ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެވޯޓް ސިއްރު ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަޙީދުގެ އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރުމަށްޓަކައި މަޖިލީހުގެ ޤަވާއިދަށް ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު ހުށަހެޅުއްވި އިސްލާޙު ފާސްނުވުމުން، އެ މައްސަލަ އަލުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ހުށަހަޅުއްވާފައެވެ.
އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން ފެންނަ ކަމަށް އާންމު ކޮމިޓީގެ އަގުލަބިއްޔަތުން ދެ ވަނަ ފަހަރަށް ނިންމުމުން، އެކަމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ ތެރެއިން ވޯޓް ސިއްރުކުރުމަށް ތާއިދުކުރެއްވީ 41 މެމްބަރުންނެވެ. އަދި ވޯޓް ސިއްރުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވީ 34 މެމްބަރުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކުރުމަށް މީގެކުރިން ނެގުނު ވޯޓުގައި ފެނިވަޑައިގަންނަވާ ކަމަށް 34 މެމްބަރުން ވޯޓުދެއްވިއިރު އެކަމާ ދެކޮޅަށް 39 މެމްބަރުން ވޯޓު ދެއްވިއެވެ.
އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމަށާއި މަޖިލީހުގެ ގަވާއިދަށް އެހެން އިސްލާހުތައް ގެނައުމުގެ މައްސަލަތައް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ މެމްބަރުން ވިދާޅުވި އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...