނުން ހިފޭތީވެ އުފެދޭ މައްސަލަތަކުގެ ސަބަބުން، އެކަށީގެންވާ ހައްލަކާއި ހަމައަށް ނުދެވި، ދިގުމުއްދަތަކަށް ނުވަތަ، ދާއިމީ ދެކޮޅުވެރިކަމަކަށް ބަދަލުވެގެންދެއެވެ.

ފިކުރީގޮތުން ތިމާގެ ދިރިއުޅުން ބައްޓަންވެފައި ހުންނަގޮތަކަށް، ތިމާގެ ކޮށްކޮ، ދައްތަ ނުވަތަ ބޭބެގެ ދިރިއުޅުން ބިނާވެފައި ނުހުރެދާނެއެވެ. ބައެއްފަހަރު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި ތިމާގެ ކޮށްކޮ ނުވަތަ ދައްތަ އަޅާހެދުމުގެ ސަބަބުން ދެބެއިންގެ ގުޅުންކެޑިގެން ދާތީފެނެއެވެ. "ކަލޭ އެވެނި، މިވެނި، ގޮތަކަށް ހެދުންއަޅާ ނިވާވެގެން ތިމަންނަމެންގެ ރަށަށް ނާރާތި، މިގެއަށް ނުވަންނާތި" މިފަދަ ޢިބާރާތްތަކަކީ ޚުދު އަޅުގަނޑުގެ ދެކަންފަތުންވެސް އަޑުއަހާފައި ހުރި ޖުމްލަތަކެކެވެ. ހައިރާންވާންޖެހޭކަމީ ތިމާއަކީ ފުރިހަމަ މުސްލިމެއްކަމުގައި ދަޢުވާ ކުރާހާލު، ﷲ ނިޢުމަތް ކުރެއްވިދުލުން، އެއިލާހުގެ އަމުރުފުޅުތަކާ ދެކޮޅަށް ނޭންގިނަމަވެސް ބަސްބުނެވޭތީއެވެ. އަދި ބައެއްފަހަރަ ކޮންމެވެސް ގޮތަކުން ދެޢާއިލާ ބައްދަލުވިޔަސް "ކީއްކުރާނީ ދޯ؟ ކޮއްކޮ ބައްޕި އަކަށް ނުލިބޭނެ މިކަހަލަ ރީތިފައިވާނެއް ގަންނާކަށް ލާރިއެއްވެސް، އެހާފަޤީރުވާނެ" މިފަދަ ޢިބާރާތްތަކުން، އެކުޑަކުޑަ ލޯބިލޯބި ތުއްތުކުއްޖާގެ ހިތުގައި ޖައްސައި، މައިންބަފައިންނަށް އޮތް ލޯބި ނަގާލުމަށް މަސަކަތް ކުރެވެމުންދާކަމީވެސް، ހިތުގައި އެއްވެސް ރަހުމެއް ނެތް ގޮތްކުޑަ ފިނޑި ބަޔަކު ނޫނީ ނުކުރާނެ ދަށު ދަރަޖާގެ ޢަމަލުތަކެވެ.

