ރާއްޖޭގެ ޚަބަރު މިޞްރުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ޙަޤީޤަތަކީ ކޮބާ؟

މިޞްރުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ޙަޤީޤަތަކީ ކޮބާ؟

މިޞްރުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ޙަޤީޤަތަކީ ކޮބާ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

egypt_protest_2311

ޢަރަބި ބައްރު ސިޔާސީ ބާހާރު މޫސުމާއި ބައްދަލު ކުރީ ޓިޔުނީޝިއާގެ ޑިކްޓޭޓަރ ޒައިނުލްޢާބިދީން ބިން ޢަލީގެ ވެރިކަން، އެޤައުމުގެ ސުންނީ މުސްލިމުން ނިކުމެ މުޒާހާރާކޮށް ވައްޓާލި ހިސާބުންނެވެ. އެއަށްފަހު ޢަރަބި ޖަޒީރާގެ ބޮޑު ބާރެއް ކަމުގައިވާ މިޞްރުގެ އިހްވާނުލް މުސްލިމޫންއާ އެޤައުމުގެ ރައްޔިތުން ނިކުމެ މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު ހުސްނީ މުބާރަކުގެ ޒަމާންވީ ދިގު ވެރިކަން ބަދަލުކުރިއެވެ.

މުބާރަކުގެ ވެރިކަން ބަދަލު ކުރުމަށްފަހު މިޞްރުގެ ދައުލަތް ހިންގަމުން ގެންދިޔައީ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ވަގުތީ ކައުންސިލަކުންނެވެ. އެއަށްފަހު ޖެނުއަރީ މަސް ތެރޭގައި ބޭއްވުނު މިޞްރުގެ ބަރުލަމާން އިންތިޚާބު މުސްލިމު ބްރަދަރ ހުޑްގެ ގިނަ ޢަދަދެއްގެ މެންބަރުން ކާމިޔާބުކުރިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މިސްރުގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ދައުލަތް ހިންގަމުންގެންދިޔަ ބާރުން މުސްލިމް ބްރަދަރ-ހުޑްގެ ގިނަ ޢަދަދެއްގެ މެންބަރުންތިބި މިޞްރުގެ ޕަރލަމެންޓަށް އެއްބާރުލުން ނުދި އަސްކަރިއްޔާއިން މިޞްރުގެ ޕާލަމެންޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރަމުންދިޔުމެވެ. މިހެންވުމުން މިޞްރުގައި އަސްކަރީ ވެރިކަމެއް ފެށިދާނެ ކަމުގެ ބިރު ހީތައް އެޤައުމުގެ ރައްޔިތުން ދިޔައީ ކުރަމުންނެވެ. އަސްކަރިއްޔާއާ ދެކޮޅަށް މުޒާހަރާކުރަން މިޞްރުގެ ރައްޔިތުން އެޤައުމުގެ ބައެއް ސަރަހައްދުތަކަށް ނިކުތެވެ.

އަސްކަރިއްޔާގެ އަޑު މަޑުވެ މޭ-ޖޫން 2012 ގައި ބޭއްވުނު މިޞްރުގެ ފުރަތަމަ ޑިމޮކުރެޓިކް އިންތިޚާބު މުސްލިމް ބްރަދަރ-ހުޑް ނިސަބްތްވާ ފުރީޑަމްއެންޑް ޖަސްޓިސް ޑިވްލަޕްމެންޓް ޕާޓީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުރުސީ ކާމިޔާބުކުރެއްވިއެވެ.

ރިޔާސީ ދައުރު ފެށުމާއެކު އިތުރު ގޮންޖެހުންތަކަކާ މިޞްރުގެ ރައީސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަން މުސްލިމު ބްރަދަރ-ހުޑް މެންބަރުން ޤަބޫލުކުރިއެވެ. ވެރިކަމާއި ހަވާލުމަށްފަހު މުރުސީއާއި ޖަސްޓިސް އެންޑް ޑިވްލަޕްމެންޓްގެ ސަރުކާރުން މަސައްކަތް ކުރެއްވީ ވީރާނާ ވެފައިވާ މިޞްރުގެ އިޤްތިޞާދު އަލުން ހަމަޔަކަށް އެޅުމަށް ބުރަ މަސައްކަތްތަކެއް ކުރައްވުމަށެވެ.

