ރިޕޯޓް މިޞްރުގައި ހިގަމުންދާ ހަމަނުޖެހުންތަކުގެ ޙަޤީގަތް

މިޞްރުގައި ހިގަމުންދާ ހަމަނުޖެހުންތަކުގެ ޙަޤީގަތް

މިޞްރުގައި ހިގަމުންދާ ހަމަނުޖެހުންތަކުގެ ޙަޤީގަތް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިޞްރުގައި މުޙައްމަދު މުރުސީއަށްވުރެ ކުރިން އޮތް ހުސްނީ މުބާރަކުގެ ވެރިކަމުގައި ޔަޙުދީންނާއި އޮތް  ރަޙުމަތްތެރިކަމުގެ ގުޅުން ވަރުގަދަވެފައި އޮތުމުގެ ސަބަބުން އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގެ ނިކަމެތި ރައްޔަތުން ޙިޞާރުކޮށްފައިއޮތް އޮތުމަށް ޙުސްނީމުބާރަކާއި ސިފައިންގެ އިސްވެރިންނާއި އަދި ސުޕްރިމްކޯޓްގެ އިސްފަޑިޔާރުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބިގެން ގޮސްފައޮތެވެ.

ހުސްނީ މުބާރަކުގެވެރިކަން ވެއްޓުނުތާ ފަސްހަފްތާ ފަހުން މިޞްރުގެ އާ ޤާނޫނުއަސީ ތައްޔާކުރުމަށް މާރޗް 2012 ގައި ރައްޔަތުންގެ މެދުގައި ބޭއްވުނު ރެފަރެމްޑަމެއްގައި މިޞްރުގެ 77 ޕަސަންޓް ރައްޔަތުންގެ ތާއީދާއެކު ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވަނީ އިސްލާމީ ފިކުރުގެ ޖަމާޢަތްތަކެއްކަމުގައި ބެލެވޭ ފްރީޑަމް އެންޑް ޖަންސްޓިސް ޕާރޓީ އާއި އަދި އަލްނޫރު ޕާރޓީއެވެ. އެންގި ވަޑައިގަންނަވާނެ ފަދައިން މި ދެންނެވު ދެޕާރޓީއަކީ އިޚްވާނުލް މުސްލިމީންގެ ފިކުރާއި އަދި ސަލަފީ ފިކުރުގެ މީހުންގެ ދެޕާޓީއެވެ. 100 މެންބަރުންގެ މައްޗަށް އެކުލެވޭ ޤާނޫނުހަދާ މަޖްލިސް އެކުލަވާ ލެވުމާއެކު އެޕްރީލް 2012 ގައި ޙުސްނީ މުބާރަކުގެ ވެރިކަމުގައި ކޮރްޕްޓް އަދި ނުޙައްގު ޕްރޮމޯޝަންތަކެއް ހޯދާފައިވާ ސްޕްރީމްކޯޓްގެ ޖަޖުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިޞްރުގެ އާ ޤާނޫނުހަދާ މަޖްލީހަކީ މިޞްރުގެ މުޅި ރައްޔަތުންގެ އަޣުލަބިއްޔަތެއް އޮތް ބައެއް ނޫންކަމަށްބުނެ ޑިމޮކްރޮސީއަށް ހުރަސް އެޅުމުގެ ގޮތުން ޕާލަމެންޓް އުވާލެއްވިކަމުގެ އަމުރެއް ނެރުނެވެ.

ޖޫން 2012ގައި މިލިޓަރީ ކައުންސިލާއި ރައްޔަތުން ހޮވާފައިވާ ޕާލަމެންޓުގެ މެންބަރުންނާއި ދެމެދު މަޖްލީހަށް އިންތިޚާބުވެފައި ނުވާ މެންބަރުން އިތުރުކުރުމުގެ ވާހަކަ ދެކެވުނެވެ. އެގޮތުން ސިފައިންގެ ބޭކަލުންނާއި ، ނޫސްވެރިންނާއި ، ނަޞާރާއިންގެ ބަޔަކާއި އަޒުހަރު ޔުނިވަރސިޓީގެ ބައެއް ބޭކަލުން އިތުރު މެންބަރުންގެ ގޮތުގައި ތިއްބަވާނެ ކަމަށް ސިފައިންގެ ކައުންސިލުން ހުށަހެޅުނެވެ.

މެއި އަދި ޖޫން 2012 ގައި ރިޔާސީ އިންތިޚާބުބޭއްވުނެވެ. ފުރަތަމަ ބުރައްފަހު ދެވަނަ ބުރުގައި ސިފައިންނާއި ކޯޓުތަކުގެ ޖަޖުންނާއި ޔޫރަޕާއި އިޒްރޭލުގެ އެއްބާރުލުމާއިއެކު ޙުސްނީމުބާރަކުގެ ދުވަސްވަރު މިސްރުގެ ބައިތުލްމާލުގެ އެހީތެރިކަން ލިބިގެންވި މީހުންގެ ފުރިހަމަ ތާއީދު ލިބުނުނަމަވެސް ޙުސްނީ މުބާރަކުގެ ކެބިނެޓްގެ ނުފޫޒުގަދަ މިނިސްޓަރެއްކަމުގައި ބެލެވުނު ޢަޙްމަދު ޝަފީޤަށް ރިޔާސީ ރޭސް ކާމިޔާބު ނުކުރެވުނެވެ. އެންމެ ފަހުން އިދިކޮޅު އަދި މިހާރު މުޒާހަރާ ކުރަމުންދާ މީހުންނަށް ޖެހުނީ މިސްރުގެ ގިނަ ރައްޔަތުންގެ ހިތުގެ ވިންދުކަމުގައި ވެފައިވާ ޑރ. މުޙައްމަދު މުރުސީ އަކީ އެމީހުންގެ ރައީސްގެ ގޮތުގައި ޤަބޫލުކުރާށެވެ.

