އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިންގުން ޖީއެމްއާރާ ހަވާލުކޮށް ފައިވާ މުއްދަތު ރޭ 12ޖެހި އިރު ހަމަވެފައިވާއިރު، އެއަރޕޯޓް ހިންގުމާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ހަވާލުވެއްޖެއެވެ.
ރޭ 12 ޖެހިއިރު އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި ބޭއްވި ރަސްމިއްޔާތުގައި އެއަރޕޯޓް އެމްއޭސީއެލްއާއި ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ. އެމްއޭސީއެލްއިން އެއަރޕޯޓާއި ހަވާލުވީ ޗެއަމަން އަދި އެމްޑީ މުހައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް އާއި ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އާއި އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު އިތުރުން އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝުކޫރު ބައިވެރިވެވަޑައިގެންފައިވާއިރު ޖީއެމްއާރު ގެ ފަރާތުން އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓް ހަވާލު ކުރި ކަމަށް ބުނެ އެއްވެސް ލިޔުމެއް ދޭކަށް ނުޖެހޭ ކަމަށާއި ނޯޓިސްގެ މުއްދަތު ހަމަވުމުން ދިވެހި ސަރުކާރުގެ ދަށަށް އެއާޕޯޓް އައީ ކަމަށެވެ.
އެކްޓިންގ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވީ ޖީއެމްއާރު މިރަސްމިއްޔާތުގައި ނެތްނަމަވެސް ޖީއެމްއާރުން އެއަރޕޯޓް ހަވާލުކުރުމަށް އެއްބަސްވެފައިވާކަމުގައެވެ. އަދި ދެފަރާތުން ޓީމްތަކެއް ނެގިގެން އެއަރޕޯޓް ހޭންޑް އޯވަރ ކުރުމުގެ ކަންކަން ކުރަމުން ގެންދާކަމުގައެވެ.
ނާޒިމް އިތުރަށް ވިދާޅުވީ 00:00 ފެށިގެން ދިވެހިންގެ އެއަރޕޯޓް ހިންގާނީ ދިވެހިންކަމަށާއި މިކަމުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާއި ދެމެދު ގުޅުން ގޯސްނުވާނެކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދެގައުމުގެ ގުޅުން ރަނގަޅުވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...