2012ގެ ނެވްމެބަރު މަހު ފަހުކޮޅުގައި މުރުސީ ވަނީ މުޅި މިޞްރަށްޓަކައި ރިޔާސީ ޤަރާރެއް ނަންގަވާފައެވެ. މިޞްރުގެ ޤާނޫނު އަސާސީގައި އިސްލާމި ޝިއާރުތަކުގެ އަސާސްތަކަށް ބޮޑެތި ރައްކާތެރިކަމެއް ލިބިދިނުމަށްޓަކައި އެޅުއްވި ވަގުތީ ފިޔަވަޅެކެވެ.

މިޞްރުގެ ޢިލުމުވެރިންނަށާއި އިސްލާމީ ޝިއާރުތަކަށް ބޮޑެތި ބާރުތަކެއް ލިބި ދިނުމަށްޓަކައި މިޞްރުގެ ފަނޑިޔާރުންނަށް ލިބިދީފައިވާ ބައެއް ބާރުތައް ވަގުތީގޮތުން މުރުސީ ނެންގެވިއެވެ. އެފިޔަވަޅު އެޅުއްވީ މިޞްރުގެ ކުރިއަށް އޮތް ޖީލުތަކުގައި އިސްލާމް ދީނުގެ އުސޫލުތަކަށް މިޞްރުގެ ޤާނޫނު އަސާސީ ބާރުތަކެއް ލިބިދިނުމަށެވެ. ރައީސް މުރުސީ ދެކިލެއްވީ މިޞްރުގެ އިންތިޚާބުވި ޕާލެމެންޓަށް ކުރިމަތިވި ގޮންޖެހުތައް އަލަށް އެކުލަވައިލެއްވި ޤާނޫނު އަސާސީއަށްވެސް މިޞްރުގެ ފަނޑިޔާރުންގެ ފަރާތުން ކުރިމަތިވެދާނެ ކަމަށެވެ. އެހެންވެ ދީނަށާއި ޤައުމަށް ހެޔޮ އެދިވަޑައިގެން އެފަދަ ފިޔަވަޅެއް އެޅުއްވިއެވެ. ނަމަވެސް މިމަންޒަރު ބަލާކަށް ހުޅަނގުގެ އަޖުނަބީ ތަޤުލީދުގެ ވިސްނުމުގައިތިބި ސެކިއުލަރިސްޓުންނަށް ކެތެއް ނުވިއެވެ. އެފަރާތްތަކުގެ އާރުކާޓީއަކަށް ވެވަޑައިގެން ނިކުންނެވީ އދގެ ހަތިޔާރާއި ހަކަތަޔާބެހޭ އިދާރާގެ ކުރީގެ ރައީސް މުޙައްމަދު އަލްބަރާދޭއެވެ.

އަލްބަރާދޭއަކީ ހުސްނީ މުބާރަކުގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާއަށް ނިކުންނެވި ފަރާތެކެވެ. ނަމަވެސް ސިޔާސީ ވެށި އެއްފުށް މިފުށަށް ބަދަލުވެ މުބާރަކަށް ތާއީދުކުރައްވާ ފަރާތްތަކާއެކު މުރުސީގެ ސަރުކާރާ ދެކޮޅަށް އަލްބަރާދޭ ނިކުންނެވިއެވެ. މިޙަރަކާތްތަކުގައި މިޞްރުގެ ފަނޑިޔާރުންވެސް ބައިވެރިވާން ފެށިއެވެ.

މިޞްރުގެ މަސްލަހަތު ގޯސްވާން ފެށުމުން މުރުސީ އެޅުއްވީ ވަރަށް ހިކުމަތްތެރި ފިޔަވަޅެކެވެ. މިޞްރުގެ އެންމެ މަތީ ފަނޑިޔާރުންނާއި ބައްދަލުކުރެއްވިއެވެ. މިބައްދަލުވުންތަކަށް މުރުސީއަށް ހިތްހަމަޖެހުން ލިބިވަޑައިގަތެވެ. އެއަށްފަހު މުޒާހަރާ ކުރައްވާ ފަރާތްތަކަށް މަޝްވަރާ ކުރުމަށް މުރުސީ ދައުވަތު ދެއްވިއެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން މުރުސީގެ ދައުވަތައް އިޖާބަ ނުދެއްވާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރަމުން ދިޔައެވެ.