30 ޖޫން 2012 ގައި މުރުސީގެ ރިޔާސީ ހުވާކުރެއްވުމުގެ ދުވަސްކޮޅެއްކުރިން 19 ބޭކަލުންގެ މައްޗަށް އެކުލެވޭ ސިފައިންގެ ކައުންސިލުން ނިންމީ ސަރުކާރުގެ މުހިންމު މަޤާމްތަކަށް މީހުން ޢައްޔަންކުރުމާއި އަދި ރައީސަށް ލިބިގެންވާ ހުރިހައި އިޚްތިޔާރާއި ބާރުތަށް ނިގުޅައިގަނެ ސިފައިންގެ ކައުންސިލަށް އެބާރުތަށް ލިބިދޭނެ ގޮތުގެ އަމުރެއްނެރެ ޑރ. މުރުސީއަކީ ދެއަތް ބަނދެވިފައިވާ ރައީސަކަށް ހަދާލާށެވެ. މިޞްރުގެ ސިފައިންގެ ކައުންސިލުން ނެރެފައިވާ މި އަމުރުތަކަށް މަތީ ކޯޓުތަކުންދިނީ މުޅިންވެސް ބީރުކަންފަތެކެވެ.

ޑރ. މުރުސީ ރައީސްކަމުގެ ހުވާކުރެއްވުމުގެ ދެހަފުތާ ފަހުން ސުޕްރީމް ކޯޓުގެ އަމުރު ބާޠިލްކޮށް ރިޔާސީ އަމުރެއްގެ ދަށުން އުވާލެވިފައިވާ ޤާނޫނު ހަދާ މަޖުލިހަށް އެމީހުންގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އަމުރެއްނެރުނެވެ. މި އަމުރު ނެރުނުތަނާހެން ސުޕުރީމް ކޯޓުން މިއަމުރު ބާޠިލްކޮށްލިއެވެ. މިގޮތުން މިސްރުގެ ކޯޓުތަކުން ޙުސްނީ މުބާރަކުގެ ވެރިކަމުގައި ކޮރަޕްޓް ވެފައިވާ މީހުންނާއި އަދި ރައްޔަތުންގެ މައްޗަށް ނުޙައްގުން އަނިޔާވެރިވެފައިވާ މީހުނަށް ޙައްޤު އަދަބު ނުދީ ދޫކޮށްލުމުގެ ސަބަބުން މުރުސީހުރީ ބަސްނުބުނެވޭ މީހެއްގެ ގޮތުގައެވެ. އަދި ހަމަ އެއާއެކު މިސްރުގެ ރައްޔަތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ހޮވާފައިވާ ޤާނޫނުހަދާ މަޖިލީހުގެ މުސްތަޤުބަލާ ދޭތެރޭގައި ކޯޓުތަކުން ގޮތެއް ނިންމާ ސިޔާސީ ކުޅިގަނޑު އަލުން އެހެންގޮތަކަށް ބައްޓަން ކުރުމަށް ޙުސްނީ މުބާރަކުގެ ސިޔާސީ އަޢުވާނުން މަސައްކަތް ކުރަމުންދާ ކަން އެގުމުން ނޮވެންބަރ 22 ގައި މުރުސީއަށް މަޖުބޫރުވެ ވަޑައިގަތީ ޑިމޮކްރޮސީ ނަގާ ދެމެހެއްޓުމަށެވެ. މިގޮތުން މިސްރުގެ ރައްޔަތުން އެމަނިކުފާނާއި ޙަވާލުކޮށްފައިވާ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވި ހިގައިދާނެކަމަށް ފެންނާތީ އާއި ރައްޔަތުންނާއި ދެކޮޅަށް ބޮޑަތި ޖަރީމާތަކެއް ހިންގާފައިވާމީހުން ކުށުން ބަރީއަ ކުރެވެމުންދާ މަންޒަރު ފެންނަމުންދާތީ މުރުސީއަށް ޖެހިވަޑައިގަތީ 2 ޑިސެންބަރާއި ޖެހެންދެން ހުރިހާ އިޚްތިޔާރެއް އަމިއްލަ އަތްޕުޅަށް ގެންނަވާށެވެ.

މިހާރު ރައީސް މުރުސީވަނީ އިސްލާމީ ފިކުރުތަކާއި ޚިލާފުމީހުން މުޒާހަރާކުރުމުގެ ސަބަބުން ނިކަމެތި ރައްޔަތުންގެ ފުރާނައަށް ގެއްލުންވަމުންދާތީވެ މި އަމުރުވަނީ އަނބުރާ ގެންގޮސްފައެވެ. ދެ ބުރަކަށް ބަހާލައިގެން ޑިސެންބަރު 15 އަދި 22 ގައި ޤާނޫނުހަދާ މަޖުލިހުން ނިންމާފައިވާ ޤާނޫނު އަސާސީއަކީ މިސްރުގެ ރައްޔަތުންނަށް ޤަބޫލުއެއްޗެއްތޯ ބެލުމަށް ރެފްރެންޑަމެއް ނަގާގޮތަށްވަނީ ހަމަޖެހިފައެވެ. މިރެފްރެންޑަމަށްފަހު މުރުސީގެ ދެކޮޅުވެރިން ސިޔާސީގޮތުން އިނދެޖެހި މިސްރަށް އިސްލާމީ ޤާނުނެއްގެ އާރޯކަމާއި ތާޒާކަން ލިބިގެން ދާނެކަމަށް ބެލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.