ތ. ތިމަރަފުށީ ދެތަނޑިމާގެއިން ލޯނަރުތަކެއް ވަގަށްނެގި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ލޯނަރުތައް ވަގަށްނެގި ތ. ތިމަރަފުށި ދިލާވަރުގެ، އުމުރުން 21 އަހަރުގެ މުޙައްމަދު ޔާސިރުގެ މައްޗައް ވަނީ މި މައްސަލައާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 08 ވަނަ ދުވަހު ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެރޭ ތ. ތިމަރަފުށި ދެތަނޑިމާގޭ ބޭރުދޮރުގައި ހަރުކޮށްފައިހުރި ތަންޑު ނައްޓާލައިގެން އެގެއަށްވަދެ، އެގޭ ހުޅަނގުފަރާތު ކޮޓަރީގެ ބޭރު ކުޑަދޮރުން ހަތަރު ބިއްލޫރި ލޫވަރގަނޑު ނައްޓާލައިގެން އެކޮޓަރިތެރެއަށް ވަދެ އެކޮޓަރި ތެރެއިން 20 ކިލޯ ބަރުދަންހުރި ލޯނަރު އޭނާވަނީ ވަގަށްނަގާފައެވެ.
މުޙައްމަދު ޔާސިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލޯނަރުތައް ފުލުހުން ހޯދާފައި ވަނީ ތިމަރަފުށީގެ އުތުރުފަރާތު އަތިރިމަތީހުރި ގުދަނެއްކައިރީ ރައްކާކޮށްފައި ހުއްޓައެވެ. އަދި އޭނާ ވަގަށް ނަގާފައިވާ ލޯނަރުތައް ފުލުހުން ހޯދައި އެތަކެތީގެ ވެރިފަރާތާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.
ލޯނަރުތައް ވަގަށްނެގި މި މައްސަލައިގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...