އެންމެފަހުން މުރުސީ ނެންގެވި ރިޔާސީ ޤަރާރު އަނބުރާ މުރުސީ ދޫކޮށްލިއެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން މުޒާހާރާ ހުއްޓައެއް ނުލިއެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ދެން އަޑު އުފުލަމުން ދިޔައީ އާޤާނޫނު އަސާސީއާއި މެދު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނުނެގުމަށެވެ.

މުޒާހަރާ ކުރާ ފަރާތްކުން ބުނަމުން ދިޔައީ މިޤާނޫނު އަސާސީ އެކުލަވައިލައިފައިވަނީ މުރުސިއާއި މުސްލިމު ބްރަދަރ-ހުޑް ބޭނުންވާ ގޮތަށެވެ.

މުޒާހަރާ ކުރާ ފަރާތްތަކަށް ޔަޤީންވި ކަމަކީ އާޤާނޫނު އަސާސީގައި އިސްލާމީ ޝިއާރުތަކަށް ބޮޑެތި ރައްކާތެރިކަމެއް ނުވަތަ ބާރުތަކެއް ލިބިދީފައިވާ ކަމެވެ. މިކަން މިގޮތަށް ހިމެނުމުން ހުޅަނގުގެ އަޖުނަބީ ތަޤުލީދުގެ ވިސްނުމުގައި ޖެހިފައިވާ ފަރާތްތަކަށް ހަޖަމެއް ނުކުރެވޭނެއެވެ.

ކުރީގެ ޤާނޫނު އަސާސީގައި ކުރިން އޮތް ޚުރާފީ ގޮތް ގަނޑާއި ހައްދުފަހަނައަޅާފައިވާ ސެކިއުލާ މާއްދާތައް އުނިކޮށް އާ ޤާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތައް ބޮޑެތި ބާރުތަކެއް ލިބިފައި ވުމުން މިޞްރުގެ ޢާއްމު ރައްޔިތުންގެ މެދުގައި ނަގާ ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެކަން ސެކިއުލަރިސްޓުން ޤަބޫލުކުރެއެވެ.

އެހެންކަމުން މިޞްރުގައި ހިނގަމުން މިދާ ހަމަނުޖެހުންތަކަކީ އިސްލާމީ ޝަރީއަތުގެ އަސާސްތަކަށް މިޞްރުގެ ޤާނޫނު އަސާސީއިން ބޮޑެތި ބާރުތަކެއް ލިބިދާނެތީ އެކަމާ ދެކޮޅަށް ހުޅަނގުގެ އަޖުނަބީ ތަޤުލީދުގެ ވިސްނުމުގެ ފަރާތްތަކުން ކުރާ ކަމެކެވެ. ހަމަ ހިލާ އިސްލާމް ދީނަށް ނަޞްރު ލިބުމަކަށް ލާދީނިއްޔަތުގެ އަހުލުވެރިނަކަށް ކެތެއް ނުވާނެއެވެ. އެހެންވެ ބޮޑު ހަމަނުޖެއްހުމެއް ހިންގައި އެވޯޓު ނުނެގޭނެ ގޮތް ހެދުމަށް އެފަރާތްތަކުން މަސައްކަތް ކުރަމުންދަނީއެވެ. މިޞްރުގައި ހިންގަނމުން ގެންދާ ހަމަނުޖެހުންތަކުގެ އަޞްލަކީ އެއީއެވެ.

ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސް ބަހުގެ މާނަ:

-        އަޖުނަބީ ތަޤްލީދު: މުސްލިމުންގެ ތެރެއިން ހުޅަނގުގެ ސެކިއުލަރ ނުވަތަ އަލްމާނީ ނުވަތަ ލާދީނީ ފިކުރުގައި ޖެހިފައިވާ ފަރާތްކުގެ ވިސްނުން

-        ޚުރާފީ: ދީނުގެ ތެރެއިން ހިމެނިގެންވާކަމަށް މީހުން ޤަބޫލުކުރާ ބޯދާ ވިސްނުންތައް ނުވަތަ ކަންތައްތައް. ނަމަވެސް އެކަންތައްތަކަކީ ނުވަތަ އެވިސްނުންތަކަކީ ދީނުގެ ޝަރުޢުގެ ތެރޭގައި ނުހިމެނޭ ކަންތައްތައް

-        ބަރުލަމާން އިންތިޚާބު: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.