ރާއްޖޭގެ ޚަބަރު އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް ހުކުމް ތަންފީޒުކުރުމަށް ކުރާ މަސައްކަތަކީ އިސްރާފެއްކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ހައްދުފަހަނާޅާފައިވާ ވާހަކަތަކެއް: ހޯމް މިނިސްޓަރ

އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް ހުކުމް ތަންފީޒުކުރުމަށް ކުރާ މަސައްކަތަކީ އިސްރާފެއްކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ހައްދުފަހަނާޅާފައިވާ ވާހަކަތަކެއް: ހޯމް މިނިސްޓަރ

އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް ހުކުމް ތަންފީޒުކުރުމަށް ކުރާ މަސައްކަތަކީ އިސްރާފެއްކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ހައްދުފަހަނާޅާފައިވާ ވާހަކަތަކެއް: ހޯމް މިނިސްޓަރ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހޯމް މިނިސްޓަރ މުޙައްމަދު ޖަމީލް | ފޮޓޯ: ސަން

އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް ހުކުމް ތަންފީޒުކުރުމަށް ކުރާ މަސައްކަތަކީ އިސްރާފެއްކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ހައްދުފަހަނާޅާފައިވާ ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރ ޑރ މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަށް މަސައްކަތް ކުރުން އެންމެންގެ މައްޗަށް ވެސް ލާޒިމް ކަމަށާއި އެހެން ނަމަވެސް ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތަކީ އިސްރާފެއް ކަމަށް ދޭހަވާގޮތަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށާއި އެއީ ހައްދުފަހަނާޅާފައިވާ ވާހަކަތަކެއް ކަމަށެވެ.

"އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް ހުކުމް ތަންފީޒުކުރުމަށް ކުރާ މަސައްކަތަކީ އިސްރާފެއްކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަަކަކީ ހައްދުފަހަނަ އަޅާފައިވާ ވާހަކަތަކެއް. ގާނޫނު ތަންފީޒުކުރާތީ އެއްވެސް ފަރުދަކަށް ފާޑެއް ނުކިޔޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ ވައުދުގެ ދަތުރުގެ ނަމުގައި ށ. އަތޮޅަށް މިދިޔަ ހަފުތާގައި ވަޑައިގެން ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ނަޝީދު ވިދާޅުވީ ފުލުހުންގެ ވާޖިބަކީ ތަނެއްގައި ރާފުޅިއެއް ބަހައްޓާފައި ހުރުމުން ނުވަތަ ޒުވާން ކުއްޖަކު ހަކުރު ޕެކެޓެއް ހިފައިގެން އުޅުމުން މަތިންނާއި އަޑިން ނުވަތަ ހަތަރު ފަރާތުން އަރައި ހަމަލާދިނުން ނޫން ކަމަށާއި ދައުލަތުގެ ފައިސާ ބޭނުންކުރަން ޖެހޭނީ އެއަށް ވުރެ ޒިންމާދާރުކޮށް ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކުރުން ކަމަށް ވިދާޅުވި އެވެ. އަދި ހދ. ހޮނޑައިދޫ އަށް އެރުމަށް ދައުލަތުގެ ބަޖެޓުން 400،000ރ. ހަރަދުކޮށްފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު އިސްރާފެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ނަޝީދު ވާހަކަ ދައްކަވާފައި ވަނީ ކުށްކުރާ ފަރާތްތަކަށް ހިތްވަރު ލިބޭގޮތަށް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބަނގުރާބޮއެގެން ތިބެ ތޫނު ހަތިޔާރުން މީހުން މެރުން ފަދަ ޖަރީމާތައް ރާއްޖޭގައި ވެސް ހިންގަމުންދާ ކަމަށާއި އެހެންކަމުން އިސްލާމީ ޝަރީއަތުން ހައްދު ކަނޑައަޅާފައިވާ ކުށްތަކަށް ހިތްވަރު ލިބޭގޮތަށް އެއްވެސް މީހަކު ވާހަކަ ދައްކައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.