ކުށެއް ކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމަށް މަޖިލީހުގެ ރައީސަށް އަންގައި ހުއްދަ ނަގަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް އެގަވާއިދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 މާއްދާގެ ށ. ގައި ބުނަނީ ތަހުގީގަށް މެންބަރަކު ބަންދު ކުރެވޭނީ ނުވަތަ ހައްޔަރު ކުރެވޭނީ މަޖިލީހުގެ ރައީސް އަށް އެކަން އެންގުމަށް ފަހުގައި ކަމަށްވާތީ މި މާއްދާގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެ އެ މާއްދާ އަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. އެ މާއްދާ އަށް އޭނާ ހުށަހެޅުއްވި އިސްލާހު އާންމު ކޮމެޓީން ދިރާސާ ކުރުމަށް ފަހު ކޮމެޓީން ނިންމާފައި ވަނީ މެންބަރަކު ހައްޔަރު ކުރާތާ ގިނަވަގެން 15 މިނެޓް ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ އަމީންއާންމަށް އެކަން އަންގަންވާނެ ކަމަށެވެ.
މި ހުށަހެޅުނު އިސްލާހާ އެއްކޮޅަށް 27 މެމްބަރުން އަދި ދެކޮޅަށް 18 މެމްބަރަކު ވޯޓުދެއްވި އިރު ތިން މެންބަރަކު ވަކި ފަރާތަކަށް ވޯޓުދެއްވާފައެއް ނުވެއެވެ. ހަމަ އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް އިތުރު އިސްލާހެއް ވެސް ގެނަ އެވެ. އެއީ މަޖިލީހުގެ ގަވާއިދަށް 219 ވަނަ މާއްދާ ގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާ އެއްވެސް ތަނެއްގައި އެއްވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފް ވާހަކައެއް ދެއްކުން މަނާކުރާ ގަވާއިދެވެ.
މި މާއްދާ އިތުރުކުރަން ފެންނަކަމަށް 35 މެންބަރަކު ވޯޓުދެއްވިއިރު 7 މެމްބަރަކު ވޯޓް ދެއްވި އިރު ހަތަރު މެމްބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...