ގދ. ކާޑެއްދޫން ވައިގެ މަގުން މަސްތުވާތަކެތި މާލެއަށް އެތެރެ ކުރަން އުޅުނު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މާލެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 07:20 ހާއިރު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބަލާ ދާނެކަމަށް މަޢުލޫމާތު ލިބުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އެތަކެތި މާލެއަށް އެތެރެ ކުރަން އުޅުނު ދެމީހުން ހުޅުލެއިން މާލެއަށް އައިސް ފޭބުމުން އެދެމީހުންވެސް ހައްޔަރުކުރީ ކަމަށެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދޭގޮތުގައި މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު ބޭރުން އިނސިއުލޭޝަން ޓޭޕް އޮޅައި އަދި އޭގެ މަތިން ޓިޝޫ އޮޅާފައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓް މި ދެމީހުންގެ ތެރެއިން އެކަކު އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 23900 ރުފިޔާ އާއި 45 ޔޫއެސް ޑޮލަރުވެސް މީނާ އަތުން ފެނިފައި ވެއެވެ. އަދި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރާއި 33 އަހަރާއި 34 އަހަރުގެ ފިރިހެނުންނެވެ.
މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްޤީޤް ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...