ގއ. މާމެންދޫ ގެއަކުން ވަގަށްނަގާފައިވާ އެއްލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި ތުޙުމަތު ކުރެވޭ 4 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހާމަ ކުރާގޮތުގައި މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 29 އަހަރާއި 42 އަހަރާއި އަދި 32 އަހަރުގެ ދެ ފިރިހެނުންނެވެ. އަދި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޑިސެމްބަރ މަހު 6 ވަނަ ދުވަހު ގއ. މާމެންދޫ މޫރިތިވިލާ ގެއިން ގިނައަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން މި ފައިސާތައް ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަމަ އެދުވަހު ރޭ ގއ. މާމެންދޫއިން ކަމަށްވެސް ފުލުހުން ބުނެއެވެ.
މޫރިތިވިލާ ގެއިން ގެއްލުނު ފައިސާގެ ތެރެއިން 115000 (އެއްލައްކަ ފަނަރަހާސް) ރުފިޔާ ފުލުހުން ހޯދާފައިވަނީ މި ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި ގއ. މާމެންދޫ ފަޅު ގޯއްޗެއްގެ ތެރެ ބަލައި ފާސްކުރިއިރު އެގޭ ގޯތިތެރޭގައި އޮތް ބިސްކޯދު ހުސްކުރި ފޮށްޓަކަށް ލައި ފޮރުވާފައި ވަނިކޮށް ކަމަށާއި އަދި މި ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ..
ވައްކަމުގެ މި މައްސަލަ ގއ. . ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...