ވިލިމާލޭގެ ގެސްޓް ހައުސްއަކުން ވަގަށް ނަގާފައިވާ ލެޕްޓޮޕަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދައި އެތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވުނު މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު ވިލިމާލެ ގެސްޓް ހައުސްއެއްގައި އުޅުނު އެމެރިކާގެ ރައްޔިތެއްގެ 30000 ރުފިޔާގެ އަގުހުރި އެޕަލް މެކްބުކް ލެޕްޓޮޕާއި އެކްސްޓާނަލް ހާޑް ޑިސްކަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއި ގުޅިގެން މިތަކެތި ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މިތަކެތީގެ ތެރެއިން ބައެއް ތަކެތި ފެނިފައިވަނީ މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެތަކެތި ވިއްކުމަށްޓަކައި އެހެން މީހަކަށް ހަވާލުކޮށްފައި ވަނިކޮށް އެމީހާ ދިރިއުޅެމުންދާ ގޭގައި ފޮރުވާފައި ހުއްޓައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 27 އަހަރުގެ މީހެއް ކަމަށާއި މީނާއަކީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ދޫކޮށްފައި ހުރި މީހެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...