ދިވެހި ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުވުމުގެ ކުރިން ރާއްޖޭގައި ރާއްޖޭގައި އޮތީ ރަސްކަމެކެވެ. ނުވަތަ ވިރާޘީ އުސޫލުން ހިނގަމުން އައި ވެރިކަމުގެ ނިޒާމެކެވެ. ކަންތައްތައް ނިންމަވަނީ އޭރު ރަސްކަމުގައި ހުންނެވި ބޭފުޅަކަށް ފެނިވަޑައި ގަންނަވާ ގޮތަކަށެވެ. ބައެއްފަހަރު މިހެން ނިންމާ ނިންމުންތައްވަނީ ރައްޔިތުންނަށް އެންމެ އެދެވޭ ނިންމެވުން ތަކަކަށެއް ނޫނެވެ. ތަކުރާރުކޮށް ދިމާވާ ކަންތައްތަކުގައިވެސް ރަސްކަމުގެ ހާންދާނުގެ ތެރެއިން އެކިފަހަރު އެކި ގޮތް ގޮތައް ކަންތައްތައް ނިންމަވއިފައިވާތަން ފެނިފައިވެއެވެ. ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނީންސުރެ، ރާއްޖޭގެ ކަންތައްތައް ހިނގަމުން ދިޔައީ މިގޮތަށެވެ. އެކިފަހަރު އެކި ދަރިކޮޅުން ވެރިކަން ނުވަތަ ރަސްކަން ކުރަމުން ދިޔައިރުވެސް ހިނގަމުން ދިޔައީ މިގޮތަށެވެ.
ވިހި ވަނަ ގަރުނުގެ ފުރަތަމަ 50 އަހަރުގެ މެދުތެރޭގައި މީލާދީން 1930 ވަނަ އަހަރާއި ހަމަޔަށް އައިރު، ރާއްޖޭގެ ވެރިކަމުގެ ނިޟާމު ތަފާތު ގޮތަކަށް އޮންނަންޖެހޭ ކަމުގެ ވިސްނުން، ވެރިކަމުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުން ގެންގުޅުއްވިއެވެ. ރަސްކަމުގެ ހުންނަވާ ބޭފުޅެއްގެ އަތްޕުޅު މައްޗަށް ވެރިކަމުގެ ހުރިހާ ކަމެއް ދޫކޮށްލެއްވުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް އެބޭފުޅުންނަށް ވިސްނިވަޑައިގަތެވެ. އަދި ރަސްކަލަކު އަވަހާރަވުމުން ނުވަތަ ރަސްކަން ދޫކޮށްލެއްވުމުން، އެރަސްކަލެއްގެ ދޮށީ ދަރިކަލުން ނުވަތަ ނަސަބުފުޅުގެ ގޮތުން ދެން ހުންނެވި ބޭފުޅަކު ރަސްކަމުގެ ތަޚުތައް އިސްކުރުމުގެ ބަދަލުގައި ރަސްކަމަށް އެންމެ އެކަށޭނެ ބޭފުޅަކު ތަޚްތައް އިސްކުރެވޭނެ ގޮތްތަކެއް، ދައުލަތް ހިންގެވުމުގެ ނިޒާމުގެ ތެރޭގައި އޮންނަން ފެނިވަޑައިގަންވާކަމަށް ވަކާލާތު ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ވަކި ދުސްތޫރެއްގެ މަތިން ހިންގެވުމަށް ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތެވެ.
ރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގެ ޙާލަތު
20 ގަރުނު ފެށިގެން ގަރުނުގެ ކުރީކޮޅު މީލާދީން 1903 ގައި އަލްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރާއްޖޭގެ ތަޚްތައް އިސްވެވަޑައިގެންފިއެވެ. އެއީ 1903 ވަނަ އަހަރުގެ މާރޗް 11 ގައެވެ. އެރަދުންގެ ހިރިޔާފާތުރާގެ ދަށުން ރަސްކަމުގެ ކަންތައްތައް ހިންގަވަން ހުންނެވީ ސުމުއްވުލް އަމީރު އިބުރާހިމް ދޮށިމޭނާކިލޭގެ ފާނެވެ. ރާއްޖޭގައި އޭރުގެ ޢަމަލުކުރާނެ ޤާނޫނު އަސާސީއަކާއި ޢަމަލުކުރާނެ ޤަވާޢިދެއް ނެތް ނަމަވެސް ރަދުންނަށް ރަސްކަމަށް ކޮލިލެވިފައިވަނީ ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތީންނެވެ.