ބަޔާންވެދިޔަ ޢާއިލާތަކުގައި ލޯތްބާއި ކުލުނުން ފުރިގެން ބަންޑުންވެގެން ގޭތެރޭގައި ޕަންޕު ޖަހައިގެން ހިއްކަންޖެހޭ ފަހަރުވެސް އާދެއެވެ. އެދުވަސްކޮޅު ކޮއްކޮ، ދައްތަ، ނުވަތަ ބޭބެ ހުރީ ކައިގެންތޯ، ދަރިންކޮޅު ރަނގަޅުތޯ، ބަލިތޯ، ބަލައި، އެތައްއިރަކު ގުޅައިގެން ހުންނަންޖެހުނަސް ފޯނުންލާރިވެސް ހުސްވާކަމަކަށް ނުވެއެވެ. ނަމަވެސް ގިނަފަހަރަށް މިކަންވެސްވެފައި އޮންނަނީ، ތިމާގެ ކޮންމެވެސް އަމިއްލަ މަސްލަހަތެއް ފުރިހަމަކުރުމަށްޓަކައި ކުޅެލާގޭމަކަށެވެ. އެއީ އަދި ސިޔާސީ ގޭމެއް ވިއަސްމެއެވެ. ތިމާ ހިތްއެދޭ ސިޔާސީ މީހަކަށް، ނުވަތަ ތާއީދުކުރާ ކުލަޔަކަށް ޢާއިލާގެ މެންބަރަކަށް އިންކާރުކުރެވުނަސް އެނިމުނީއެވެ. ތިމާ ހިތްއެދޭ ކުލާގެ އިސްފަރާތްތަކަކީ، މިޤަޥުމު ފަސާދަކޮށް، މިގަޥުމުގެ އިސްލާމީ ވަޙްދަތު ފާޅުގައި ދުއްވާލަން މަސަކަތްކުރާ ބަޔަކަށްވިޔަސް ވަރިހަމައެވެ. މިފަދަ ބަޔަކަށް އިންކާރުކުރުމަކީ، އަޅުގަނޑުމެންގެ މުސްލިމންގެ މައްޗައް ވާޖިބަކަށްވެފައި، ތިމާގެ ޢާއިލީމެންބަރަކު ﷲ އަށް ބިރުވެތިވާ ޙާލު އެވާޖިބުގައި ހިފުމުން، އުފެދިގެންދާ ދެކޮޅުވެރިކަމަކީ، ކޮޅު ނެތްކޮޅަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ސިޔާސީގޮތުން ބޮޑެތިބާރުހުރި ޤަޥުމުތަކުން ކުދި ޤަޥުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ އުސޫލުން، ޢާއިލާތެރޭގައި މި އުސޫލު ތަންފީޒުކުރަން މަސަކަތްފަށައެވެ. މައިންބަފައިންނާއި ދަރިންނާ ޖައްސައި، ޢާއިލީ އެއްބަނޑު އެއްބަފާ މީހުންގެ މެދުގައި ހަސަދަވެރިކަމުގެ ހުޅުރޯކޮށްލަނީ، އެއްވެސް ފަރުވާލެއް، ރަހުމެއްނެތިއެވެ. ހިތާމައަކީ ތިމާ ބަލިވެ ނިކަމެތިވެ ބިކަހާލުގައި ޖެހޭދުވަހު، ތިމާއަށް އެހީތެރިވާންވެސް ހުރީ، އެ ކޮއްކޮ، ދައްތަ ނުވަތަ ބޭބެއެވެ. މިއީ ބައެއް ޢާއިލާތަގުގެ މިއަދުގެވެސް ޙާލަތެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ޢާއިލީގުޅުން ހަރުދަނާކޮށް ދެކޮޅުވެރިކަން ފުހެލުމަށް މަސަކަތް ކުރާ ޢާއިލާތައްވެސް މި ދިވެހިރާއްޖޭގައި ނުއުޅެއެކޭ ނުބުނެވޭނެއެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މިއޮށްތަހުޒީބީ ޒަމާނުގައި، އިސްލާމީ ތަޢުލީމުން މުޅިދުނިއެ ފުޅާވެފައިވާ ޒަމާނެއްގައި، ރަހިމުގެ ގުޅުން ކެޑުމަކީ ކޮންފަދަ ނުރައްކާތެރި، ބިރުވެރިކަމެއްކަން އެބައިމީހުންނަ ހަމަނޭންގެނީބާއެވެ؟ ނުވަތަ ހުރި ޖާހިލުކަމެއްގެ ބޮޑުކަމުގެ ސަބަބުން ހަމަ ފުރަގަސްދެނީބާއެވެ؟ ނޫނީ ދުނިޔޭގެ ދަޅައަށް ހެއްލިފައިވާލެއް ބޮޑުކަމުން ޝައިޠާނާގެ އަވާގައިޖެހި ކުރެވޭ ކަންތައްތަކެއްބާއެވެ؟ އިނގޭހަވެސް ކަމަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ އިސްލާމީ މުޖުތަމަޢު، އިސްލާމީ ޡަޤާފަތާ ބީރައްޓެހިވެފައި ވާކަމެވެ. ހެޔޮކަމަކަށް މަގުދައްކާ މީހުންނަށްވުރެ ނުބާބަޔަކު މިޤަޥުގައި ނުވާކަމަށް ފަތުރަމުންދާ، އެއްވެސް އަސްލެއްނެތް ދޮގުވާހަކަ ތަކުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުންނާއި އުޚުތުން ޖެހިގެންދިއުމެވެ. ނަތީޖާއަކަވަނީ، ގޯސްކަންތައްތަށް ރަނގަޅުކަންތައްތަކުގައި ފެނި، ރަނގަޅު ކަންތައްތަށް ގޯސްސިފައިގައި ފެނިގެންދިއުމެވެ. މިއީ އަޅުގަނޑުމެންގެ ޢަމަލުތަކުގެ ސަބަބުން ﷲ ކުރިމަތިކުރެއްވި މުސީބާތެއް ނޫންބާއޭވެސް ހިތައް އަރައެވެ.

ޔާ ﷲ މިޤަޥުމުގައި، ޣާފިލް ވެފައިވާފަރާތްތަކަށާއި، އެންމެހާ ދިވެހި މުސްލިމު ޢާއިލާތަކަށް ހެޔޮވިސްނުންދެއްވާ، ދެކޮޅުވެރިކަމުން މިމުޖުތަމަޢުސްލާމަތް ކޮށްދެއްވައި، ޢާއިލީ ގުޅުންތަށް ހަރުނަނާވެގެންދިއުމުގެ މަގު ފަހިކޮށްދެއްވާންދޭވެ. އާމީން!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.