ކުޑަކުދިންނަކީ މާބަނޑުވެ ވިހާނެ ބައެއް ނޫންކަމަށާއި ވިހާނީ ބޮޑެތި މީހުންކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަދުވަހުގެ ރޭ ސަންއެފްއިން ގެނެސްދިން "ސުވާލަކީ ކޮބާ؟" ޕްރޮގްރާމަށް އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް ސަމީރު ވިދާޅުވީ ޝަރުޢީ އުޞޫލުން ބަލާއިރު ކުއްޖާ ބާލިޣު ވެއްޖެކަމުގައިވާނަމަ އިސްލާމްދީނުގައި ބަލާނީ އެއީ ބޮޑު މީހެއްގެ ގޮތުގައިކަމަށާއި ކުޑަކުދިން މާބަނޑުވެ ވިހެއުމަކީ ވާނެކަމެއް ނޫންކަމަށެވެ.
"އުޞޫލުލް ފިޤްހު ގެ ފޮތްތައް ބައްލަވާލެއްވީމައި ފެނިވަޑައިގަންނަވާނެ މުސްލިމެއްކަމުގައިވެ ބާލިޣުވެ ބުއްދި ސަލާމަތުން ހުރެއްޖެއްޔާ އެފަދަ ޙާލަތުގައި އޭނައަކީ މުކައްލަފެއް. އޭނާ ކުރާ އަޅުކަންތައް ޞައްޙަވާނެ. އޭނާ ހިންގާ ޖިނާޔަތް އަދި އޭނާ ކުރާ ކޮންމެ ކަމެއްގެ ސަތޭކަ ޕަސެންޓު މަސްޢޫލުވާން ޖެހޭނެ މީހެއްކަމުގައި އޭނާ ވާނެ. އެއީ ވައްކަމެއް ކުރިކަމުގައި ވިޔަސް، ޒިނޭ ކުރިކަމުގައި ވިޔަސް، އަދި މީހެއްގެ މުދަލަށް އަރައިގެންކަމުގައި ވިޔަސް، އިސްލާމީ ޝަރުޢީ އުޞޫލުން ބަލާނީ އެއީ ތަސައްރަފު ފުދި ބޮޑުވެފައިވާ މީހެއްގެ ގޮތުގައި. އޭގެ މައްޗަށް އިސްލާމްދީނުގައި ޙައްދުތަކާއި އުޞޫލުތައް ކަނޑައެޅިފައިވަނީ" ޝައިޚް ސަމީރު ވިދާޅުވިއެވެ. ޝައިޚް އިތުރަށް ވިދާޅުވީ މިހާރުގެ ވަޟުޢީ ޤާނޫނުތަކުގައި ބައެއް ތަންތަނުގައި ކުއްޖާ ބޮޑުވަނީ 18 އަހަރުގައި ކަމަށާއި ނަމަވެސް ޝަރުޢީ އުޞޫލަކީ މީހަކު މުކައްލަފަކަށް ވެއްޖެއްޔާ އޭނާގެ ޝަރުޠު ހަމަވާކަމަށް ވާނަމަ އޭނާ ކުރާ ކޮންމެ ޖިނާޔަތެއް އަދި ކުރާ ކޮންމެ ޢަމަލަކީ އޭނާ ޒިންމާވާން ޖެހޭނޭ ކަމެއް ކަމަށެވެ.
އެހުންތެރިއާގެ ސުވާލަށް ޝައިޚް ޖަވާބު ދެއްވާފައިވަނީ މުޅީންވެސް ޝަރުޢީ ދަލީލު ގެ އަލީގައެވެ.
"ސުވާލަކީ ކޮބާ" ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފާއި ސަންއެފްއެމް ގުޅިގެން ކޮންމެ އަންގާރަދުވަހެއްގެރޭ 10 ން 11 އަށް ގެނެސްދޭ ސުވާލާއި ޖަވަބުގެ ލައިވް ޕްރޮގްރާމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...