ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެން ޒަކީ ޖީއެމްއާރުގެ ހިމާޔަތުގައި ދެއްކެވި ވާހަކަ ތަކާދެކޮޅަށް މުޒާހަރާއެއް ބާއްވަން ޕީޕީއެމްއިން ނިންމައިފިއެވެ.
ޒަކީ އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީޕީން ވެރިކަމުގައި ތިބި ނަމަ ޖީއެމްއާރުގެ އިންވެސްޓްމަންޓް ހިމާޔަތްކުރަން އިންޑިއާގެ ސިފައިން ފޮނުވައިދޭން އެދުނީސް ކަމަށް އިންޑިއާގެ މީޑިއާގައި ވިދާޅުވެފައި ވާކަމަށް ވެއެވެ.
މިކަމާ ގުޅިގެން ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ޒަކީ އެފަދަ ވާހަކަތަކެއް ދައްކަވަމުން އެ ގެންދަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރު ކުރުވުމަށްޓަކައި ކަމަށެވެ. އެހެންކަމުން އެކަންތައްތަކާ ދެކޮޅަށް ހޯމަ ދުވަހު މުޒާހަރާއެއް ބާއްވާނެ ކަމަށެވެ.
"އިބްރާހިމް ހުސައިން ޒަކީގެ ވާހަކަފުޅުން ހީވާކަހަލަ އިންޑިއާ ސިފައިން ރާއްޖެ އަތުލަން މަސައްކަތް ކުރަމުންދާ ކަމަށް، އެހެން ނަމަވެސް އެ ބާވަތުގެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް އިންޑިއާ ސިފައިން އަދި އެ ސަރުކާރުގައި އޮތް ކަމަކަށް އެނގިފައެއް ނުވޭ،" ވަހީދު ވިދާޅުވި އެވެ.
ނޮވެމްބަރު ،3 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ދާދި ފަހުން ޒަކީ ދެއްކެވި ވާހަކަތަކަށް ވެސް އިޝާރާތްކުރައްވަމުން ވައްޑެ ވިދާޅުވީ އެއީ ވެސް ތަހުގީގުކުރަންޖެހޭ ވާހަކަތަކެއް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...