އިސްކޫލު ނިންމާފައި ސިޔާސީ މައިދާނުގައި ހޭކުނުދުވަސްވަރު ތަންކޮޅެއް ހަރުކުލައިގެ ބޭފުޅަކު ޤާނޫނު އަސާސީއާބެހޭގޮތުން ދެކެވުނު ވާހަކައެއްގެ ތެރޭގައި ބުނި ވަރަށް ތެދު ވާހަކައެއް ދާދި މިދާކަށްދުވަހު ފަޅާއެރި އަބަދުވެސް ހިނގާކަހަލަ ހާދިސާއެއްގެ ސަބަބުން ހިތުގައި އާރޯވެއްޖެއެވެ.
އެބޭފުޅާ ވިދާޅުވީ، ކޮއްކޯއޭ ޤާނޫނު އަސާސީއަކީ މަކުނުވާ ގަނޑެއްކަހަލަ އެއްޗެކެވެ. މަކުނުވާގަނޑަކާ އެބޭފުޅާ ޤާނޫނު އަސާސީ އެއްގޮތް ކުރި ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. "އޭގައި ބާރުގަދަ އެއްޗެއް ޖެހިއްޖެނަމަ މަކުނުވާގަނޑު ހިފައިގެން ހިނގާދެއެވެ. ދެރަނިކަމެތި އެއްޗެއް ޖެހިއްޖެނަމަ މަކުނުވާގަނޑުގައި ހަރުލާފައި އިނދެއެވެ. މަކުނުގެ ޙަމަލާތަކުގެ ސަބަބުން ހޭހަންވާއިރުވެސް މަކުނުވާގަނޑުގެ ތުރާކަމުން ސަލާމަތްވެގެންނެއް ނުދެވެއެވެ"
މިއަދު ދިވެހި މުޖްތަމަޢަށް ވިސްނާލީމާ މި މަކުނުވާގަނޑުގެ ދުއްތުރާ ލިބޭ ބަޔަކީ ހަމައެކަނި ދެރަ ނިކަމެތި ރައްޔިތުންކަމާއި، ސިޔާސީގޮތުންނާއި ފައިސާގެގޮތުން ބާރުގަދަ މީހުން މަކުނުވާގަނޑު ފުނޑާލާފައި ދާ މަންޒަރު ކިހާ ރީއްޗަށް ފެނޭތޯއެވެ؟
ވޭތުވެދިޔަ ވެރިކަމުގައި ހަރުމީހަކު ގެސްޓުހައުސްއެއްގެ ތެރެއިން ބަނގުރާބޮއިގެން ހުއްޓާ ރާފުޅިތަކާއެކު މަކުނުވާގަނޑުގައި ޖެއްސިއެވެ. އެކަމަކު ދިޔަގޮތަށްދިޔައީ މަކުނުވާގަނޑު ހިފައިގެންނެވެ. އޭގައި އެއްވެސް ބާރެއް ނެތެވެ.
ދާދިފަހުންވެސް މިދިމާވީ އެކަހަލަ ކަމެކެވެ. ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ތަށިކަމަށް ޝައްކުކުރެވޭ އެއްޗަކަށް އަޅައިގެން ރަށެއްކަމަށް ޝައްކުކުރެވޭ ތަނެއްގައި، ބޯން ކަމަށް ޝައްކުކުރެވޭ ގޮތަށް ތިއްބައި، އަތުލައި ގަތްހިނދު، ކުށްވެރިވީ އެ އަތުލައިގަތް މީހުންނެވެ. އަތުލައިގަނެވުނު މީހުންގެ ޙައްޤުގައި އެބައިމީހުން މަހަށްދާ އޮޑީގެ ކެޔޮޅުވެސް ނުކުމެއްޖެއެވެ. ކެޔޮޅު ބުނާގޮތުން އިތުބާރުނެތްކަމުގެ ވޯޓެއް ހުށަހަޅާފައި އޮއްވާ އެއްވެސް ފަޅުވެރިޔަކު ހައްޔަރެއް ނުކުރެވޭނެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓް ހުށަހަޅާފައި އޮންނަ ދުވަސްވަރަކީ ފަޅުވެރިންގެ ކިބައިން ގަލަން އުފުލިގެންވާ ދުވަސްވަރެކެވެ. އެދުވަސްވަރުގައި ރާބުޔަސް، ޒިނޭކުޅަޔަސް، މީހަކު މެރިޔަސް ހައްޔަރުކުރެވޭކަށް ނެތެވެ. ފުލުހުން ބުނަނީ ހައްޔަރު ކުރެވޭނެ ކަމަށެވެ. އެއީ ފުލުހުންގެ ޤާނޫނުގައި އޮންނަގޮތެވެ.
ދެން ބައްލަވާށެވެ. މިބައިމީހުން ހަދާ ޤާނޫނުގެ ދެކޮޅު ނުޖެހޭކަން ހުރިވަރަކީ މިއީއެވެ. އަބަދުވެސް އެއްޤާނޫނު އަނެއް ޤާނޫނާ ފުށުއަރައެވެ. އިންސާނުން އިންސާނުންގެ މައްޗަށް ޤާނޫނު ހަދަންވީމާ ވަނީ މިކަހަލަ ގޮތެކެވެ. ބޮޑު މުސާރަ ނަންގަވާފައި ޢިއްޒަތްތެރިކަން ހިއްޕަވައިގެން ތިއްބަވައިގެން ހަމަޖެހޭ އެއްޗެއް ހަދާނަމަވެސް ރަނގަޅެވެ.
ޢަދުލު އިންސާފު ހޯދައިދިނުމުގައި ޑިމޮކްރަސީ ގުރުނޑުވެފައިވާ މިންވަރު، ޑިމޮކްރަސީ އައި ފަހުން މިފަދަ އެއްވެސް ބޮޑުމީހަކަށް ކިތަންމެ ރެޑްހޭންޑުކޮށް އަތުލައިގަތުމަށްފަހުގައިވެސް، އެއްވެސް އަދަބެއް ނުދެވި ޤާނޫނު އަސާސީން އަތް ފޮޅާލާފައިވުމުން ވަރަށް ރަނގަޅަށް އެނގެއެވެ.
ރާބޯމީހާއާއި ރާފޮދު ހިއްޕަވާ މީހާއަށްވެސް އަދަބު ދެވޭނެ ނިޒާމެއް ގެންނަން އަހަރެމެން މަސައްކަތް ކުރަން އެބަޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...