ޤާނޫނު އަސާސީއެއް އެކަށައަޅަން ޖެހުނު ސަބަބު
ދިވެހިރާއްޖޭގެ ރަސްކަމަށް އަލްސުލްޠާން މުޙައްމަދު ޝަމުސުއްދީން އިސްވެވަޑައިގެން އިރުވެސް ދަރިކަލަކު ހުންނެވިއެވެ. އެއީ ޕްރިންސް ޙަސަން ޢިއްޛުއްދީނެވެ. އޭރު އޮންނަ ގޮތުން ރަސްކަން ވާރުތަވާނީ ރަސްގެފާނުގެ ދޮށީ ދަރިކަލުންނަށެވެ. ނަމަވެސް ޕްރިންސް ޙަސަން ޢިއްޛުއްދީނަކީ ދިވެހި ރަސްކަމަށް އެހާ ލާއިޤު ބޭފުޅެއް ނޫނެވެ. ސަބަބަކީ އޭނާއަކީ ދީނީ ގޮތުން ބެލިކަމުގައިވިއަސް އަޚްލާޤީ ގޮތުން ބެލިކަމުގައިވިއަސް އެކަށީގެންވާ ބޭފުޅެއް ކަމުގައި ނޫވާތީއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވެރިކަން ހިންގަވަން ތިއްބެވި ބޭފުޅުންގެ މެދުގައި ދެބަސްވެވި ތޫނު ޒުވާބުތައް ކުރެވި އެންމެ ފަހުން އެބޭފުޅުންނަށް ފެނިވަޑައިގަތީ އެންމެ މަސްލަހަތު ހުރިގޮތަކަށްވާނީ ވަކި ދުސްތޫރެއްގެމަތީން ރާއްޖޭގެ ވެރިކަން ހިންގެވުން ކަމަށެވެ.
އިނގިރޭސި ސަރުކާރުގެ ފަރާތުން ސިލޯނުގެ ނޫރަލިޔާގެ ކްއީންސް ހައުސްއިންގައި އޭރު ހުންނެވި ގަވަރނަރ އެޗް.ޖޭ.ސްޓާލިން ރާއްޖޭގެ ރަދުން މުޙައްމަދު ޝަމުސުއްދީނަށް ފޮނުއްވެވި ސިޓީ ފުޅެއްގައި ބަޔާން ކުރައްވާފައިވެއެވެ. ރާއްޖޭގެ ދަވުލަތް ހިންގެވުމާއި މަނިއްޕުޅަށްފަހު ރަސްކަމަށް ވަޑައިގަންނަވަން ހުންނެވި ބޭފުޅަކީ އެކަމަށް އެކަށޭނެ ބޭފުޅަކަށް ނުވާތީވެ، މިކަމާއިގުޅިގެން ރަސްކަމުގެ ތެރޭގައި އޮތް ދެބަސްވުންތައް އެންގިވަޑައިގަންނަވާ ކަމަށް އެސިޓީ ފުޅުގައި ބާޔާންކުރައްވާފައިވެއެވެ. އަދި އޭނާގެ ސިޓީ ފުޅުގައިވެސް ޤާނޫނު އަސާސީއެއްގެ މަތީން ރާއްޖޭގެ ވެރިކަން ހިންގެވުމަށް ލަފާ ދެއްވައި ފައިވެއެވެ. (ނުނިމޭ)
ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްބަހުގެ މާނަ:
ހިރިޔާފާތުރާ: ރަދުންގެ މާތް އަރިސް/ ނުވަތަ ރަދުންގެ ފަރާތުން
ލާއިޤު: އެކަށީގެންވާ/ އަރާއަރަފޯދޭ /އަތްހަމަވާ.

ކޮމެންޓް (0)
ލޯޑް ކުރަމުން...