ސ.މަރަދޫފޭދޫ ތުއްތު ކުއްޖަކު ގޮނަޑުދޮށުގައި ވަޅުލާފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ހާމަ ކުރާގޮތުގައި ރޭ 21:31 ހާއިރު ޢާންމުފަރާތަކުން ފުލުހުންނަށް ގުޅައި މަޢުލޫމާތުދީފައިވަނީ ސ.މަރަދޫފޭދޫ ދެކުނު ފަރާތު ގޮނޑުދޮށުގައި މީހަކު ސައިކަލަކުން އެއްޗެއް ނަގައި ބީޗުގައި ވަޅުލާކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން އެސަރަޙައްދަށް ގޮސް ވެލިގަނޑު ކޮނެގެން ނެގިއިރު ފެންދުލިތެރޭގައި އޮތް ތުއްތުކުއްޖަކު ވަނީ ފެނިފައެވެ.
ފުލުހުން ބުނީ މި ކުއްޖާ ނަގައިގެން މިހާރު ވަނީ އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި ހޮސްޕިޓަލުން މި ކުއްޖާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދިންގޮތުގައި މިކުއްޖާއަކީ ފިރިހެން ކުއްޖެއްކަމަށާއި މިއީ ގާތްގަނޑަކަށް 5 މަހުގެ ކުއްޖެއްކަމަށްވެސް މަޢުލޫމާތު ދެއްވިކަމަށެވެ. އަދި މިކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މިމައްސަލައިގައި މިހާރު ވަނީ ދެމަފިރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި އެއީ 26 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...